އިޒްރޭލުން ގާޒާ އަށް ދެމުން ގެންދާ ހަމަލާތައް ހުއްޓާލުމަށް ހަމާސް އާއި އިޒްރޭލާ ދެމެދު މިހާރު ކުރިއަށް ދާ މަޝްވަރާތަކުގައި އެއްބަސްވުމަކާ ހަމައަށް ދެވުނަސް އަދި ނުދެވުނަސް ރަފާ އަށް އަރާނެ ކަމަށް ނަތަންޔާހޫ ބުނެފިއެވެ.
މިސްރުގެ ވެރިރަށް ގާހިރާގައި މިހާރު ކުރިއަށް ދާ މަޝްވަރާތަކުގައި ހުށަހެޅުމަކަށް އޮތީ 40 ދުވަހަށް ހަމަލާތައް މެދުކަނޑާލުމަށެވެ. އެއީ އިޒްރޭލުން ހުށަހަޅާފައި އޮތް ހުށަހެޅުމެކެވެ. އެއާއެކު ހަމާސްގެ އަތްދަށުގައި ތިބި ރަހީނުންގެ ތެރެއިން 30 މީހަކު ދޫކޮށްލުމަށް ވެސް ހުށަހެޅުމުގައި ވެއެވެ.
އެއާއެކު ހަމާސްގެ އޮފިޝަލުން ބުނީ, ފަލަސްތީނުގެ ރައްޔިތުންނަށް ހަމަލާ ދިނުން މަޑުޖައްސާލުމަކީ އަދި ހައްލެއް ނޫން ކަމަށާއި ހައްލަކީ ގާޒާގެ ބިންތަކުން އިޒްރޭލު ސިފައިން ފައިބައި ދާއިމީ ހައްލެއް ލިބުން ކަމަށެވެ.
ކޮންމެ ގޮތަކަށް މަޝްވަރާތައް ނިމުނަސް ރަފާ އަށް އަރާނެ ކަމަށް ޔަހޫދީ ބޮޑުވަޒީރު ބުނެފައި ވާއިރު އެމެރިކާއިން ބުނެފައި ވަނީ އިޒްރޭލުން ރަފާ އަށް އެރުމަށް ގެންގުޅޭ ޕްލޭންގެ ސާފު މައުލޫމާތު ލިބިފައި ނުވާ ކަމަށާއި އެހެން ކަމުން އެރުމާ ދެކޮޅު ހަދާ ކަމަށެވެ.
މިވަގުތު 1.5 މިލިއަން މީހުން ހިމާޔަތް ހޯދައިގެން ތިބި ރަފާ އަށް އަރާނެ ވާހަކަ ނަތަންޔާހޫ އާ ކޮށްފައި މިވަނީ މެދުއިރުމަތި ހަމަޖައްސަން މިހާރު ވަޑައިގެން އުޅުއްވާ އެމެރިކާގެ ހާރިޖީ ވަޒީރު އެންތަނީ ބްލިންކެން އިޒްރޭލަށް ވަޑައިގެންނެވި ވަގުތުގައެވެ.
ބްލިންކެން ވިދާޅުވީ ހަމަލާތައް ހުއްޓާލުގެ ޑީލް ކުރިއަށް ގެންދިޔުމަށް އޭނާ ނަތަންޔާހޫއަށް ބާރުއަޅުއްވާނެ ކަމަށާއި އެއާއެކު ގާޒާއަށް ފޯރުކޮށްދޭ އެހީ އިތުރުކުރުމަށް ވެސް އެދިވަޑައިގަންނަވާނެ ކަމަށެވެ.
އިޒްރޭލުން ގާޒާ ފުނޑުފުނޑު ކޮށް އާންމު ރައްޔިތުން މަރާ ދިރިތިބި މީހުންނަށް އެއީ 'ނަރަކަ އަކަށް' ހަދާފައި ވާ އިރު އެމެރިކާއިން މިވަގުތު ކުރިއަށް ގެންދާ އަނެއް ކަމަކީ ގާޒާގެ ގޮނޑުދޮށަށް ވާނެހެން ފްލޯޓިން ފާލަމެއް [ޕްލެޓްފޯމެއް] ހެދުމުގެ މަސައްކަތެވެ. މި ތަނަކީ ގާޒާއަށް ބޭނުންވާ ކާބޯތަކެތި ކަނޑުމަގުން ގެންގޮސް ބާލަން ހަދާ ޕްލެޓްފޯމެއް ކަމަށް އެމެރިކާއިން ބުނެއެވެ.
އަނެއްކޮޅުން އިޒްރޭލުގެ އުދުވާން ހުއްޓުވުމަށް ގޮވާލައި އެމެރިކާގެ އެންމެ ބޮޑެތި ޔުނިވާސިޓީތަކުގެ ދަރިވަރުން ކުރަމުން ދާ އިހުތިޖާޖު އަދިވެސް ހުއްޓުމަކަށް ނާންނަ އިރު ޔުނިވާސިޓީތަކުގެ ބައެއް ފެކަލްޓީތަކުގެ ވެރިން ހިމެނޭހެން މިހާތަނަށް 900 ދަރިވަރުން ވަނީ ހައްޔަރު ކޮށްފައެވެ. އެތަނުން އެއް ޔުނިވާސިޓީ ކަމަށް ވާ ކޮލަމްބިއާ އިން ބުނީ, ކިތަންމެ ވަރަކަށް އިހުތިޖާޖު ކުރިޔަސް ކޮލެޖްގެ ސިޔާސަތަކީ އިޒްރޭލަށް ތާއީދު ކުރުން ކަމަށާއި އިހުތިޖާޖު ކުރާ ދަރިވަރުން ސަސްޕެންޑް ވާން ބޭނުން ނޫން ނަމަ ޖެހޭނީ އިހުތިޖާޖު ހުއްޓާލަން ކަމަށެވެ.
އިޒްރޭލުން ރަފާ އަށް އަރަން ވަގުތު ކުޑަތަންވެފައި ވާއިރު, އދ ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރެސް ވިދާޅުވީ އެއީ ދުނިޔޭގެ ގިނަ އަދަދެއްގެ ގައުމުތަކުން ކަންބޮޑުވުން ފާޅުކޮށް ދެކޮޅު ހަދާ ކަމެއް ކަމަށާއި އިޒްރޭލުން ރަފާ އަށް އަރައިފިނަމަ އިއާދަ ނުކުރެވޭނެ އިންސާނީ ކާރިސާއަކާ އެރައްޔިތުން ކުރިމަތިލާނެ ކަމަށެވެ.