ފުލުހުން ތަހުގީގު ކުރަމުން ދާ މައްސަލައަކާ ގުޅިގެން ދެ ބިދޭސީން ހޯދުމަށް ފުލުހުން އިއުލާން ކޮށްފިއެވެ.

ފުލުހުން ބުނީ ނ. މަނަދޫ ޕޮލިސް ސްޓޭޝަނުން ތަހުގީގު ކުރަމުންދާ މައްސަލައެއްގެ ތަހުގީގަށް މީހަކު ހާޒިރުކުރުމަށް ބޭނުންވެ، އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓު ރައްދުކުރެވިފައި ނުވާ ކަމަށެވެ. އެހެންކަމުން ޖިނާއީ މައްސަލަތައް ތަހުގީގު ކުރުމުގައި ފުލުހުން އަމަލުކުރާނެ އިޖުރާއަތުގެ ގަވާއިދުގައިވާ ގޮތުގެމަތިން ތަހުގީގަށް ހާޒިރުވުމަށް އަންގައި އިއުލާން ކުރާކަމަށް ފުލުހުން ވަނީ ބުނެފައެވެ.

މި މައްސަލައިގައި ފުލުހުން ހޯދަމުން ދަނީ ބަންގްލަދޭޝް ރައްޔިތެއްކަމަށްވާ ޝޮހެދުއްލާ (34އ) އަދި ކޮކޮން މިއާ (34އ)އެވެ. ފުލުހުން ވަނީ ނ. މަނަދޫ ޕޮލިސް ސްޓޭޝަނަށް ނުވަތަ އެންމެ ކައިރީގައިވާ ޕޮލިސް ސްޓޭޝަނަކަށް، މެއި 11، 2024 ވަނަ ދުވަހު 20:00 އަށް ހާޒިރުވުމަށް އަންގާ އިއުލާން ކޮށްފައެެވެ.

މިދެމީހުން ހޯދަމުން ދަނީ ކޮން މައްސަލައެއްގައިކަން ފުލުހުން ހާމަކޮށްފައި ނުވާއިރު މިކަމާއ ގުޅިގެން 'ދަ ޕްރެސް' އިން ކުރި ސުވާލަށް ޖަވާބުދެމުން ފުލުހުން މީޑިއާ އޮފިޝަލަކު ވިދާޅުވީ އެ ދެމީހުން ހޯދުމަށް ކުރި އިއުލާނުގައި މިވަގުތު މައުލޫމާތު ހާމަކުރެވެން އޮތް މިންވަރަށް ހާމަކޮށްފައިވާ ކަމަށެވެ.