ރާއްޖޭގައި ފުރަތަމަ ފަހަރަށް ކޭޝިއަރެއް ނެތި ވިޔަފާރި ކުރެވޭ ގޮތަށް އެސްޓީއޯ އިން ހެދި "އެސްޓީއޯ ސްމާޓް ޝޮޕް" 24 ގަޑިއިރު ހުޅުވާފައި ހުންނާނެ ކަމަށް އެސްޓީއޯ އިން ބުނެފިއެވެ.

ހުޅުމާލޭ ފޭސް އެކެއްގެ ފިހާރަބަރި (ކުރިން އެސްޓީއޯ ފިހާރަ) ހިންގި ތަނުގައި ހުންނަ މި ފިހާރަ ހުޅުވާފައިވަނީ މިދިޔަ މަހުގެ 27 ވަނަ ދުވަހުއެވެ.

މި ފިހާރައިން ކުރާ ވިޔަފާރީގެ ހުރިހާ މުއާމަލާތެއް ވެސް ކުރެވޭނީ މޯބައިލް އެޕްލިކޭޝަން "އެސްޓީއޯ ސްމާޓް ސްޓޯ" މެދުވެރިކޮށެވެ. އެޕްލިކޭޝަނުގައި އެމީހެއްގެ ބޭންކު ކާޑު ރެޖިސްޓަާކޮށް ލޮގިންއެއް ހެދުމުން އެ ފިހާރައިން ވިޔަފާރި ކުރުމުގެ މަގުފަހިވެގެންދާނެ ކަަމަށް އެސްޓީއޯ އިން ބުނެއެވެ.

އެގޮތުން ފިހާރައަށް ވަންނަ ދޮރުގައި އިންނަ ކިއު އާރު ކޯޑު ސްކޭން ކޮށްލީމަ ދޮރު ހުޅުވޭނެއެވެ. ދެން ބޭނުންވާ އެއްޗެހި ނަގައިގެން ނުކުންނަތާ ސިކުންތު ކޮޅެއްގެ ތެރޭގައި އެޕުގައި އިންޓަގުރޭޓުކޮށްފައި އިންނަ ކާޑުން ފައިސާ ކެނޑޭނެއެވެ.

އެސްޓީއޯގެ ސްމާޓް ސްޓޯ އައިއޯއެސް އާއި އަދި އެންޑްރޮއިޑް އިން ވެސް ޑައުންލޯންޑް ކުރެވޭނެއެވެ. އެ ފިހާރައިގައި ހުންނަ އޭއައި ކެމެރާތަކުން ހަރުތަކަށް ފިހާރައިގެ ސްޓޮކު ބެލެހެއްޓުމުގެ ގާބިލުކަން ލިބިފައި ވެއެވެ. މި ފިހާރައިގެ ސަބަބުން ފިހާރައިގައި ކަސްޓަމަރުން ހޭދަކުރަންޖެހޭ ވަގުތު ކުޑަވާއިރު، ފައިސާގެ މުއާމަލާތްތައް ކުރުމުގައި އަރާ އޮޅުންތައް އެއްކޮށް ނައްތާލާނެ ކަމަށް އެސްޓީއޯ އިން ބުނެއެވެ.

ގިނަ ބާވަތުގެ ތަކެތި މި ފިހާރައިން ލިބެން ހުންނައިރު އާންމު ގަޑިތަކުގައި މިހާރު ފިހާރަ ހުޅުވާފައި ހުރި ނަމަވެސް ކުރިއަށް އޮއްތާ 24 ގަޑިއިރު މި ފިހާރަ ހުޅުވާނެ ކަމަށް އެސްޓީއޯއިން ބުނެއެވެ. އެސްޓީއޯއިން ބުނީ، މި ކޮންސެޕްޓަކީ ދިވެހިންނަށް މުޅިން އާ ކޮންސެޕްޓެއް ކަމުގައި ވީނަމަވެސް މިއީ ދުނިޔޭގެ ކުރިއަރާފައިވާ ގައުމުތަކުގައި މިހާރުވެސް ބޭނުން ކުރަމުން އަންނަ ޓެކްނޮލޮޖީއެއް ކަމަށެވެ.