ފުވައްމުލަކު ސިޓީގައި ރޭ ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި އެކަކަށް ސީރިއަސް އަނިޔާތަކެއްވެއްޖެއެވެ.

ފުލުހުން ބުނީ ރޭ 10:48 ހާއިރު، 2 ސައިކަލު ޖެހި ފުވައްމުލަކު ސިޓީގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގާފައިވާ ކަމަށެވެ.

ރޭ ހިނގި މި އެކްސިޑެންޓުގައި 3 މީހަކަށް އަނިޔާވެފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ. އަދި 3 މީހުންނަށް ވެސް ފުވައްމުލަކު ރީޖަނަލް ހޮސްޕިޓަލުގައި ފަރުވާދެމުންދާ ކަމަށް ފުލުހުން ބުނެއެވެ.

އެގޮތުން އެކްސިޑެންޓުގައި އަނިޔާވި އެކަކުގެ ހާލު ސީރިއަސް ކަމަށާއި އޭނާއަށް ފަރުވާ ދެމުންދަނީ އައިސީޔޫގައި ކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ. އެ މީހާއަށް ލިބިފައިވާ އަނިޔާތަކުގެ ތަފްސީލް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.

ރޭ ފުވައްމުލަކު ސިޓީގައި ވަނީ އިތުރު އެކްސިޑެންޓެއް ވެސް ހިނގާފައެވެ. ފުލުހުން ބުނީ މި އެކްސިޑެންޓު ހިނގާފައި ވަނީ ފުވައްމުލަކު ސިޓީގެ އެއާޕޯޓް ސަރަހައްދުގައި ހަރުކޮށްފައިވާ ގިޑިގެއެއްގެ ބައެއް ނެއްޓިފައިވަނިކޮށް ބާރަށް ދުއްވާފައި ދިޔަ ސައިކަލެއް އެތަނުން ނެއްޓިގެން ދާން މަސައްކަތް ކުރަނިކޮށް ސައިކަލް ކަހާލައިގެން ވެއްޓިގެން ކަމަށެވެ.

މި ސައިކަލް ދުއްވި އުމުރުން 27 އަހަރުގެ މީހަކަށް އަނިޔާވެގެން ފުވައްމުލައް ރީޖަނަލް ހޮސްޕިޓަލުގައި ފަރުވާ ދެމެންދާ ކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ.

ސައިކަލެއް ކޮންޓްރޯލް ނުވެ ޒިބްރާ ކްރޮސް ޕޯސްޓް ދަނޑީގައި ޖެހި މި މަހުގެ 1 ވަނަ ދުވަހުގެ ރޭ ވެސް ފުވައްމުލަކު ސިޓީގައި ވަނީ ނުރައްކާތެރި އެކްސިޑެންޓެއް ހިނގާފައެވެ. އެ އެކްސިޑެންޓްގައި 32 އަހަރުގެ މީހަކަށް އަނިޔާވެ، އޭނާއަށް ވެސް ވަނީ އައިސީޔޫގައި ފަރުވާ ދީފައެވެ.