އެމެރިކާގެ ވެސް ބައިވެރިންގެ ގޮތުގައި އޮންނަ ޖަޕާނާއި އެމެރިކާ އަކީ ހިޖުރަވެރިންނަށް މަރުހަބާ ކިޔާ ދެގައުމު ނޫން ކަމަށް އެމެރިކާގެ ރައީސް ޖޯ ބައިޑަން ވިދާޅުވެއްޖެއެވެ.

އެމެރިކާގެ ރިޔާސީ އިންތިހާބަށް ފައިސާ ހޯއްދެވުމުގެ ކެމްޕެއިން އިވެންޓެއްގައި ވާހަކަ ދައްކަވަމުން ބައިޑަން ވިދާޅުވީ، އެ ދެގައުމަކީ ހިޖުރަވެރިންނަށް މަރުހަބާ ކިޔާ ދެގައުމު ނޫން ކަމަށާއި އެއާ ހިލާފަށް އެމެރިކާ އަކީ ހިޖުރަވެރިންނަށް މަރުހަބާ ކިޔާ ގައުމެއް ކަމަށެވެ. އަދި އެކަމގެ ނަތީޖާ އަކީ އެމެރިކާގެ އިގުތިސޯދަށް އެ މީހުންގެ ފަރާތުން ހެޔޮ ބަދަލެއް އައިސް ކުރިއެރުން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

"ކީއްވެ ޗައިނާގެ އިގުތިސޯދު ކުރިއަށް ނާރައިގެން އެ އުލެނީ، ޖަޕާނާއި ރަޝިއާ އާއި އިންޑިއާގައި މައްސަލަތައް ހުރީ، އެއީ އެމީހުން ހިޖުރަވެރިންނަށް މަރުހަބާ ނުކިޔާތީ، އެމީހުން ހިޖުރަވެރިން ބޭނުމެއް ނުވޭ"
ބައިޑަން

ބައިޑަންގެ މިވާހަކަތަކާ ގުޅިގެން ޖަޕާނާއި އިންޑިއާ އިން ވަނީ، ބައިޑަން އަށް ފާޑުކިޔާފައެވެ.

އިންޑިއާގެ ހާރިޖީ ވަޒީރު ސުބްރަމާނިޔަމް ޖައިޝަންކަރު ވިދާޅުވީ، އިންޑިއާ އަކި ހިޖުރަވެރިންނަށް ހުޅުވާލުމުގެ މާޒީއެއް އޮތް ގައުމެއް ކަމަށާއި އަދި އިންޑިއާގެ އިގްތިސޯދުވެސް އަޑިއަޅާލައިގެން ނުދާ ކަމަށެވެ.

"އަހަންނަށް ހީވަނީ އިންޑިއާ ހުޅުވާލަން ޖެހެނީ އިންޑިއާ އަށް އަންނަން ބޭނުންވާ މީހުންނަށްހެން، ބޭނުމެއް އޮތް މީހުންނަށްހެން"
ޖައިޝަންކަރު

އޭނާ އެވާހަކަ އެހެން ވިދާޅުވެ އިޝާރާތް ކުރެއްވީ، ދާދި ފަހުން އިންޑިއާގައި ތަންފީޒު ކުރަން ފެށި ރަށްވެހިކަން ދިނުމުގެ ބިލަށެވެ. އެ ބިލުގެ މައްސަލަ އިންޑިއާގެ މުސްލިމް ކޮމިއުނިޓީން ފާހަގަ ކުރަމުން ދާ އިރު އެމީހުން ބުނެފައި ވަނީ އެއީ މުސްލިމް ނޫން މީހުނަށް ފުރުސަތު ދީ މުސްލިމުންގެ ރަށްވެހިކަން ނިގުޅަިއގަތުމަށް އުފަން ކޮށްފައި ވާ ގާނޫނެއް ކަމަށެވެ.

މި މައްސަލައިގައި ވޮޝިންޓަންގައި ހުންނަ ޖަޕާނުގެ އެމްބަސީން ބުނީ، ބައިޑަންގެ ކޮމެންޓާ މެދު ހިތާމަ ކުރާ ކަމަށާއި ބައިޑަން އެވާހަކަ ދައްކަވާފައި ވަނީ ޖަޕާންގެ ސިޔާސަތުތައް ރަނގަޅަށް އެނގިވަޑައިނުގެން ކަމަށެވެ.

