ޝޫޓިން ނިމެން ކައިރިވެފައި އޮތް ފިލްމު "ބިބީ" އަކީ ޑާކްރެއިނުން ދެން އެންމެ އަވަހަށް އޮލިމްޕަސް ސްކްރީނުގައި އަޅުވާނެ ފިލްމުކަމަށް ފިލްމުގެ ޓީމުން ބުނެފިއެވެ.
ކުރިން މި ފިލްމަށް ދިން ނަމަކީ "އަވަ" އެވެ. ނަމަވެސް ފަހުން ފިލްމުގެ ނަން ވަނީ "ބިބީ" އަށް ބަދަލުކޮށްފައެވެ. މި ފިލްމަކީ ޝަހުދާ މަހްމޫދު ޑައިރެކްޓްކުރާ ފިލްމެކެވެ. މިއީ ޝަހުދާގެ ފުރަތަމަ ފީޗާ ފިލްމުވެސްމެއެވެ. އާރްޖޭއެއްގެ ގޮތުގައި މަޝްހޫރުކަން ހޯދާފައިވާ ޝަހުދާގެ އަލަތު ފީޗާ ފިލްމުގައި ލީޑު ރޯލު ކުޅެނީ އޭނާގެ ފިރިމީހާ ޝަރަފް އަބްދުﷲ އެވެ. ފިލްމުގެ އަންހެން ލީޑު ރޯލުން ފެނިގެންދާނީ ޑާކްރެއިންގެ މޫނުކަމަށްވާ މަރިޔަމް މަޖުދާ (މަޖޫ) އެވެ. ފިލްމީ ދާއިރާގައި ކުޑަދުވަސްކޮޅެއްގެ ތެރޭގައި ބޮޑު މަގްބޫލުކަމެއް ހޯދި ޝަރަފްގެ އެކްޓިން ވަނީ ބެލުންތެރިން ބަލައިގެންފައެވެ. މި ފިލްމަކީ ހޮރޯ ކޮމެޑީ ޖޯންރާ އަށް ބިނާކޮށް ތައްޔާރުކުރާ ފިލްމެކެވެ. ފިލްމުގައި މަޝްހޫރު ބަތަލާ ޝީލާ ނަޖީބުގެ ރޯލެއްވެސް ހިމެނެއެވެ.
މި ފިލްމު އަޅުވާނެ ވަކި ތާރީހެއް އަދި އިއުލާންކޮށްފައިނުވި ނަމަވެސް ފިލްމުގެ ފަސްޓްލުކް ޕޯސްޓަރުތަކެއް އަވަސް މުސްތަގްބަލެއްގައި އާންމުންނަށް ދައްކާލާނެ ކަމަށް ބެލެވެއެވެ. ޑާކްރެއިނުން އޮލިމްޕަހަށް ގެނައި އެންމެ ފަހު ފިލްމަކީ "ފުރޭތަ" އެވެ. އެ ފިލްމަކީ ވެސް އެކްޓަރު ޝަރަފް ލީޑު ރޯލުން ފެނިގެންދިޔަ ފިލްމެކެވެ. މިހާރު އޮލިމްޕަހުގައި އަޅުވާފައި އޮތީ ޑައިރެކްޓަރު ނިޔާޒް (ޓެޑްރީ) ގެ ދެވަނަ ފީޗާ ފިލްމު "ލަސްވިޔަސް" އެވެ. އެ ފިލްމު ޖޫން މަހުގެ ނިޔަލަށް އޮލިމްޕަހުގައި ދެއްކުމަށް ވަނީ ހަމަޖެހިފައެވެ.