ރާއްޖެއަށް ލިބޭ (ޖީޑިޕީ) އާމްދަނީ އިތުރުވާ މިންވަރު މަޑުޖެހި، ޖީޑީޕީ ކުރިއަރާ މިންވަރު ދަށްވަނީ ރިސޯޓުތައް ދޫކޮށް ފަތުރުވެރިން އަގުހެޔޮ ގެސްޓްހައުސްތައް ހިޔާރުކުރާތީ ކަމަށް ވޯލްޑް ބޭންކުން ބުނުމުން، މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވަލް އެޖެންޓްސް އެންޑް ޓުއާ އޮޕަރޭޓާސް (މަޓާޓޯ) އިން އެކަން ދޮގުކޮށްފިއެވެ.
ވޯލްޑް ބޭންކުން ދާދިފަހުން ނެރުނު ސައުތު އޭޝިއާ ޑިވަލޮޕްމެންޓު ރިޕޯޓުގައި ވަނީ އެ ސަބަބާ ހުރެ ރާއްޖޭގެ އިގުތިސާދު ކުރިއަރާނެ ކަމަށް ކުރިން ލަފާކުރި 5.2 ޕަސެންޓުން 4.7 ޕަސެންޓަށް ދަށްކޮށްފައެވެ.
އެ ރިޕޯޓަށް ގޮންޖަހާ މަޓާޓޯއިން މިއަދު ނެރުނު ބަޔާނުގައި ބުނެފައި ވަނީ، ޖީޑީޕީ ދަށްވަނީ ފަތުރުވެރިކަމުގެ ދާއިރާގައި ޑިމާންޑާއި ހިދުމަތް ދެވޭ މިންވަރުގެ މެދުގައި ހުރި ބޮޑެތި ފަރަގުތަކެއްގެ ސަބަބުން ކަމަށެވެ. މުޅި ދާއިރާގެ ހިދުމަތްތަކުގެ އެވްރެޖް ޑެއިލީ ރޭޓްސް ނުވަތަ އަގުތައް ދަށްކުރުމާއި އިތުރުވެފައިވާ ސަޕްލައިއަށް ވާވަރަށް ހިދުމަތް ހޯދުމަށް ރޭވިގެން ހިންގޭ މާކެޓިން މަސައްކަތްތަކެއް ނެތްކަމަށް މަޓާޓޯއިން ވަނީ އެ ބަޔާނުގައި ފާހަގަކޮށްފައެވެ.
"2023 ވަނަ އަހަރު ގެސްޓުހައުސްތަކުގެ އޮކިއުޕަންސީ ރޭޓަކީ 42.7 ޕަސެންޓު ކަމަށާއި މިއީ ރިސޯޓުތަކުގެ 2023 ގެ އޮކިއުޕަންސީ ރޭޓަށްވުރެ މާ ދަށް ރޭޓަކަށްވެފައި ގެސްޓު ހައުސްތަކުގެ ރޫމް ރޭޓާއި އޮކިއުޕަންސީ ރޭޓަކީ ރިސޯޓުތަކާ އަޅާ ބަލާއިރު ޖީޑީޕީއަށް އެފަދަ އަސަރު ކުރާނެ ވަރަށްވުރެ ކުޑަ އަދަދެއް ކަމަށް" މަޓާޓޯގެ ބަޔާނުގައި ބުނެފައިވެއެވެ.
މީގެ އިތުރުންވެސް މަޓާޓޯއިން ވަނީ މުހިންމު ނުކުތާތަކެއް ފާހަގަކޮށްފައެވެ. އެގޮތުން އެ ނުކުތާތަކަކީ:
- މިދިޔަ އަހަރުގެ ނޮވެމްބަރު މަހާ ހަމައަށް ރާއްޖޭގައި ހުރި 62،822 ޓޫރިސްޓު އެނދުގެ ތެރެއިން އަހަރުގެ ތެރޭގައި ހިދުމަތް ހޯދާފައިވާ އެނދުގެ ނިސްބަތް އުޅެނީ 51 އިންސައްތައިގައި
- 2022 އާ އަޅާބަލާއިރު މިދިޔަ އަހަރު ފަތުރުވެރިން ރާއްޖޭގައި ހޭދަކުރާ އެވްރެޖް ދުވަހުގެ އަދަދު 8.1 އިން 7.6 އަށް ވަނީ ދަށްވެފައި
- ދުނިޔޭގެ އިންފްލޭޝަން އުފުލުމާއި ކޮވިޑުގެ ސަބަބުން 2021 ގެ ބޮޑު ބަޔަކާ ހަމައަށް ބަންދުކޮށްފައި ހުރި ދުނިޔޭގެ އެހެން ފަތުރުވެރިކަމުގެ ހިދުމަތްދޭ ރާއްޖެއާ ވާދަވެރި "ބީޗު" މަންޒިލުތައް އަލުން ހުޅުވުމުގެ ސަބަބުން ރާއްޖެއަށް ކުރިމަތިވެފައިވާ ވާދަވެރިކަން ބޮޑު
- ފަތުރުވެރިކަމުން ލިބޭ އާމްދަނީ 2022 އިން 2023 އަށް 2.5 ބިލިއަން ރުފިޔާ މަދުވި
އަދި ހަމައެހެންމެ މަޓާޓޯއިން ވަނީ ވޯލްޑް ބޭންކުގެ ރިޕޯޓުގައި ރިއާޔަތް ކޮށްފައިވަނީ މިދިޔަ އަހަރުގެ ތިންވަނަ ކުއާޓާ ހަމައަށް ހުރި ތަފާސް ހިސާބުތައް ކަން ފާހަގަކޮށް ފަތުރުވެރިކަމުގެ ފަހުގެ ކުރިއެރުންތައް ބަލާފައި ނުވާކަމަށް ބުނެފައެވެ.
މީގެ އިތުރުންވެސް ދުނިޔޭގެ ފަތުރުވެރިކަމުގައި ވާދަވެރިން ދަނީ އެބައެއްގެ މަންޒިލްތައް ރަނގަޅަށް ކުރަމުންކަން ފާހަގަކޮށް މަޓާޓޯގެ ބަޔާނުގައި ބުނެފައި ވަނީ ރާއްޖެތެރެއަށް ދިމާވެފައިވާ ހުރަސްތައް އިތުރުވެގެންދާ ކަމަށެވެ. އެ ސަބަބުތަކުގެ ތެރޭގައި ފްލައިޓް ދަތުރުފަތުރުގެ އަގުބޮޑުވުމާއި އިންފްލޭޝަން އާއި ޖިއޮޕޮލިޓިކަލް ކޯޅުންތަކުގެ އިތުރުން ހަނގުރާމައިގެ ސަބަބުން ދިމާވާ ގޮންޖެހުންތައް ވަނީ ފާހަގަކޮށްފައެވެ.