އިންޑިއާގެ އެއާލައިން، އެއާ އިންޑިއާ އެކްސްޕްރެސްގައި ގިނަ މައްސަލަތަކެއް ފެންމަތިވެ 300 މުވައްޒަފުން ކުއްލިއަކަށް ސިކް ލީވް ނަގައި ފޯނު ނިއްވާލައިފިއެވެ.

މި މައްސަލަލަ އާ ގުޅިގެން މުޅި ފްލައިޓް އޮޕަރޭޝަނަށް ބުރޫ އަރާ މައި ކުންފުނި ޓެންޝަނަށް ގޮސްފައި ވާ އިރު، ސިކް ލީވް ނެގި މީހުންގެ ތެރެއިން 30 ކެބިން ކްރޫއިން މިއަދު ވަޒީފާއިން ވަކިވެސް ކޮށްފިއެވެ.

ހަބަރުތައް ބުނާގޮތުން ސިކް ލީވް ނެގި މުވައްޒަފުން އެނބުރި ވަޒީފާއަށް ނިކުތުމަށް މިއަދުގެ 4 ޖެހުމާ ހަމައަށް ވަގުތު ދީފައި ވާ އިރު، އެގައިޑިއަށް ނުނިކުންނަ މުވައްޒަފުންގެ ތެރެއިން އިތުރު ބަޔަކު ވެސް ވަޒީފާއިން ވަކިކުރާއެވެ.

މި ހާދިސާ އާ ގުޅިގެން މިއަދު އެކަނިވެސް ވަނީ 85 ފްލައިޓް ކެންސަލް ވެފައެވެ.

އަގުހެޔޮ ފްލައިޓެއްގެ ގޮތުގައި ޓާޓާ ކުންފުނިން އޮޕްރޭޓް ކުރާ އެއާ އިންޑިއާ އެކްސްޕްރެސް އަކީ އެއާ އިންޑިއާގެ ސްބަސިޑިއަރީއެކެވެ.

ހަބަރުތައް ބުނާގޮތުން އިހުތިޖާޖެއްގެ ސިފައިގައި މުވައްޒަފުން މި އަމަލު ހިންގީ މަތީ މަގާމުތަކަށް އިންޓަވިއު ކޮށް ވަޒީފާއަށް ނެގުމަށް ފަހު ދަށް ފަންތީގެ މަސައްކަތްތައް ހަވާލު ކުރުމާއި މުވައްޒަފުންނާ މެދު ތަފާތު ކުރުން ގެންގުޅޭތީއެވެ.

މީގެ އިތުރުން މުވައްޒަފުންނަށް ކަނޑައަޅާފައި އޮންނަ ކޮމްޕަންސޭޝަން ޕެކޭޖްތައް ކުއްލިއަކަށް މުރާޖައާ ކުރުމާއި މުވައްޒަފުންނާ ގުޅޭ ޕޮލިސީތަކަށް ގެނައި ބަދަލުތަކަކީވެސް މުވައްޒަފުން އިހުތިތާޖު ކުރަން ދިމާވި އެއް ސަބަބެވެ.

މިއީ ބިލިއަން ޑޮލާ ވިޔަފާރި ހިންގާ ޓާޓާ އަށް ގާތްގާތުގައި ދިމާވި މިފަދަ ދެވަނަ މައްސަލައެވެ. މީގެ ކުރިން އެކުންފުނިން އޮޕަރޭޓް ކުރި ވިސްޓާރާގެ ޕައިލެޓުން ވެސް ވަނީ އެމީހުންގެ ޑިއުޓޯ ރޮސްޓާތައް ކުއްލިއަކަށް ބަދަލުކުރުމާއި މުސާރައާއި އިނާޔަތްތަކަށް ގެނައި ބަދަލާ މެދު ހިތްހަމަ ނުޖެހި އިހުތިޖާޖެއް ކޮށްފައެވެ.

މި ހާދިސާ އާ ގުޅިގެން އެއާ އިންޑިއާ އެކްސްޕްރެސް އިން ބުނީ، 85 ފްލައިޓް މިއަދު ކެންސަލްވި ނަމަވެސް މިވަގުތު ހުރި ހުރިހާ ރިސޯސަސް އެއްގެ ބޭނުން ހިފައި މިއަދު 283 ފްލައިޓް އޮޕަރޭޓް ކުރާނެ ކަމަށެވެ.

އެއާ އިންޑިއާ އެކްސްޕްރެސް އަށް މި މައްސަލަ ދިމާވި މިވަގުތަކީ އިންޑިއާގެ އެއާއޭޝިއާ އާ މި އެއާލައިން މާޖް ކުރުމުގެ މަޝްވަރާތަކެއް ހިނގަމުން ދާ ވަގުތެކެވެ.