މާލޭގެ ގެއެއްގެ ދޮރުމަތީގައި ވެމްކޯގެ މުވައްޒަފުން ކުނިކޮތަޅުތައް ބެހެއްޓީ، ކުނި އަޅާ ބޮޑު ޑަސްބިން ފުރިންގެން ކަމަށާއި ފަހުން އެ ކޮތަޅުތައް ނަގާފައިވާ ކަމަށް މާލެ ސިޓީ ކައުންސިލުން ބުނެފިއެވެ.

މާލެތެރެއިން ކުނި ނެގުމުގެ މަސައްކަތް ކުރަމުން ދިޔަ ވެމްކޯގެ މުވައްޒަފަކު ގެއެއްގެ ދޮރުމަތީގައި ކުނި ކޮތަޅު ބަހައްޓާފައިވާ ދާ ވީޑިއޯއެއް އާންމުކޮށްފައިވަނީ މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހިމް ރަޝިދު (ބޮންޑެ)އެވެ. ބޮންޑެ އެކްސްގައި ކުރި މި ޕޯސްޓުގައި ވިދާޅުވީ މިއީ މި މަހުގެ 25 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައި ވެމްކޯ މުވައްޒަފަކު މާފަންނު ޖަވާހިރު މަގު އައިލެކްސް ދޮރުމަތީގައި ކުނި ބަހައްޓާފައި ދާ ސީސީޓީވީ ފުޓޭޖެއް ކަމަށެވެ.

މި ވީޑިއޯ އިން ފެންނަ ގޮތުން ދެ މީހަކު ވެމްކޯގެ ބޮޑު ކުނި ޑަސްޓްބިނެއް ފުރެން ދެން ކުނި އަޅައިގެންދާއިރު، ވެމްކޯގެ އިތުރު މުވައްޒަފަކު ކުނި އަޅާފައި ހުރި 5 ކޮތަޅު އެގޭގެ ކުރިމަތީ ބާއްވާފައި އޮތް ޕެލެޓެއްގެ މަތީގައި ބަހައްޓާތަން ފެނެއެވެ. އަދި އެތަނުން ހަމައެކަނި ފުޅިތައް ނަގައިގެން ދާ މަންޒަރުވެސް މި ވީޑިއޯ އިން ފެންނައިރު މިކަމާއި ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުންތައް ވަނީ ވެމްކޯއަށް އަމާޒުވެފައެވެ.

މި ވީޑިއޯ އާއި ގުޅިގެން މާލެ ސިޓީ ކައުންސިލުން ބުނީ އެއީ ހަނި ގޯޅިއަކަށްވުމުން ޕިކަޕު އެ ގޯޅިއަށް ނުވަންނާތީ ދުރުގައި ޕިކަޕް ބާއްވައިގެން ވެމްކޯ މުވައްޒަފުން އެމީހުން ގެންގުޅުނު ބޮޑު ޑަސްބިނަށް ކުނި އަޅައިގެން ދިޔައީ ކަމަށެވެ، އަދި ޑަސްބިން ފުރުމުން ކުނި ކޮތަޅުތައް ބަހައްޓާފައި ފުޅިތައް އަތުން ހިފައިގެން ދިޔައީކަމަށްވެސް ކައުންސިލުން ވަނީ ބުނެފައެވެ. އިތުރަށް ކައުންސިލުން ބުނީ ޑަސްބިން ފުރުމުން ގެންގޮސް ޕިކަޕަށް ކުނި އަޅާފައި އަނެއްކާވެސް އެނބުރި ކުނި ނަގަން އެ މުވައްޒަފުން ވަގުތުން އައިކަމަށާ އާންމުކޮށްފައިވާ ވީޑިއޯ އަކީ އެ ހާދިސާ ހިނގި ގޮތުގެ އެއްބައިކަމަށެވެ.

މި ހާދިސާ އާއި ގުޅިގެން އަދި ވެމްކޯ އިން އެއްވެސް ވާހަކައެއް ދައްކާފައި ނުވާއިރު، މާލެ ސިޓީ ކައުންސިލާ ވެމްކޯ ގުޅިގެން މާލެ ސަރަހައްދު ސާފުތާހިރުކޮށް ބެލެހެއްޓުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަކަން ފާހަގަކުރެވެއެވެ.