ފާއިތުވި 6 މަސް ދުވަހުގެ ތެރޭގައި ވައްކަމުގެ އެކި މައްސަލަތަކުން 4 މިލިއަނެއްހާ ރުފިޔާ ހޯދާފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.

ފާއިތުވި 6 މަސްދުވަހުގެ ތެރޭގައި ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް ރައްކާތެރި ފުލުހުން ވަނީ ގިނަ މަސައްކަތްތަކެއް ކޮށްފައެވެ.

އެގޮތުން ވައްކަމުގެ އެކި މައްސަލަތަކުން ހަތަރު މިލިއަނެއްހައި ރުފިޔާ އަނބުރާ ހޯދުމުގެ އިތުރުން ފުލުހުން ވަނީ މަސްތުވާތަކެއްޗާ ދެކޮޅަށް 309 އޮޕަރޭޝަން ހިންގައި 35 ކިލޯގެ މަސްތުވާތަކެތި އަތުލައި ގަންފައެވެ. އަދި ގަވާއިދާ ހިލާފަށް ރާއްޖޭގައި މަސައްކަތް ކުރަމުންދާ ބިދޭސީންގެ ތެރެއިން ޖިނާއީ ކުށްތަކުގައި ޝާމިލުވި 50 މީހަކު ޑީޕޯޓުކުރުމަށް މޯލްޑިވްސް އިމިގްރޭޝަނާ ހަވާލުކޮށްފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ޖިނާއީ ތަހުގީގު ކުރުމަށް ބަލާއިރު ފުލުހަށް ހުށަހަޅާފައިވާ މައްސަލަތަކުގެ ތެރެއިން 554 މައްސަލައެއްގެ ތަހުގީގު ނިންމާ ދައުވާކުރުމަށް ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވާ ކަމަށް ފުލުހުން ބުނެއެވެ. އަދި ކުރިން ތަހުގީގު ކޮށްފައިވާ 42 މައްސަލައެއްގައި ކޯޓު މަރުހަލާގައި ހުކުމްތައް ކޮށްފައިވާ ކަމަށާއި މި މުއްދަތުގައި އެކި މައްސަލަތަކުގައި 3691 މީހުން ހައްޔަރުކޮށްފައިވާކަން ފުލުހުން ބުނެއެވެ.

މީގެއިތުރުން ކުށުން ރައްކާތެރިކުރުވުމަށް ރައްޔިތުންނަށް މައުލޫމާތު ދިނުމާއި ގާނޫނުތަކާއި ގަވާއިދުތަކަށް އަހުލުވެރިކުރުވުމަށް މައުލޫމާތު ދިނުމުގެ ޕްރޮގްރާމްތައް ފުލުހުން ވަނީ ހިންގާފައެވެ. އެގޮތުން އަވައްޓެރި ފުލުހުންގެ ހިދުމަތުގެ ތެރެއިން 905 ހަރަކާތް މުޅި ރާއްޖޭގައި ހިންގާފައިވާއިރު ރައްޔިތުންނަށް ހާއްސަކޮށްގެން 525 ޕްރޮގްރާމެއް ވަނީ ހިންގާފައެވެ.

ދިވެހި ފުލުހުންގެ ހިދުމަތުގެ މުވައްޒަފުންގެ ގާބިލުކަން ވަޒަންކުރުމަށްޓަކައި އެކުލަވައިލާފައިވާ ޕޮލިސިން ޕްރޮފެޝަނަލް ފްރޭމް ވޯކަށް މުވައްޒަފުން އަހުލުވެރިކުރުވުމުގެ މަސައްކަތް މި މުއްދަތުގައި ފަށާފައިވާއިރު، ކުއްލި ހާލަތްތަކުގައި އަމަލުކުރާނެގޮތުގެ ޕްލޭނާއި ތަހުގީގު ދާއިރާ ހަރުދަނާކުރުމަށް ފްރޭމް ވޯކް އެކުލަވައިލުމުގެ މަސައްކަތް، ރާއްޖޭން ބޭރުގެ ތަޖުރިބާކާރުންގެ އެހީތެރިކަމާއެކު ފުލުހުން ވަނީ ފަށާފައެވެ.