މިދިޔަ މާޗް މަހުގެ ފެން ބިލަށް ވުރެ އޭޕްރީލް މަހުގެ ފެން ބިލު ބޮޑުވާ ނަމަ، އެ ބޮޑުވި މިންވަރު ޑިސްކައުންޓްގެ ގޮތުގައި ބިލުން އެ މިންވަރު އުނިކޮށްދޭން ނިންމާފައިވާ ކަމަށް ފެން ކުންފުނި އެމްޑަބްލިއުއެސްސީން ބުނެފިއެވެ.

އެމްޑަބްލިއުއެސްސީން މިގޮތަށް ނިންމީ ނިމިދިޔަ ރަމަޟާން މަހުގެ ތެރޭގައި ގޭބިސީތަކުގެ ފެންބިލާއި ކަރަންޓު ބިލުން ޑިސްކައުންޓް ދިނުމަށް ސަރުކާރުން ނިންމުމާ ގުޅިގެންނެވެ.

ނިމިދިޔަ ރަމަޟާން މަހު ސަރުކާރުން ދޭން ނިންމާފައިވާ ޑިސްކައުންޓް ދިނުމަށް ހަމަޖެހިފައި ވަނީ މިދިޔަ މާޗް މަހުގެ 11 ވަނަ ދުވަހުން ފެށިގެން އޭޕްރިލް މަހުގެ 11 އަށް ފޮނުވާފައިވާ ބިލްތަކަށް ކަމަށް އެމްޑަބްލިއުއެސްސީން ބުނެއެވެ. އެގޮތުން އެ މުއްދަތުގެ ތެރޭގައި ފެން ބިލުތަކުން ވަނީ 14.13 މިލިއަން ރުފިޔާގެ ޑިސްކައުންޓް ދީފައި ކަމަށް އެ ކުންފުނިން ބުނެއެވެ. އެ އަދަދަކީ ޑޮމެސްޓިކް ކެޓަގަރީން ބިލްކޮށްފައިވާ މިންވަރުގެ 24.5 ޕަސެންޓް ކަމަށް ވެސް އެމްޑަބްލިއުއެސްސީން ބުނެއެވެ.

މި ބިލްތަކުގައި ރަމަޟާން މަހު ބޭނުންކުރި ފެނާއި ކަރަންޓު ހިމެނިފައި ވަނީ އެކި މިންވަރަށް ކަމުން، ރަމަޟާން މަހުގެ ތެރޭގައި ފޮނުވުނު ބިލްތަކުގެ އިތުރުން ރަމަޟާން މަހުގެ ތެރޭގައި ބޭނުންކުރި ފެނާއި ކަރަންޓުގެ އަގަށް ވެސް ކަނޑައެޅިފައިވާ އުސޫލެއްގެ މަތިން ޑިސްކައުންޓު ދިނުމަށް ވަނީ ނިންމާފައި ކަމަށް އެ ކުންފުނިން ބުނެއެވެ.

އެގޮތުން އުނިކޮށްދޭ މިންވަރަކީ މިދިޔަ އޭޕްރީލް މަހުގެ ބިލްގެ 10 ޕަސެންޓަށް ވުރެ ކުޑަ މިންވަރެއް ކަމުގައިވާނަމަ، 10 ޕަސެންޓާ އެއްވަރަށް ޑިސްކައުންޓްގެ މިންވަރު މަތިކޮށްދެވޭނެ ކަމަށް އެމްޑަބްލިއުއެސްސީން ބުނެއެވެ. ހަމައެއާއެކު މި އަހަރުގެ އޭޕްރީލް މަހުގެ ބިލް މާޗް މަހުގެ ބިލަށް ވުރެ ކުޑަ ނަމަވެސް ޑިސްކައުންޓްގެ ގޮތުގައި އޭޕްރީލް މަހުގެ ބިލުން 10 ޕަސެންޓް ޑިސްކައުންޓް ދެވޭނެ ކަމަށް އެ ކުންފުނިން ބުނެއެވެ. މީގެ އިތުރުން އަލަށް ފެން އަދި ކަރަންޓް ލާފައިވާ ފަރާތްތަކަށް ފޮނުވާ ފުރަތަމަ ބިލަކީ މި އަހަރުގެ އޭޕްރީލް މަހުގެ ބިލް ކަމުގައިވާ ނަމަ އެފަދަ ފަރާތްތަކަށް ވެސް އޭޕްރީލް މަހުގެ ބިލުން 10 ޕަސެންޓް ޑިސްކައުންޓް ދެވޭނެ ކަމަށް އެ ކުންފުނިން ބުނެއެވެ.

މި ފަދައިން ޑިސްކައުންޓް ދިނުމަށް އެކުންފުނިން ނިންމާފައިވާ އިރު، އޭޕްރީލް މަހުގެ ޑިސްކައުންޓުގެ ގޮތުގައި ދެވޭ އަދަދާއި، މިހާތަނަށް އޭޕްރީލް މަހުގެ ބިލު ފޮނުވާފައިވާ ފަރާތްތަކުގެ ބިލުތައް އިސްލާހު ކުރުމުން އަދަދަށް އަންނަ ބަދަލުތަކާއި ޑިސްކައުންޓުގެ ގޮތުގައި ދޭ އަދަދު ކަސްޓަމަރަށް ކުރެޑިޓް ކުރެވޭނެ ކަމަށް އެމްޑަބްލިއުއެސްސީން ބުނެއެވެ. އެގޮތުން މި މަހުގެ 5 ވަނަ ދުވަހުން ފެށިގެން މި މައުލޫމާތު އެސްއެމްއެސް މެދުވެރިކޮށް ހުރިހާ ކަސްޓަމަރުންނަށް ހިއްސާ ކުރާނެ ކަމަށް އެ ކުންފުނިން ބުނެއެވެ.

ކަރަންޓް ބިލާއި ފެން ބިލަށް ސަރުކާރުން ދޭ ޑިސްކައުންޓާ އެކު، ލަސްނުކޮށް ހުރިހާ ބ ިލްތަކެއް ވީ އެންމެ އަވަހަކަށް ދެއްކުމަށް އެމްޑަބްލިއުއެސްސީން އިލްތިމާސްކުރެއެވެ. މިކަމާ ގުލީގެން އިތުރު މައުލޫމާތު ހޯދަން ބޭނުންވާ ފަރާތްތަކުން އެ ކުންފުނީގެ ހޮޓްލައިން ނަންބަރު 105 އަށް ނުވަތަ 1050 އަށް އެސްއެސް ފޮނުވުމަށް އެމްޑަބްލިއުއެސްސީން ބުނެއެވެ.