ސްޓޫޑެންޓް ލޯނަށް ކުރިމަތިލާ ދަރިވަރުންގެ ތެރެއިން ޝަރުތު ހަމަވާ ހުރިހާ ދަރިވަރުންނަށް ލޯނުދޫކުރުމަށް ސަރުކާރުން ނިންމައިފިއެވެ.

މިކަން އިޢުލާން ކުރެއްވީ މިނިސްޓަރުންނާ ސުވާލުކުރުމުގެ ފުރުސަތު ދޭ "އަހާ" ފޯރަމްގައި، ތައުލީމީ ދާއިރާއިން ކުރާ ކަންކަން ހާމަ ކުރައްވަމުން ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. މަރްޔަމް މާރިޔާއެވެ.

ސްޓޫޑަންޓް ލޯނަށް ކުރިމަތިލާ ދަރިވަރުންގެ ތެރެއިން ޝަރުތު ހަމަވާ ހުރިހާ ދަރިވަރުންނަށް ލޯން ދޭން ސަރުކާރުން ނިންމާފައިވާ އިރު، މި ސަރުކާރުން ސްޓޫޑެންޓް ލޯނަށް ކުރުމަތިލުމަށް ހުޅުވާލާފައި ވަނީ މިިދޔަ ފެބްރުއަރީ މަހުގެ 29 ވަނަ ދުވަހުއެވެ. މި މަހުގެ 25ގެ ނިޔަލަށް މުއްދަތް ހަމަވާ ގޮތަށް ހުޅުވާލީ ސްޓޫޑަންތް ލޯނަށް އެދި ހުށަހެޅުމުގެ މުއްދަތު ވަނީ އަންނަ މަހިގެ 2 ވަމަ ދުވަހާ ހަމައަށް އިތުރުކޮށްފައެވެ. އޭރު އެ ސްކީމްގެ ދަށުން ލޯނަސް ހުޅުވާލާފައި ވަނީ ޑިޕްލޮމާއިން ފެށިގެން ޕީއެޗްޑީއާ ހަމައަށް ކިޔަވައިދޭން 500 ފުރުސަތެވެ.

މިރޭ ބޭއްވި ފޯރަމްގައި އާންމުންގެ މީހަކު ކުރި ސުވާލަކަސް ޖަވާބު ދެއްވަމުން މާރިޔާ ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އަމާޒަކީ ސްޓޫޑެންޓް ލޯނުގެ ކަންކަން ވީހާވެސް ފަސޭހަކޮށްދީ، މަތީ ތައުލީމަށް ކިޔަވަން ބޭނުންވާ ދަރިވަރުންނަށް ހުރި ދަތިތަކަށް ހައްލު ހޯދައި ދިނުން ކަމަށެވެ. އެގޮތުން ސްޓޫޑެންޓް ލޯނަށް މިބުރުގައި ކުރިމަތިލާ ދަރިވަރުންގެ ތެރެއިން ޝަރުތު ހަމަވާ ހުރިހާ ދަރިވަރުންނަށް ލޯން ދޫކުރާގޮތަށް ރައީސުލްޖުމްހޫރިއްޔާ ނިންމަވާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

މި ލޯނު ސްކީމްގެ ދަށުން އެ ދަރިވަރަކު ބޭނުން ގައުމަކަށް ކިޔަވަން ދެވޭނެއެވެ. އަދި މި ލޯނު ނަގައިގެން ކިޔެވުމުގެ ފުރުސަތު ދެނީ ރާއްޖެއަށް އެންމެ ބޭނުންވާ ދާއިރާތަކަށް ހާއްސަކޮށްގެން ކަމަށް ވެސް މިނިސްޓަރު ފާހަގަ ކުރެއްވިއެވެ. އެގޮތުން ރައީސުލްޖުމްހޫރިއްޔާގެ މެނިފެސްޓޯގައި ހިމެނޭގޮތަށް އިމާރާތް ކުރުމުގެ ދާއިރާއާއި އޭވިއޭޝަންގެ ދާއިރާއާއި ދަނޑުވެރިކަމުގެ ދާއިރާގެ އިތުރުން ގައުމަށް ކޮންމެހެން ބޭނުންވާ ދާއިރާތަކަށް ވަނޯ ހާއްސަކޮށްފައެވެ.

މިފަހަރުގެ ލޯން ސްކީމްގައި ވެސް ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ޖާގަތަކެއް ވަނީ ހާއްސަކޮށްފައެވެ. އެކުދިންގެ ހާލަތަށް ރިޢާޔަތްކޮށް ކޯސް ފުރިހަމަ ކުރުމަށް ބޭނުންވާ ހަރަދުތައް ދިނުމަށް ސަރުކާރުން ވަނީ ނިންމާފައެވެ. އަދި މިހާރުވެސް ކޯހުގައި ކިޔަވަމުންދާ ދަރިވަރުން ކުރަންޖެހޭ އެހެނިހެން ހަރަދުތައް ކުރުމަށްވެސް މިފަހަރުގެ ލޯން ސްކީމްގެ ތެރެއިން ފުރުސަތު ލިބިގެން ދާނެ ކަމަށާއި ހިލޭ ޑިގްރީގައި ކިޔަވަމުންދާ ދަރިވަރުންވެސް އިތުރު ހަރަދުތައް ހަމަޖެއްސުމަށް ލޯނަށް އެދެވޭނެއެވެ.