ދިވެހިރާއްޖޭގެ އާބާދީގެ 21 ޕަސެންޓަކީ ކުޑަކުދިން ކަމަށް މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސް އިން ބުނެފިއެވެ.
އުމުރުން 17 އަހަރާ ހަމައަށް ކުޑަކުދިންގެ ގޮތުގައި ބަލާއިރު އަންދާޒާ ދައްކާ ގޮތުގައި ކުޑަކުދިންގެ އާބާދީއަކީ 134،121 ކަމަށް ވާއިރު އޭގެ ތެރެއިން ދިވެހި ކުދިންގެ އާބާދީއަކީ 130،504 އެވެ. އޭގެ ތެރެއިން 52 ޕަސެންޓަކީ ފިރިހެން ކުދިން ކަމަށް ވާއިރު 48 ޕަސެންޓަކީ އަންހެން ކުދިންނެވެ.
އެ އާބާދީގެ ތެރެއިން މާލޭގައި ދިރިއުޅެމުން ދަނީ 52،493 ކުދިން ކަމަށް ވާއިރު އަތޮޅު ތެރޭގައި ދިރިއުޅެމުން ދަނީ 78،011 ކުއްޖެކެވެ.
2022 ވަނަ އަހަރުގެ ބޯހިމެނުމުގެ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި މަސައްކަތް ކުރާ އުމުރުފުރާއަށް ބަރޯސާވާ ކުޑަކުދިންގެ ނިސްބަތަކީ 39 ކަމަށް ވާއިރު ކޮންމެ 100 މަސައްކަތު އުމުރުފުރާގެ މީހަކަށް 39 ކުޑަކުދިން ބަރޯސާވެއެވެ.
ސްކޫލްތަކުގައި ކިޔަވާ ކުދިންގެ އަދަދަށް ބަލާއިރު މާލެ ސަރަހައްދުގައި 37،463 ކުއްޖަކު ކިޔަވަމުންދާއިރު ދެން އެންމެ ގިނަ ކުދިން ކިޔަވަމުން ދަނީ ހދ އަތޮޅުގައެވެ. އެއީ 5،961 ކުދިންނެވެ. އައްޑޫ ސިޓީގައި 5،513 ކުއްޖަކު ކިޔަވަމުންދާއިރު ރ އަތޮޅުގައި ކިޔަވަމުންދަނީ 4،473 ކުއްޖެކެވެ. އެންމެ މަދު ކުދިން ކިޔަވަމުންދަނީ ވ އަތޮޅުގައި ކަމަށްވާއިރު އެއީ 406 ކުދިންނެވެ.
ކުޑަކުދިންނަށް ކުރާ އަނިޔާގެ ފާއިތުވީ 7 އަހަރުގެ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި އެންމެ ގިނަ މައްސަލަ ރިޕޯޓްކޮށްފައިވަނީ 2019 ވަނަ އަހަރެވެ. އެ އަހަރުގައި 1375 މައްސަލައެއް ވަނީ ރިޕޯޓްކޮށްފައެވެ. އަދި އެންމެ ގިނައިން ޖިންސީ ގޯނާގެ މައްސަލަތައް ރިޕޯޓްކޮށްފައިވަނީ މިދިޔަ 2020 ވަނަ އަހަރު ތެރޭގައެވެ.
މިދިޔަ އަހަރު ކުޑަކުދިންނަށް ކުރާ އަނިޔާ ރިޕޯޓްކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި އެންމެ ގިނައިން ރިޕޯޓްކޮށްފައި ވަނީ އަޅާނުލުމުގެ މައްސަލަތައް ކަމަށްވާއިރު އެ ފަދަ 284 މައްސަލައެއް ވަނީ ރިޕޯޓް ކޮށްފައެވެ.
2022 ވަނަ އަހަރުގެ ބޯހިމެނުމުގެ ތަފާސް ހިސާބުތަކުގައިވާ ކުޑަކުދިންގެ ދިރިއުޅުމުގެ ކަންތައްތައް ހަމަޖެހިފައިވާ ގޮތަށް ބަލާއިރު ކުޑަކުދިންގެ އާބާދީގެ ބޮޑު ބައެއް ދިރިއުޅެމުންދަނީ މަންމަ އަދި ބައްޕައާއެކުގައެވެ. އެހެންނަމަވެސް އެންމެ ތުއްތު އިރުން ފެށިގެން ހަމައެކަނި މަންމައާއެކު ދިރިއުޅެމުންދާ ކުޑަކުދިންގެ އާބާދީ ބޮޑެވެ.
އެހެނިހެން ތިމާގެ މީހަކާއެކު އަދި ތިމާގެ ކަމެއް ނެތް މީހަކާއެކު ދިރިއުޅެމުންދާ ކުދިންވެސް ތިބިއިރު ދޮންމަންމަ އަދި ބައްޕައާއެކު އާއި ހަމައެކަނި ބައްޕައާއެކު އުޅޭ ކުދިންވެސް އެބަ ތިއްބެވެ.