މި ސަރުކާރުން މިހާތަނަށް މަސްވެރިންނަށް 850 މިލިއަން ރުފިޔާ ދީފައިވާ ކަމަށް ފިޝަރީޒް މިނިސްޓަރު އަހްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
ޝިޔާމް މިފަދައިން ވިދާޅުވީ ރޭ ބޭއްވި މި ސަރުކާރުގެ 3 ވަނަ އަހާ ފޯރަމްގައި އާންމު ފަރާތަކުން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.
ޝިޔާމް ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު (ނޮވެމްބަރު 17 އާ ހަމައަށް) މަސްވެރިންނަށް ނުދެވި ވަރަށް ބޮޑު އަދަދެއްގެ ފައިސާ ހުރި ކަމަށެވެ. 250 މިލިއަނަށްވުރެ ބޮޑު އަދަދެއް މަސްވެރިންނަށް ނުދެވި ހުރި ކަން އޭނާ ފާހަގަ ކުރެއްވިއެވެ.
މިކަން މިހެން ދިމާވެފައި ވަނީ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރާއި ދެވަނަ ބުރާއި ދެމެދު މަހުގެ ބަދަލަށް ވަރަށް ބޮޑު ބަދަލެއް ގެނެސްފައިވުމުުގެ ސަބަބުން ކަމަށް ޝިޔާމް ވިދާޅުވިއެވެ. އެގޮތުން ސެޕްޓެމްބަރު 16 ވަނަ ދުވަހު މަހުގެ އަގު 17 ރުފިޔާއިން 25 ރުފިޔާއަށް ބަދަލުކޮށްފައިވާ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.
ޝިޔާމް ވިދާޅުވީ 250 މިލިއަނަށްވުރެ ގިނަ ރުފިޔާ މަސްވެރިންނަށް ދައްކަން އޮތްއިރު ރާއްޖޭގެ މާލީ ހާލަތު އޮތް ގޮތުން ކުއްލިއަކަށް އެ ފައިސާ ދައްކަން ސަރުކާރަށް ވެސް އުނދަގޫތަކެއް ހުރި ކަމަށެވެ. ނަމަވެސް ދެއްކެން އޮތް ވަރެއް ދައްކަމުން ގޮސް ނިމިދިޔަ ރޯދަ މަހުގެ ކުރިން މަސްވެރި އާއިލާތަކަށް ނުދެވި ހުރި ހުރިހާ ފައިސާއެއް ދައްކާ ބެކްލޮގް އެއްކޮށް ކްލިއާ ކުރެވުނު ކަމަށެވެ.
ޝިޔާމް އިތުރަށް ވިދާޅުވީ މިހާތަނަށް ރައީސް ވެރިކަމާ ހަވާލުވެވަޑައިގެންފަހުން މަސްވެރިންނަށް 850 މިލިއަން ރުފިޔާ ދީފައިވާ ކަމަށެވެ. އަދި މަސްވެރިންނަށް ދޭން ޖެހޭ 27 މިލިއަން ރުފިޔާ ނުދެވި ހުރި ކަމަށާއި އެ ފައިސާ މިފްކޯއިން ވީހާވެސް އަވަހަކަށް ދައްކާނެ ކަމަށް ޝިޔާމް ވަނީ ވިދާޅުވެފައެވެ.
ދަރާ އޮތް ދަރަންޏެއް ދައްކާފައި އެވާހަކަ ކާޅުގޮވާހެން ގޮވަން ޖެހޭނެތަ