ޖަޕާނަކީ ޖީ7 ގެ ގައުމުތަކުގެ ތެރެއިން ހިޖުރަވެރިންނަށް އެންމެ ކުޑަކޮށް ފުރުސަތު ދޭ ގައުމެވެ. ތަފާސް ހިސާބުތަކުން ދައްކާގޮތުން އެގައުމުން ހިޖުރަވެރިންގެ ގޮތުގައި 2 ޕަސެންޓް މީހުންވެސް ނުނަގައެވެ.

ބައިޑަންގެ ކޮމެންޓާ ގުޅިގެން އިންޑިއާ އާއި ޖަޕާން ހިތްހަމަ ނުޖެހުނު އަނެއް މައްސަލަ އަކީ، ޗައިނާ އާއި ރަޝިއާ އާއެކު އެ 2 ގައުމުގެ ނަން ބައިޑަން ވިދާޅުވުމެވެ.

ޖަޕާނާއި އިންޑިއާ އަކީ އެމެރިކާގެ ބައިވެރިންގެ ގޮތުގައި އޮތް ދެގައުމަށް ވާ އިރު، އިންޑިއާ އަށް ވުރެ ބޮޑަށް ޖަޕާނު އެމެރިކާ އާ ކައިރިއެވެ. އެގޮތުން ޔޫކްރައިން ހަނގުރާމައާއި ގާޒާ ހަނގުރާމައިގައި ވެސް ޖަޕާން ވަނީ އެމެރިކާގެ ކޮޅު ނަގާފައެވެ. ނަމަވެސް ޔޫކްރައިން ހަނގުރާމައާ ގުޅިގެން އިންޑިއާ އިން ވަކި ކޮޅެއް ނުނަގާ ގެންގުޅެނީ މެދުމިނުގެ ސިޔާސަތެކެވެ. ގާޒާ މައްސަލައިގައި ވެސް އިންޑިއާ އިން ދަމަހައްޓަމުން އަންނަނީ އެ ސިޔާސަތެވެ.

ބައިޑަން މިމޭރުމުން ވާހަކަ ދައްކާވާފައި ވާ އިރު އިންޑިއާގެ ބޮޑުވަޒީރު ނަރެންދަރަ މޯދީ މިދިޔަ އަހަރު އެމެރިކާއަށް ގެންދަވާ ބައިޑަން ވިދާޅުވީ، އެ ދެގައުމަކީ ޑިމޮކްރަސީގެ ހުރިހާ އަސާސްތަކެއް ފުރިހަމަ ކުރާ އަދި ތަފާތު ފަރާތްތަކަށް ފުރުސަތުދޭ ދެގައުމު ކަމަށެވެ.

އަދި މިދިޔަ އަހަރުގެ އޭޕްރީލް މަހު ޖަޕާނުގެ ބޮޑުވަޒީރު ފުމިއޯ ކިޝިޑާ އެމެރިކާ އަށް ގެންދަވާ ބައިޑަން ވިދާޅުވެފައި ވަނީ ދެގައުމަކީ ވަކިނުވާ މިންވަރަށް ގުޅުން ބަދަހި ދެގައުމު ކަމަށާއި ޑިމޮކްރަސީ އާއި މިނިވަންކަން އިންތިހާއަށް އޮތް ދެގައުމު ކަމަށެވެ.

ބައިޑަންގެ ކޮމެންޓަށް އިންޑިއާ އާއި ޖަޕާނުން ރައްދު ދިނުމާއެކު ވައިތްހައުސް އިން ވަނީ ބައިޑަން ދެއްކެވި ވާހަކަ ތަރުޖަމާ ކުރައްވާފައެވެ. ބުނެފައި ވަނީ، ބައިޑަން އިޝާރާތް ކުރެއްވީ، އެމެރިކާއިން ގެންގުޅޭ ހުޅުވާލެވިފައި ވާ ސިޔާސަތުގެ ވާހަކަ އާއި އެސިޔާސަތަށް ބައިޑަން އިހުތިރާމް ކުރައްވާ މިންވަރު އެމެރިކާގެ ބައިވެރިންނަށް އެނގޭނެ ކަމަށެވެެ.