ސިވިލް ސާވިސް ކޮމިޝަނުގެ ހުސްވެފައިވާ މެންބަރުކަމަށް ފާތިމަތު ހަބީބާ އައްޔަނުކުރުމަށް ރައްޔިތުންގެ މަޖިލީހުން ރުހުންދީފިއެވެ.

ސީއެސްސީގެ މެންބަރުކަމުގެ މަގާމު ހުސްވީ، އެ ކޮމިޝަނުގެ މެންބަރުކަން ކުރެއްވި ފާތިމަތު އާމިރާގެ ފަސް އަހަރުގެ ދައުރު މިދިޔަ ޑިސެމްބަރު މަހު ހަމަވުމާ ގުޅިގެންނެވެ. އެހެންވެ އެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލުމުން ކުރިމަތިލެއްވި ބޭފުޅުންގެ ތެރެއިން ތިން ބޭފުޅެއްގެ ނަން ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ މިދިޔަ ފެބްރުއަރީ މަހުގެ ހަތްވަނަ ދުވަހު މަޖިލީހަށް ފޮނުއްވައިފައެވެ. އެ ބޭފުޅުންނަކީ:

  • އަބްދުލްހަސީބު އިސްމާއީލް
  • ފާތިމަތު ހަބީބާ
  • މަރިޔަމް ޝާހިދާ

މި ތިން ބޭފުޅުންގެ ތެރެއިން ހަސީބުގެ ނަން ފާސްކުރުމަށް ރިޔާސަތުން އެހުމުން، ވޯޓުގައި ބައިވެރިވި 37 މެންބަރުންގެ ތެރެއިން 19 މެންބަރުން ހަސީބަށް ރުހުން ނުދޭން ފެންނަ ކަމަށް ނިންމުމުން، އޭނާގެ ނަން ފާހެއް ނުވިއެވެ.

އެހެންވެ، ހަބީބާގެ ނަން ފާސްކުރުމަށް ރިޔާސަތުން އެހުމުން ވޯޓުގައި ބައިވެރިވި 38 މެންބަރުން ވަނީ ސީއެސްސީގެ މެންބަރުކަމަށް ހަބީބާ އައްޔަންކުރުމަށް ފާސްކޮށްފައެވެ.

ސީއެސްސީގެ ގާނޫނުގައިވާ ގޮތުން، އެ ކޮމިޝަނަށް މެންބަރުން އައްޔަނުކުރަނީ ރައީސެވެ. ދެން އޮންނަނީ ރައީސް އައްޔަނުކުރައްވާ ނަންތަކުގެ ތެރެއިން ގިނަވެގެން ތިން ނަމެއް މަޖިލީހަށް ފޮނުވައި ރުހުން ހޯދުމެވެ.

ސީއެސްސީގެ މެންބަރުންގެ ގޮތުގައި މިހާރު ތިއްބަވަނީ އެ ކޮމިޝަނުގެ ރައީސް މުހައްމަދު ނާސިހާއި ނައިބު ރައީސް އިބްރާހީމް ރަޝީދާއި، މެންބަރުން ކަމަށްވާ ފާތިމަތު ޝަރީފާއި މުހައްމަދު ފަރުޝަތެވެ.