ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، ނޭޕާލްގެ ބޮޑުވަޒީރު ރައިޓް އޮނަރަބަލް ކޭޕީޝަރްމާ އޮލިއާ ބައްދަލުކުރައްވައިފިއެވެ.

ޝަންހާއީ ކޯޕަރޭޝަން އޯގަނައިޒޭޝަން (އެސްސީއޯ) ސަމިޓުގެ ހަވާސާގައި ބޭއްވި މިބައްދަލުވުން އޮތީ ޓިއާންޖިން މެއިޖިއާންގް ކޮންވެންޝަން ސެންޓަރުގައެވެ.

މިބައްދަލުވުމުގައި، ދެބޭފުޅުން ވަނީ ދެ ގައުމުގެ ބަދަހި ގުޅުމާއި ދޭދޭ ގުޅުންތައް އިތުރަށް ހަރުދަނާކުރުމުގެ މައްޗަށް އަލިއަޅުއްވާލައްވައި ވާހަކަ ދައްކަވާފައެވެ. އަދި، ތައުލީމީ ދާއިރާއާއި، އިގްތިސާދު ސިންދަފާތުކުރުމާއި، ބައިނަލްއަގްވާމީ މަންސަތަކުގައި އެއްބާރުލުން ދިނުމާމެދުވެސް ދެބޭފުޅުންގެ މަޝްވަރާގައި އަލިއަޅުއްވާލައްވާފައިވެއެވެ.

މީގެ އިތުރުން ވެސް މިބައްދަލުކުރެއްވުމުގައި، ދެ ގައުމުގެ ގުޅުމުގެ ތެރެއިން ސަރަހައްދީ ގުޅުންތައް ބަދަހިކުރުމާއި، ދެމެހެއްޓެނިވި ތަރައްގީގެ އަމާޒުތައް ހާސިލުކުރުމާމެދު ދެބޭފުޅުން ވަނީ މަޝްވަރާކުރައްވާފައެވެ.

މިބައްދަލުވުން ނިންމަވާލައްވަމުން، ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ނޭޕާލުން ރާއްޖެއާއެކު ބާއްވަމުން އަންނަ ގާތް ގުޅުމަށް ޝުކުރު އަދާކުރެއްވިއިރު ދެ ގައުމުގެ މެދުގައި އޮތް ގުޅުން އިތުރަށް ބަދަހިކުރުމަށް މަސައްކަތްކުރައްވާނެކަމުގެ ޔަގީންކަން ދެބޭފުޅުން ވެސް ވަނީ ދެއްވާފައެވެ.