ށ. ފުނަދޫ ދާއިރާގެ އިންތިހާބީ މެންބަރު، މުހައްމަދު މަމްދޫހް (މަންޑޭ) އަށް ސިހުރު ނަހަދާ ކަމަށް އެ މައްސަލައިގައި ރަށުގެ ރައްޔިތުން ތުހުމަތު ކުރާ، ކައުންސިލްގެ ރައީސް އަހުމަދު އިބްރާހިމް ފުޅު ވިދާޅުވެއްޖެއެވެ.

ފުނަދޫ ދާއިރާގެ އިންތިހާބީ މެންބަރު، މަމްދޫހް އަށް ސިހުރު ހެދި ކަމަށްބުނާ މައްސަލައެއް ހޫނުވެ ރަށުގެ ރައްޔިތުން ނުކުމެ ދަނީ މުޒާހަރާ ކުރަމުންނެވެ. އެ ރަށުން "ދަ ޕްރެސް" އާ ވާހަކަ ދެއްކި މީހަކު ބުނީ މަމްދޫހު އަށް ސިހުރު ހަދާފައި ވަނީ މިދިޔަ ބުދަ ދުވަހުގެ ރޭ ކަމަށާއި އެ ރެއަކީ މަމްދޫހު އިންތިހާބުވުމާ ގުޅިގެން އުފާ ފާޅުކުރި ރޭ ކަމަށެވެ.

އޭނާ ބުނިގޮތުގައި ސިހުރު ހެދުމުގެ ގޮތުން 'ކަބީލާ ލޮއި' ގައި މަމްދޫހުގެ ނަމާއި ގުރުއާންގެ އާޔަތްތައް ލިޔެ ރަށުގެ އެކި ސަރަހައްދުތަކުގައި ހުރި ގަސްގަހަށް ޖަހާފައިވާ ކަމަށެވެ. އަދި އެ ލޮއިތައް ގަސްގަހަށް ޖަހަނިކޮށް އެ ރަށުގެ ބައެއް މީހުންނަށް ފެނިފައި އެބަހުރި ކަމަށް އޭނާ ބުންޏެވެ. ސިހުރު ހަދާފައި ވަނީ މަމްދޫހު 'މަރާލުމަށް' ކަމަށް ރުގްޔާ ކުރާ މީހުންނާ ހަވާލާދީ އޭނާ ތުހުމަތު ކުރެއެވެ.

"މިއީ ހަމަ އޭނާ [މަމްދޫހު] މަރާލުމަށް ހަދާފައިވާ ސިހުރުތަކެއް. މިހާރު އަޅުގަނޑުމެންނަށް ފަސް އެތިކޮޅު ފެނިއްޖެ. ދަންނަ މީހުން ބުނަނީ އަދި ދެ ސިހުރު ވާނެ ކަމަށް އެ ދެ އެތި ނުފެނިގެން މި އުޅެނީ." އޭނާ ބުންޏެވެ.

ސިހުރި ހެދި ކަމުގެ ތުހުމަތު ކުރަނީ ކައުންސިލްގެ ރައީސަށެވެ. އެމީހުން ބުނާ ގޮތުން އޭނާގެ ރައްޓެއްސެއްގެ ގޭގައި ސިހުރިވެރިއަކު ބަހައްޓައިގެން އޭނާ އުޅެފައި ވެއެވެ.

އެ ތުހުމަތުތައް އިންކާރު ކުރަމުން ކައުންސިލްގެ ރައީސް 'ދަ ޕްރެސް' އާ ވާހަކަ ދައްކަމުން ވިދާޅުވީ 2005 ވަނަ އަަހަރުން ފެށިގެން އޭނާއަކީ ސިޔާސީ މައިދާނުގައި އުޅުއްވާ ބޭފުޅެއް ނަމަވެސް މިހާތަނަށް އެފަދަ ހަޑިހުތުރު އެއްވެސް އަމަލެއް ހިންގަވާފައި ނުވާނެ ކަމަށެވެ. އޭނާ ތުހުމަތު ކުރެއްވި ގޮތުގައި މިއީ ސިޔާސީ ގޮތުން އޭނާގެ އަގު ވައްޓާލުމަށް ބަޔަކު ގަސްތުގައި ކުރަމުންދާ ކަމެކެވެ.

މާލޭގައި މިވަގުތު ހުންނެވި ކައުންސިލްގެ ރައީސް ވަނީ އެ މައްސަލަ ދެފުށް ފެންނަ ގޮތެއްގައި ތަހުގީގު ކުރުމަށް ކަމާބެހޭ އިދާރާތަކަށް ގޮވާލައްވާފައެވެ. އަދި ތަކުރާރުކޮށް އޭނާ އެފަދަ އަމަލެއް ނުހިންގަވާ ކަމަށް ވިދާޅުވިއެވެ.

މިކަމާ ގުޅިގެން ފުލުހުން ބުނީ، އެ ރަށުގެ އިންތިހާބީ މެންބަރަށް ސިހުރު ހެދިކަމުގެ ތުހުމަތުގައި އުމުރުން 60 އަހަރުގެ ދިވެހި ފިރިހެނެއް ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ކަމަށެވެ.

މި މައްސަލައާ ގުޅިގެން މަމްދޫހުގެ ސަޕޯޓަރުން ދަނީ އެ ރަށުގެ މަގުތަކަށް ނުކުމެ އިހުތިޖާޖު ކުރަމުންނެވެ. މި މަންޒަރުތައް ދައްކުވައިދޭ ވީޑިއޯތައް ސޯޝަލް މީޑިއާގައި އާންމު ވެފައި ވާއިރު އެ ވީޑިއޯތަކުގައި ރަށުގެ ރައްޔިތުން ދަނީ ކައުންސިލްގެ ރައީސްގެ އިސްތިއުފާއަށް ގޮވާލަމުންނެވެ.

ނިމިދިޔަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ފުނަދޫ ދާއިރާގެ ގޮނޑި މަމްދޫހް ކާމިޔާބު ކުރެއްވީ 1698 ވޯޓުންނެވެ. އެ އިންތިހާބުގައި ވާދަކުރެއްވި އަމިއްލަ ގޮތުން ވާދަ ކުރެއްވި ކައުންސިލްގެ ރައީސް އަށް ލިބުނީ 562 ވޯޓެވެ.