މިއަދު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި އެއާލައިންގެ މުވައްޒަފަކަށް ފަތުރުވެރިއަކު ހަމަލާ ދިނީ ދާގީނާ ބަރުވެ ފައިސާ ދައްކަން ޖެހިގެން ކަމަށް އެ ހާދިސާ ފެނުނު ބައެއް މީހުން ބުނެފިއެވެ.

ސޯޝަލްމީޑިއާގެ އެކައުންޓް ތަކުގައި ވެސް އެ ވާހަކަ އެގޮތަށް ހާމަ ކޮށްފައި ވާ އިރު 'ދަ ޕްރެސް' އާ ވާހަކަ ދެއްކި މީހަކު ބުނީ، ހަމަނުޖެހުން ހިންގި މީހާގެ އަތުގައި އޮތީ އެމެރިކާގެ ޕާސްޕޯޓެއް ކަމަށާއި، އޭނާ ޗެކިން ކުރަން ހުރީ އިއްތިހާދު އެއާވޭސް އިން އަބޫދާބީއަށް ދާ ފްލައިޓަކަށް ކަމަށެވެ. ނަމަވެސް ލަގެޖް ކިރި އިރު ބަރު ވުމުން އިތުރަށް ފައިސާ ދައްކަން ޖެހުނީ ކަމަށާއި އޭނާ ހިތްހަމަ ނުޖެހި ހަމަނުޖެހުން ހިންގަން ދިމާވި ސަބަބަކީ އެއީ ކަމަށް ގަބޫލު ކުރެވޭ ކަމަށެވެ.

އޭނާ ދައްކަން ޖެހުނީ 30 ޑޮަލަރު ކަމަށް ބައެއް މީހުން ބުނި ނަމަވެސް އެކަން 'ދަ ޕްރެސް' އަށް ޔަގީން ކުރެވޭ ގޮތެއް ނުވެއެވެ.

އެ ހާދިސާގެ ވީޑިއޯ ސޯޝަލްމީޑިއާގައި އާންމު ވެފައި ވާ އިރު، ފެންނަނީ އެ ފަތުރުވެރިޔާ ރުޅިއައިސް ހުރެ އެއާލައިންގެ މުވައްޒަފަކާ ދިމާއަށް ގޮސް އޭނާގެ ބޮލުގައި ގޮއްމުއްކަވާ ޖަހާ ތަނެވެ. އެއިރު އިތުރު ސްޓާފުންނާއި ޗެކިން ވާން ގޮސް ތިބި އިތުރު ފަތުރުވެރިންވެސް ތިބި އިރު، އޭނާ ހަމަލާ ދިނުމާއެކު މުވައްޒަފު ވެއްޓޭތަން ފެނެއެވެ.

ހަމަ އެވަގުތު އެހެން މުވައްޒަފަކު ފަތުރުވެރިޔާގެ ފަހަތުން ގޮސް ގައިގައި ޖެހިގަންނަތަންވެސް ފެނެއެވެ. އެކަމާ ވެސް ފަތުރުވެރިޔާ ކުރިމަތިލައެވެ. އެނބުރި އެ މުވައްޒަފުގެ ފަހަތުން ގޮސް އޭނާ ކޮއްޕާލައެވެ.

ފަތުރުވެރިޔާ ހުއްޓުވަނީ އެހެން ފަތުރުވެރިއެކެވެ. ބެލެވޭގޮތުން އެއީ އެކުގައި ދަތުރުކުރަން ހަމަޖެހިފައިވާ ފަތުރުވެރިއެކެވެ.

މި ހާދިސާ ހިނގި އިރު އެއާޕޯޓުގެ ސެކިއުރިޓީ ބަލަހައްޓާ ފުލުހުން އެތާކު ނެތެވެ. އެމީހުނަށް ސީން އަށް ދެވުނީ ލަހުންކަމަށް މަންޒަރު ދުށް މީހުން ބުނެފައި ވެއެވެ.

މި މައްސަލައިގައި ހިމެނޭ ފަތުރުވެރިޔާ ފުލުހުން ހައްޔަރު ކޮށްގެން ގެންގޮސްފައި ވީ ނަމަވެސް އޭނާއަށް ފަހުން ހެދިގޮތެއް ފުލުހުން ހާމައެއް ނުކުރެއެވެ.