އިޒްރޭލުން ރަފާ ހިފާނަމަ އެމެރިކާއިން ހަތިޔާރު ދިނުން ހުއްޓުވާނެ ކަމަށް އެގައުމުގެ ރައީސް ޖޯ ބައިޑަން ވިދާޅުވުމުން އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އެކަމަށް ގޮން ޖަހައިފިއެވެ.
ނަތަންޔާހޫ ބުނީ, ރަފާ ހިފަން ނުވަތަ ފުނޑުފުނޑު ކޮށްލަން ބޭނުންވާ ހުރިހާ ހަތިޔާރެއް އެބަހުރި ކަމަށާއި އެމެރިކާއިން ހަތިޔާރު ދިނަސް ނުދިނަސް އެކަން ކުރާނެ ކަމަށެވެ. ގާޒާގައި ކުރިއަށް ގެންދާ އުދުވާނަށް އިޝާރާތް ކުރަމުން އޭނާ އިތުރަށް ބުނީ, 1948 ގައި އިޒްރޭލުން އަރަބިން ބަލިކުރީ މިހާރު ހުރި ކަހަލަ އެއްވެސް ވަސީލަތެއް ނެތި ކަމަށާއި, މިހާރު ޓެކްނޮލިޖީއާއި ޒަމާނީ ހަތިޔާރާއެކު އިޒްރޭލަކީ ވަރުގަދަ ބާރެއް ކަމަށެވެ. އެހެން ކަމުން އެމެރިކާއިން ހަތިޔާރު ދިނަސް ނުދިނަސް އިޒްރޭލު ނުހުއްޓުވޭނެ ކަމަށާއި ރަފާ އަށް އަރާނެ ކަމަށެވެ.
އިޒްރޭލުން ރަފާ އަށް އަރާ މައްސަލައިގައި އެމެރިކާއިން މީގެ ކުރިންވެސް ބުނަމުން ދިޔައީ ރަފާ އަށް އަރައިފި ނަމަ އެތާ ތިބި އެތައްހާސް ރައްޔިތުންގެ ފުރާނައަށް ނުރައްކާ ވާނެ ކަމަށާއި އާންމުންގެ ރައްކާތެރިކަން ކަށަވަރު ކުރަން އިޒްރޭލުން ގެންގުޅޭ ޕްލޭންގެ ސާފު މައުލޫމާތު ލިބިފައި ނުވާ ކަމަށެވެ. އެހެން ކަމުން އެ ޕްލޭނަށް ތާއީދު ނުކުރާނެ ކަމަށް ބުނެފައި ވަނިކޮށް އިޒްރޭލުން ރަފާގެ އިރުމަތިން އަރަން ފަށާފައި ވަނިކޮށް އެމެރިކާއިން ވަނީ އިޒްރޭލަށް ދޭން ނިންމި 14 ބިލިއަން ޑޮލަރުގެ އަސްކަރީ ޕެކޭޖްގައި ހިމެނޭ އެއް ޝިޕްމަންޓް ހިފަހައްޓާފައެވެ. ނަމަވެސް އެ ޕޭކްޖްގެ ދަށުން ބައެއް ޝިޕަމަންޓް އެމެރިކާއިން މީގެ ކުރިން ވަނީ އިޒްރޭލަށް ފޮނުވާފައެވެ.
ރަފާގެ އިތުމަތިން އިޒްރޭލު ސިފައިން ވަދެ ރަފާ އާއި މިސްރު ގުޅޭ ބޯޑަރު ބަންދު ކޮށް އާންމު ގެދޮރަށް ހަމަލާދީ ސުންނާފަތި ކުރަމުން ދާ އިރުވެސް އެމެރިކާއިން ބުނަނީ 'ރަފާ ހިފައިފިނަމަ' އެވެ. އަދި އިޒްރޭލުން ރަފާގައި ހިންގަނީ 'ލިމިޓެޑް' [ކުޑަ މިންވަރެއްގެ] އޮޕަރޭޝަނެއް ކަމަށެވެ.
އިޒްރޭލުން އެރި ރަފާގެ އިރުމަތީ ބިތަކީ 100,000 މީހުން ދިރިއުޅެމުން އައި ތަނެކެވެ. އިޒްރޭލުގެ ހަމަލަތަކާއި އިންޒާރުތަކާ ހެދި އެތަން ދޫކޮށް މިހާތަނަށް 80,000 މީހުން ފައިގެން ހާން ޔޫނިސް އާއި އަލް މަވާސީ އަށް ހިނގައްޖެއެވެ.
ނަތަންޔާހޫ ބުނީ އިޒްރޭލު އެކަނި ވިޔަސް ފަރުވާލެއް ނެތް ކަމަށާއި ހަނގުރާމަ ކާމިޔާބު ކުރުމަށް އިނގިލި ކޮޅުން [ނިޔަފަތިން ވިކުން[ ހަމަލާ ދޭން ޖެހުނަސް އެކަން ވެސް ކުރާނެ ކަމަށެވެ.
ވައިޓްހައުސް އިން ބުނަނީ ރަފާ ތަޅާ ސުންނާފަތި ކޮށްލައިގެން ހަމާސް ބަލިކުރުމަށް އިޒްރޭލުން ގެންގުޅޭ ވިސްނުން ކާމިޔާބު ވާނެ ކަމަށް ގަބޫލު ނުކުރާ ކަމަށެވެ.
ވައިޓްހައުސްގެ ނެޝަނަލް ސެކިއުރިޓީ ތަރުޖަމާން ޖޯން ކާބީ ވިދާޅުވީ އެކަމުގައި އިޒްރޭލާ އެއްބަސް ނުވެވޭ ކަމަކީ ހަމާސް ބަލިކުރަން އިޒްރޭލުން ރަފާއަށް އަރާ އެތަން ފުނޑުފުނޑު ކުރަން ދައްކާ ވާހަކަ ކަމަށެވެ.