ސިފައިންނަށް ކުއްޔަށް ދޫކޮށްފައިވާ ސިފްކޯގެ ފްލެޓްތައް އެހެން ބަޔަކަށް ކުއްޔަށް ދޭ ނަމަ އެ ތަންތަން އަތުލާނެ ކަމުގެ އިންޒާރު އެމްއެންޑީއެފުން ދީފިއެވެ.

އެމްއެންޑީއެފްގެ މީޑިއާ އޮފިޝަލް މިއަދު ވިދާޅުވީ ދެ ފަރާތުން ވެފައިވާ އެއްބަސްވުމާ ހިލާފަށް ފްލެޓުތަކާ މެދު އަމަލުކުރާ ކަމަށް ބެލެވޭ މީހުންނަށް، އެ ތަންތަން އަތުލާނެ ކަމުގެ އިންޒާރުގެ ސިޓީއެއް ފޮނުވާފައިވާ ކަމަށެވެ. އަދި އެ ފްލެޓްތައް ކުއްޔަށް ދޭ ފަރާތްތަކާމެދު ހެދިފައި އޮތް އުސޫލުގެ ދަށުން ފިޔަވަޅު އަޅާނެ ކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފައެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ސިފައިންނަށް ދޫކުރި ގިނަ ފްލެޓުތައް މިހާރު ވެސް ހުރީ ދެ ވަނަ ފަރާތަކަށް ކުއްޔަށް ދީފަ އެވެ. ފްލެޓުތައް ލިބުނު ސިފައިންގެ އެ އާއިލާތައް ދިރިއުޅެނީ އެހެން ތަންތަނުގައެވެ.

548 މިލިއަން ރުފިޔާއަށް ތިން ޓަވަރުގައި އިމާރާތް ކޮށްފައިވާ 345 ހައުސިން ޔުނިޓުގެ ތަޅުދަނޑި ހަވާލުކޮށްފައި ވަނީ މިދިޔަ އަހަރެވެ. އެއިން ކޮންމެ ޔުނިޓެއްގައި 1،100 އަކަފޫޓުގެ ޖާގަ ހުރެއެވެ.

ސިފައިންގެ ފްލެޓްތަކުގެ ބިންގާ އެޅީ ނޮވެމްބަރު 26، 2014 ގަ އެވެ. މަސައްކަތް ނިންމަން ޖެހޭ ސުންގަޑިއަކީ 18 މަސް ކަމަށް އޭރު ކަނޑައެޅިޔަސް ކޮންޓްރެކްޓަރުގެ އެކިއެކި މައްސަލަތައް ކުރިމަތިވެ، އެ ކަމެއް ނުވި އެވެ. މިކަމުގެ ސަބަބުން ފަހުން އެ މަސައްކަތް ހަވާލުކުރީ ޗައިނާގެ "ދަ ޓްވެންޓީ ތާޑް މެޓަލުޖިކަލް ކޮންސްޓްރަކްޝަން ގްރޫޕް" އަށެވެ.