ވާދަވެރިން ދޮގު ވާހަކަތައް ފެތުރިނަމަވެސް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ޓީމް އޮތީ ވަރުގަދަކޮށް ކަމަށް ރައީސްގެ ސްޕެޝަލް އެޑްވައިޒަރު އަދި ފޮނަދޫ ދާއިރާގެ އިންތިހާބީ މެމްބަރު އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ.
އަބްދުއްރަހީމް "ދަ ޕްރެސް"އަށް ވިދާޅުވީ ވާދަވެރިންގެ ރޭވުމަކަށްވެގެން އުޅެނީ ރައްޔިތުންނަށް ކަންކަން އޮޅުވާލުން ކަމަށެވެ. އަދި ނިމިދިޔަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ވެސް ސުޕާ މެޖޯރިޓީއާއެކު ޕީއެންސީއިން ކާމިޔާބު ކުރީ އިދިކޮޅު ފަރާތްތަކުން ދޮގު ވާހަކަތައް ފަތުރަމުންދަނިކޮށް ކަމަށެވެ.
އަދިވެސް އެފަދަ ދޮގު ވާހަކަތައް ފަތުރަމުން ދަނީ ރައީސް މުއިއްޒުގެ ވެރިކަމުގެ ފުރަތަމަ ދުވަހުން ފެށިގެން އެމަނިކުފާނުގެ އަގު ވައްޓާލައި އިތުބާރު ގެއްލުވާލުމަށް ކެނޑިނޭޅި ދޮގު ވާހަކަތައް ފަތުރަމުން ދަނިކޮށް، މަޖިލިސް އިންތިހާބުގައި ޕީއެންސީއަށް ސުޕާ މެޖޯރިޓީ ލިބުމުން ވެސް އެކަން ބަލައިނުގަނެވިގެން ކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.
އަބްދުއްރަހީމް ވިދާޅުވީ މަޖިލިސް އިންތިހާބުގައި ރައީސްއަށް ފުރިހަމަ ތާއީދާއި އިތުބާރު އޮތްކަން ދިވެހިން ދައްކާލާފައިވާ ކަމަށެވެ. އަދި އެކަން ބަލައި ނުގަނެވި، އެމަނިކުފާނުގެ ޓީމު ރޫޅާލުމަށް އިތުރަށް ފަތުރާ ދޮގު ހަބަރުތަކުން، އެފަދަ ހަބަރުތައް ފަތުރާ ފަރާތްތައް ފަޟީހަތްވުން ނޫން އިތުރު ކަމެއް ހާސިލު ނުވާނެ ކަމަށް ނުވާނެ ކަމަށް ވެސް އަދުރޭ ވިދާޅުވިއެވެ.
މީގެއިތުރުން އަބްދުއްރަހީމް ވަނީ ރައީސްގެ ދެކަނބަލުން އުމްރާ ކުރެއްވުމަށް ސައުދީއަށް ވަޑައިގަތުމުން ރައީސްއަށް މެހެމޭންދާރީ އަދާ ނުކުރާ ކަމަށް ދެކެވެމުންދާ ވާހަކަ ދޮގު ކުރައްވާފައެވެ. އޭނާ ވިދާޅުވީ ރައީސް ވަޑައިގެންނެވީ ސައުދީ ރަސްގެފާނުގެ މެހެމާންދާރީގައި ރަސްގެފާނު ފޮނުއްވި ހާއްސަ ޖެޓެއްގައި ކަމަށެވެ. އަދި ރައީސްއަށް މަރުހަބާ ދެންނެވީ ގަވަރުނަރު ކަމަށާއި އެމަނިކުފާނަށް އޮނަގާޑެެއް އެރުއްވިކަން އަބްދުއްރަހީމް ފާހަގަ ކުރެއްވިއެވެ.
އަބްދުއްރަހީމް އިތުރަށް ވިދާޅުވީ ވާދަވެރިން އެފަދަ ދޮގު ވާހަކަތައް ދެއްކި ނަމަވެސް ރައީސް މުއިއްޒުގެ ޓީމު އޮތީ ބަދަހިކޮށް ކަމަށެވެ. އަދި ދިވެހީން ދާނީ މުއިއްޒު ދުވެލީގައި ގައުމައިގެން ކުރިޔަށް ކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފައެވެ.
އަދުރޭ ވާހަކަ ދައްކަން ފެށުމުގެެ ކުރިން ދަރިފުޅު އިނގިރޭސި ކްލާހަކަށް ލާބަލަ. ހެޔޮ ނުވާނެ!