އިންޑިއާއިން ދިވެހިރާއްޖެ އަންނަ ފަތުރުވެރިންނަށް މި ސަރުކާރުން މަރުހަބާ ކިޔާނެ ކަމަށް ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް ވިދާޅުވެއްޖެއެވެ.

މިނިސްޓަރު ފައިސަލް މިފަދައިން ވިދާޅުވީ މިހާރު ދުބާއީގައި ކުރިއަށްދާ އަރަބިއަން ޓްރެވަލް މާކެޓު (އޭޓީއެމް) ފެެއާގެތެރެއިން އިންޑިއާގެ ޕްރެސް ޓްރަސްޓް އޮފް އިންޑިއާ އަށް ދެއްވި އިންޓަވިއުއެއްގައެވެ.

ފައިސަލް ވިދާޅުވީ ރާއްޖެއާއި އިންޑިއާއަކީ މީގެކުރިން ވެސް އެއްކޮށް މަސައްކަތް ކޮށްފައިވާ ދެ ގައުމު ކަމަށެވެ. އަދި ރާއްޖެއިން އެހީއަށް ބޭނުންވި ދަނޑިވަޅުތަކުގައި އެ ގައުމުން އެހީތެރިކަން ފޯރުކޮށްދީފައި ވާކަން އޭނާ ފާހަގަ ކުރެއްވިއެވެ،

ދިވެހި ސަރުކާރުގެ އިސްމަގާމުތަކުގައި ތިއްބެވި ބޭފުޅުން ވެސް އިންޑިއާގެ ފަތުރުވެރިންނަށް މަރުހަބާ ވިދާޅުވާނެ ކަމަށް ފައިސަލް ވަނީ ވިދާޅުވެފައެވެ. އަދި ރާއްޖެއިން އަބަދު ވެސް ޕްރޮމޯޓް ކުރާނީ އަމާން ކަމާއި އެކުވެރިކަން ކަމަށް އޭނާ ވިދާޅުވިއެވެ.

ރާއްޖެއިން އިންޑިއާގެ ފަތުރުވެރިންނަށް މަރުހަބާ ކިޔާނެކަން ފާހަގަ ކުރައްވާ ފައިސަލް ވިދާޅުވީ އިންޑިއާގެ ފަތުރުވެރިން ރާއްޖެ އައުމަށް އެދިވަޑައިގަންނަވާ ކަމަށެވެ. އަދި އިންޑިއާއަކީ ބޮޑު އާބާދީއެއް އޮންނަ ގައުމެއް ކަމަށާއި ރާއްޖޭގެ ޓޫރިޒަމް އިންޑަސްޓްރީއަށް އިންޑިއާގެ މާކެޓު މުހިންމު ކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފައެވެ.

ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން މިދިޔަ އަހަރު އައިސްފައި ވަނީ ވެސް އިންޑިއާއިންނެވެ. ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި މި އަހަރުގެ ފުރަތަމަ 3 މަހުގެ ތެރޭގައި އިންޑިއާއިން ރާއްޖެއަށް ޒިޔާރާތްކޮށްފައި ވަނީ 63،162 ފަތުރުވެރިންނެވެ.