ފުލުންގެ މުއައްސަސާގެ އެކި ހިދުމަތްތަކުގައި އެކި ދާއިރާތަކުގައި އަންހެން ފުލުހުންގެ ބައިވެރިވުން މުހިންމު ކަމަށް ރައީސްގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ވިދާޅުވެއްޖެއެވެ.

ސާޖިދާ މިފަދައިން ވިދާޅުވީ "މޯލްޑިވްސް ވިމެން އިން ޕޮލިސިން ކޮމިޓީ" ގެ ދެވަނަ ދައުރު އިފުތިތާހު ކޮށްދެއްވާ ދެއްކެވި ވާހަކަ ދައްކަވަމުންނެވެ.

ދިވެހި ފުލުހުންގެ ދައުރަކީ ވަރަށް މުހިންމު ދައުރެއްކަން ފާހަގަ ކުރައްވާ ސާޖިދާ ވިދާޅުވީ އޭގެތެރެއިން ވެސް އަންހެން ފުލުހުންގެ ދައުރު އަދި ވަރަށް ބޮޑަށް މުހިންމުވާ ކަމުގައެވެ. އެއީ އަންހެނުންގެ ބާރު ހަރުދަނާވެ، އަންހެނުންގެ ދައުރު ފުޅާވުމުން މުއައްސަސާގެ މަސްއޫލިއްޔަތު އަދާކުރުމުގައި ހެޔޮ ނަތީޖާ ފެންނާތީ ކަމުގައި އެކަމަނާ ވިދާޅުވިއެވެ.

އެގޮތުން ފުލުންގެ މުއައްސަސާގެ އެކި ހިދުމަތްތަކުގައި އެކި ދާއިރާތަކުގައި އަންހެން ފުލުހުންގެ ބަހާއި، އެކަނބަލުންގެ ބައިވެރިވުމާއި، އެ ކަނބަލުންގެ އިސްކަން ވަރަށް މުހިންމުކަމުގައި އެކަމަނާ ފާހަގަކުރެއްވިއެވެ.

ސާޖިދާ ވިދާޅުވީ ދިވެހިރާއްޖޭގެ އަމްނު ބެލެހެއްޓުމުގައި ދިވެހި އަންހެން ފުލުހުން އަދާކުރާ މުހިންމު ދައުރަށްޓަކައި އެކަމަނާ ފަހުރުވެރިވެވަޑައިގަންނަވާ ކަމުގައެވެ. އަދި އަންހެން ކަނބަލުންގެ ބާރުވެރިކަން އިތުރުކުރެވޭނެ މަގު ހޯދުން މުހިންމު ކަމަށާއި، ކަނބަލުންގެ ގާބިލުކަން އިތުރުވި ވަރަކަށް މުޖުތަމައުގައި އަންހެނުންގެ ތަޖުރިބާތައް ހިމެނޭ މައްސަލަތަކަށް ހައްލު ލިބުމުގެ މަގު ފަހިވެގެންދާނެ ކަމުގައި އެކަމަނާ ވިދާޅުވިއެވެ.

ރޭ އިސްކަންދަރުކޮށީގައި ބޭއްވި މި ހަފުލާގައި ސާޖިދާ ވަނީ 'މޯލްޑިވްސް ވިމެން އިން ޕޮލިސިން މަންތްލީ ނިއުސް ލެޓާ' "ސްޕެޝަލް އިނައުގުރަލް އިޝޫ" ފޮތް އިފުތިތާހުކޮށްދެއްވާފައެވެ. މި ފޮތަކީ މޯލްޑިވްސް ވިމެން އިން ޕޮލިސިން ކޮމިޓީން އެކުލަވާލައްވައި ޝާއިއުކޮށްފައިވާ ފޮތެކެވެ.

މި ހަފުލާގައި، ޗީފް އިންސްޕެކްޓާ އޮފް ޕޮލިސް އަލްމަރުޙޫމް މުހައްމަދު ޒިޔާދުގެ ހަނދާނުގައި 1 މިނިޓުގެ ސުކޫތެއް ވެސް ގެނެސްފައިވެއެވެ. އަލްމަރުހޫމް މުހައްމަދު ޒިޔާދު ދެމިއޮތުމުގެ އާލަމަށް ދަތުރުކުރައްވާފައިވަނީ އިއްޔެގެ ވަގުތެއްގައެވެ.