ޑައިރެކްޓަރު ސަންޖޭ ބަންސާލީ ތައްޔާރުކޮށް ގެނެސްދޭ ވެބް ސީރީޒް "ހީރާމަންޑީ: ދަ ޑައިމަންޑް ބާޒާރު" ނެޓްފްލިކްސް އިން ސްޓްރީމްކުރަން ފަށައިފިއެވެ.

އިންޑިއާ އަށް މިނިވަންކަން ލިބުމުގެ ކުރިން ލާހޯރްގެ ރެޑް ލައިޓް އޭރިއާގައި އުޅުނު ޝާހީ ޖާރިޔާއިންގެ ވާހަކަ ކިޔައިދޭ މި ވެބް ސީރީޒުގައި ހަރަކާތްތެރިވާ ތަރިންނަކީ މަނީޝާ ކޮއިރަލާ، ސޮނާކްޝީ ސިންހާ، ރިޗާ ޗައްޑާ، އަދިތީ ރާއޯ ހައިދަރީ، ޝަރުމިން ސޭގަލް އަދި ސަންޖީދާ ޝެއިހް އެވެ. ހީރާމަންޑީ ރިލީޒްކުރުމުގެ ކުރިން ވަނީ ސޮނާކްޝީގެ ވަރުގަދަ އައިޓަމް ލަވައެއް ބެލުންތެރިންނާ ހަމައަށް ދޫކޮށްލާފައެވެ. ސޮނާކްޝީގެ ތަފާތު ނެށުމެއް ފެނިގެންދާ ލަވަ "ތިލަސްމީ ބަހޭ" އާންމުކޮށްފައިވާއިރު އެ ލަވައިގެ މިއުޒިކް ތައްޔާރުކޮށްފައިވަނީ ވެސް ބަންސާލީއެވެ. ޝަރުމިސްތާ ޗެޓަޖީގެ ހިތްގައިމު އަޑުން ކިޔާފައިވާ މި ލަވައިގައި ސޮނާކްޝީ އާއެކު ގިނަ ބައެއް ފެނިގެން ގޮސްފައިވެއެވެ. މި ފިލްމުގެ ހުރިހާ ލަވައެއްގެ މިއުޒިކް ތައްޔާރުކުރީ ބަންސާލީއެވެ.

2010 ވަނަ އަހަރު ނުކުތް ފިލްމު "ދަބަންގް" އިން ބޮލީވުޑަށް ތައާރަފްވި ސޮނާކްޝީ ވަނީ މަޝްހޫރު ގިނަ ފިލްމުތަކެއް އާންމުންނާ ހަމައަށް ގެނެސްދީފައެވެ. އޭގެ ތެރޭގައި "އިއްތިފާގު"، "އަކީރާ" އަދި "ކަލަންކް" ހިމެނެއެވެ. ބޮލީވުޑްގެ ކުޅަދާނަ ޑައިރެކްޓަރު ބަންސާލީ އެންމެ ފަހުން ގެނެސްދިން ފީޗަރ ފިލްމަކީ އާލިއާ ބަޓް އާއެކު "ގަންގޫބާއި ކަތިއަވާޅީ" އެވެ. އެ ފިލްމަށް ކްރިޓީކުންގެ އިތުރުން އާންމުންގެ ބޮޑު ތަރުހީބެއް ލިބިގެން ދިޔައެވެ.