މާލޭގައި މިއަދު ހިނގި ދެ އެކްސިޑެންޓެއްގައި ދެ މީހަކަށް އަނިޔާވެ، އެކަކަށް އައިޖީއެމްއެޗްގައި ފަރުވާދީފިއެވެ.

އެގޮތުން މިއަދު އެންމެ ފުރަތަމަ ހިނގީ ހެނދުނު 9 ޖަހާކަން ހާއިރު އަމީނީމަގާއި ކޮއިމަލާ ހިނގުން ގުޅުނު ކަންމަތިން ދެ ސައިކަލެއް ޖެހި ހިނގި އެކްސިޑެންޓެވެ. މި އެކްސިޑެންޓުގައި އަނިޔާވީ ބިދޭސީއަކަށެވެ.

އޭގެ ގާތްގަނޑަކަށް ތިން ގަޑިއިރު ފަހުން ހަވީރީ ހިނގުމުގައި ހުންނަ ފުންހިޔާ ބިލްޑިން ކުރިމަތިން ދުއްވާފައި ދިޔަ ސައިކަލަކާއި ޕިކަޕެއް ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވީ ސައިކަލު ދުއްވަން އިން ދިވެއްސަށެވެ. ފުލުހުން ބުނީ، އެ އެކްސިޑެންޓުގައި އަނިޔާވި ފިރިހެން މީހާގެ ބޯ ފަޅައިގެން ގޮސް އޭނާގެ ފައިގެ ކަށިމަތި ފަޅައިގެން ދިޔަ ކަމަށެވެ.

އެ އެކްސިޑެންޓުގައި އަނިޔާވި މީހާ ޕިކަޕެއްގައި އައިޖީއެމްއެޗަށް ގެންގޮސް ފަރުވާ ދީފައިވާ ކަމަށާއި، އޭނާގެ ހާލު މިހާރު ރަނގަޅު ކަމަށް ފުލުހުން ބުންޏެވެ. އަދި އާއިލާ އާ އޭނާ މިހާރު ހަވާލުކޮށްފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ މި ދެ އެކްސިޑެންޓު އިތުރަށް ބަލައި ތަހްގީގުކުރަމުންދާ ކަމަށެވެ.

ފުލުހުން އާންމުކުރި ފަހުގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، މި އަހަރުގެ މިހާތަނަށް ދެވަނައަށް އެންމެ ގިނައިން ހުށަހެޅިފައިވަނީ އެކްސިޑެންޓްތަކާ ގުޅުންހުރި 1،080 މައްސަލައެކެވެ. މި އަހަރު އެކްސިޑެންޓާ ގުޅުންހުރި މައްސަލަތައް އެންމެ ގިނައިން ހުށަހެޅިފައިވަނީ މާޗު މަހުގައެވެ. އެ މަހު އެކަނިވެސް 301 މައްސަލަ ހުށަހެޅިފައިވެއެވެ.