މި އަހަރުގެ އޭޕްރީލް މަހު އެކަނި 212 އެކްސިޑެންޓު ހިނގާފައިވާ ކަމަށާއި މިއީ މިދިޔަ އަހަރާ އަޅާބަލާއިރު ބޮޑު ތަނުން އިތުރު އަދަދެއްކަމަށް މޯލްޑިވްސް ޕޮލިސް ސާވިސް އިން ބުނެފިއެވެ.

މޯލްޑިވްސް ޕޮލިސް ސާވިސް އިން ހާމަކޮށްފައިވާ ތަފާސް ހިސާބުގައި ވާގޮތުން މި އަހަރުގެ ފުރަތަމަ ހަތަރު މަސް ތެރޭގައި 1044 ޓްރެފިކް އެކްސިޑެންޓް ހިނގާފައިވެއެވެ. އެއީ މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާ ބަލާއިރު 335 އެކްސިޑެންޓްގެ އިތުރުވުމެކެވެ.

މިއަހަރުގެ ޖެނުއަރީ މަހު 263 އެކްސިޑެންޓު ރިޕޯޓު ކޮށްފައިވާއިރު، ފެބްރުއަރީ މަހު 268 އެކްސިޑެންޓު، މާޗް މަހު 301 އެކްސިޑެންޓު އަދި އޭޕްރިލް މަހު 212 އެކްސިޑެންޓު ރިޕޯޓު ކޮށްފައިވެއެވެ. ނަމަވެސް މިިދިޔަ އަހަރުގެ ޖެނުއަރީ މަހު ރިޕޯޓުކޮށްފައިވަނީ 149 އެކްސިޑެންޓެވެ. އަދި ފެބްރުއަރީ މަހު 196 އެކްސިޑެންޓު ރިިޕޯޓުކޮށްފައިވާއިރު، މާޗު މަހު 190 އަދި އެޕްރީލް މަހު ރިޕޯޓުކޮށްފައިވަނީ 174 އެކްސިޑެންޓެވެ.

އެކްސިޑެންޓުގެ މައްސަލަތައް އިތުރުވެފައިވާއިރު، މި ފާއިތުވި 24 ގަޑިއިރުގެ ތެރޭގައިވެސް ހުޅުމާލޭގައި ކާރަކާއި ވޭނެއްގެ އިތުރުން ބަހެއް ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގާފައިވެއެވެ. ފުލުހުން ބުނީ ތިން އުޅަނދު ޖެހި ހިނގި މި އެކްސިޑެންޓުގައި އަނިޔާވީ ކާރު ދުއްވަން އިން މީހާއަށް ކަމަށެވެ. އޭނާއަށް ޓްރީޓޮޕް ހޮސްޕިޓަލުން ފަރުވާ ދީފައިވާ ކަމަށާއި، ސީރިއަސް އަނިޔާއެއް ނުލިބޭ ކަމަށް ފުލުހުން ބުނެއެވެ.

ނަމަވެސް ދާދި ފަހަކުންވެސް ހުޅުމާލެ ފޭސް 2 ގައި ހިނގި އެކްސިޑެންޓެއްގައި އަނިޔާވެ ޒުވާނަކު ވަނީ ނިޔާވެފައެވެ. މި އެކްސިޑެންޓު ހިނގާފައިވަނީ ހުޅުމާލެ ފޭސް 2، ނިރޮޅު މަގުގައި ދެ ސައިކަލު ޖެހިގެންނެވެ.

ފުލުހުން މައުލޫމާތު ދޭ ގޮތުގައި އެކްސިޑެންޓު ގިނަވާން މެދުވެރިވާ މައިގަނޑު ސަބަބަކީ ގަވައިދާ ހިލާފަށް ބާރު ސްޕީޑުގައި ދުއްވާފައި ދިއުމުން ކޮންޓްރޯލް ނުވުމެވެ. ބްރިޖު މަތީގައި ވެސް އެކްސިޑެންޓުތައް ފަހަކަށް އައިސް ވަނީ ގިނަވެފައެވެ.