އެކި ސަބަބުތަކަށްޓަކައި ސިވިލް ސާވިސްގެ ވަޒީފާ ދޫކޮށްލައިފައިވާ މީހުން އަލުން ސިވިލް ސާވިސްގައި ވަޒީފާ އަދާކުރުމުގެ ފުރުސަތު ފަހިކޮށްދެއްވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމަވައިފިއެވެ.

އެމަނިކުފާނު މިގޮތަށް ނިންމެވީ އިއްޔެ ރައީސް އޮފީހުގައި ކުރިއަށް ދިޔަ ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި ރައީސް އޮފީހުން ހުށަހެޅުއްވި ކަރުދާހުގެ މައްޗަށް ވަޒީރުންގެ މެދުގައި މަޝްވަރާކުރެއްވުމަށްފަހުގައެވެ.

ރައީސްގެ މި ނިންމެވުމާއި ގުޅިގެން، ސިވިލް ސާވިސްގައި މީހުން ލިބުން ދަތި ދާއިރާތަކުގެ މަގާމުތަކުގެ އިތުރުން ވަގުތީގޮތުން މީހުން ބޭނުންވާ މަގާމުތަކުގައި ވަޒީފާއަދާކުރުމަށް ޝައުގުވެރިކަން ހުރި، އެ ދާއިރާތަކުގައި ވަޒީފާ އަދާކޮށް ވަޒީފާއިން ވަކިވެފައިވާ މީހުންގެ ދަފުތަރެއް އެކުލަވައިލުމަށް ވަނީ ނިންމަވާފައެވެ. އަދި މިގޮތަށް މީހުން ބޭނުންވެއްޖެ ހިނދެއްގައި އެ ދަފްތަރުގައި ރަޖިސްޓަރީވެފައިވާ މީހުންގެ ތެރެއިން ވޭޖް އެމްޕްލޯއިމަންޓް އުސޫލުން މީހުން ހަމަޖެއްސުމަށް ވަނީ ނިންމަވާފައެވެ.

އެކިއެކި ޓެކްނިކަލަ ދާއިރާތަކުން ތަމްރީނުވެގެން ރާއްޖޭގައި މަސައްކަތްކުރާ ދިވެހިން ސަރުކާރުގެ ވަޒީފާތަކަށް ގެނައުމަށް ބާރުއެޅުމަށްޓަކައި، އެ ފަރާތްތަކަށް އެކަށީގެންވާ މުސާރައެއް ކަނޑައެޅުމަށް އެފަދަ ފަރާތްތަކަށް ހާއްސަ "ޕޭ ސްޓްރަކްޗާ" އެއް އެކުލަވާލެއްވުމަށް ވެސް ރައީސް ވަނީ ނިންމަވާފައެވެ.

މީގެއިތުރުން ހަޔާ އެޑިޔުކޭޝަން ލޯން ސްކީމަށް ކަނޑައެޅޭ ބަޖެޓުގެ ތެރެއިން އެންމެ މަދުވެގެން 50 ޕަސެންޓު ހުރިހާ ދާއިރާއެއްގެ "ހައިލީ ޓެކްނިކަލް ފީލްޑްތަކަށް" ހާއްސަ ކުރުމަށްވެސް އިއްޔެ ބޭއްވި ވަޒީރުންގެ މަޖިލީހުން ވަނީ ނިންމަވާފައެވެ.

ރައީސްގެ މި ނިންމެވުން ނިންމަވާފައި ވަނީ ސިވިލް ސާވިސްއަށް މީހުން ރެކްރޫޓްކުރުމުގެ އިޖުރާއަތުތައް ހުރި ގޮތުން މީހުން ލިބުން ދަތިނޫން މަގާމުތަކަށް ވެސް މީހުން ހަމަޖެއްސުން ލަސްވާތީ ބައެއް މުއައްސަސާތަކުން ހިދުމަތް ދިނުމުގައްޔާއި، މުއައްސަސާތަކުން ކުރަންޖެހޭ މަސައްކަތްތައް ކުރުމުގައި ދަތިތަކާ ކުރިމަތިލާން ޖެހޭތީކަން ވަނީ ފާހަގަ ކުރައްވާފައެވެ.

ދާއިމީ މަގާމުތަކަށް މީހުން ހޯދުމުގެ އިތުރުން އެކި ސަބަބުތަކަށްޓަކައި ދިގު މުއްދަތުގެ ޗުއްޓީ ނަގާ މުވައްޒަފުންގެ ބަދަލުގައި ވަގުތީ ގޮތުން މަސައްކަތްކުރާނެ މީހުން ރެކްރޫޓުކުރުމަށް ހުރި ދަތިކަން ހުރުމަށް ވެސް މި ނިންމެވުން ނިންމެވުމުގައި ރައީސް ވަނީ ރިއާޔަތް ކުރައްވާފައެވެ.

އިއްޔެގެ ބައްދަލުކުރެއްވުމުގައި، ސިވިލް ސާވިސް މުވައްޒަފުން ހޯދުމުގައި ހުރި ދަތިތަކާއި، ސިވިލް ސާވިސްއިން ދެއްވާފައިވާ މައުލޫމާތުތަކަށް ބިނާކޮށް މުވައްޒަފުން ވަކިވާ ސަބަބުތަކާއި، އެކަންކަމަށް ހައްލު ހޯދިދާނެ ގޮތްތަކާއި ގުޅޭގޮތުން ވެސް ވަނީ މަޝްވަރާ ކުރައްވާފައެވެ.

އެކިއެކި ސަބަބުތަކަށްޓަކައި ހިދުމަތުން ދުރުވެފައިވާ ނަރުހުންނާއި، އެހެނިހެން ސިއްހީ ހިދުމަތްތެރިން، އަނބުރާ ހިދުމަތަށް ނުކުތުމުގެ މަގު ތަނަވަސްކޮށްދިނުމަށް ހާއްސަ ސިޔާސަތެއް އެކަށައެޅުމަށް ރައީސް ވަޒީރުންގެ މަޖިލީހުގެ ލަފާފުޅާއެކު ރައީސް ވަނީ މީގެ ކުރިން ނިންމަވާފައެވެ.