ޗައިނާގެ އެގްޒިމް ބޭންކުން 209 މިލިއަން އެމެރިކާ ޑޮލަރު ހަރަދު ކޮށްގެން ލަންކާގައި ހެދި މައްޓަލަ އެއާޕޮޓު ހިންގަން އިންޑިއާ އާއި ރަޝިއާގެ ކުންފުންޏަކަށް ދޭން ނިންމައިފިއެވެ.

މައްޓަލަ ރާޖަޕަކްސަ އިންޓަނޭޝަނަލް އެއާޕޯޓު (އެމްއާރުއައިއޭ) ގެ ހިންގުން ހަވާލު ކުރަން ނިންމާފައި ވާ އިންޑިއާގެ ކުންފުންޏަކީ ޝައުރުޔާ އެއިރޮނޯޓިކްސް ޕްރައިވެޓް ލިމިޓެޑެވެ. އަދި ރަޝިއާގެ ކުންފުންޏަކީ އެއާޕޯޓްސް އޮފް ރީޖަންސް މެނޭޖެމަންޓް ކޮމްޕެނީ އޮފް ރަޝިއާ އެވެ.

މި 2 ކުންފުންޏަށް 30 އަހަރުގެ މުއްދަތަށް މެނޭޖްމަންޓް ހަވާލުކުރަން ނިންމާ ލަންކާގެ ކެބިނެޓުން އިއުލާން ކުރި ނަމަވެސް އެއީ ކިހާވަރެއްގެ ފީއަކަށް ކަމެއް ބުނެފައެއް ނުވެއެވެ.

ކެބިނެޓުގެ ނިންމުން ހާމަ ކޮށް ހުކުރު ދުވަހު ނެރުނު ބަޔާނުގައި ބުނެފައި ވަނީ، އެ ފިޔަވަޅު އަޅަން ޖެހުނީ އެއާޕޯޓު ހަދަން އެގްޒިމް ބޭންކުން ނެގި ލޯނު ދެއްްކުމުގައި ދަތިތަކާ ދިމާވުމާއި އުއްމީދު ކުރި ވަރާ ގާތަށް ވެސް އެ އާޕޯޓަށް ފްލައިޓުތައް ޖައްސާފައި ނުވުމުން ލިބެމުންދާ ގެއްލުންތައް ފޫބެއްދުމަށް ކަމަށެވެ.

2013 ގައި ހުޅުވި މި އެއާޕޯޓު ހެދުމަށް ނެގި ލޯނު ހިމެނޭ ގޮތުން އެކިއެކި އިންފްރާސްޓްރަކްޗާ ޕްރޮޖެކްޓުތަކަށް ޗައިނާގެ އެގްޒިމް ބޭންކުން ނަގާފައި ވާ ދަރަނީގެ ތެރެއިން 4.2 ބިލިއަން އެމެރިކާ ޑޮލަރު އަންބުރާ ދައްކަން އޮތް މުއްދަތު ދަންމާލަ ދިނުމަށް ވެސް ލަންކާއިން މިހާރު ވަނީ އެދިފައެވެ.

ރާޖަޕަކްސަގެ އުފަން ރަށުގައި އޮންން މި އެއާޕޯޓަކީ މަހިންދާ ރާޖްޕަކްސަ ވެރިކަމުގައި ހުންނެވި އިރު އިންޑިއާ އާ ފެއަށް ޖެހިވަޑައިގެން ޗައިނާގެ އެހީ ހޯއްދަވައި ހެއްދެވި އެއާޕޯޓެކެވެ. އެ އެއާޕޯޓުން ފައިދާއެއް ނުނެރެވި އަދި ގައުމުގެ އިގްތިސޯދީ ދުވެލި މަޑުވެ މެއި 2022 ގައި ގައުމު ބަގުރޫޓުވެގެން ދިޔުމާއެކު މާލީ ހުރަސްތައް ކުރިމަތިވިއެވެ. އެއާއެކު އުފެދިގެން ދިޔަ ދާހިލީ ހަމަނުޖެހުމުގެ ތެރޭގައި އާންމު ރައްޔިތުން މަގުތަކަށް ނިކުމެ ރާޖަޕަކްސަގެ ވެރިކަން ވެސް ވައްޓާލިއެވެ.

އެއާއެކު ގައުމުން ކައްކާ ގޭހާއި ތެލާއި ބޭހާއި ކާބޯތަކެތި އެކީއެކަށްހެން ހުސްވެ ހާލުގައި ޖެހިގެން ދިޔުމާއެކު އިންޓަނޭޝަނަލް މަނިޓަރީ ފަންޑުން ވަނީ 2.9 ބިލިއަން އެމެރިކާ ޑޮލަރުގެ ބެއިލްއައުޓް ޕެކޭޖެއް އެގައުމަށް ދީ އެ އަނދަވަޅުން ސަލާމަތް ކޮށްދީފައެވެ. އެ މުއްދަތުގެ ތެެރޭގައި ލަންކާއަށް މާލީ އެހީތެރިކަން ދިން އެއް ގައުމަކީ އިންޑިއާ ކަމަށް ވާއިރު، ލަންކާއިން ނަގާފައި ވާ ބޭރުގެ ދަރަނި އަންބުރާ ދެއްކުމުގައި ލުއި ލިބުނު ގައުމުތަކުގެ ތެރޭގައި ޗައިނާ އާއި އިންޑިއާ ހިމެނިގެން ދިޔައެވެ.

މިއަދު އައިއެމްއެފްގެ އެހީގައި ލަންކާ ކޮޅަށް ޖަހަމުން އަންނަ އިރު، ވައްޓަލަ އެއާޕޯޓުގެ ހިންގުން އެހެން ފަރާތަކާ ހަވާލުކުރުމުން ހެޔޮ ބަދަލެއް ފެންނާނެ ކަމަށް މާލީ މަސްރަހު ދިރާސާ ކުރާ ފަރާތްތަކުން ބުނެއެވެ.