ބިންވެރިޔާ ސްކީމްގެ ދަށުން ގިރާވަރުފަޅުން ގޯތި ލިބިފައިވާ ފަރާތްތަކަށް ގުޅިފަޅަށް ބަދަލުވުމަށް ހުޅުވާލި ފުރުސަތުގައި އެކަމަށް އެދި 1913 ފަރާތަކުން ހުށަހަޅައިފައިވާ ކަމަށް ހައުސިން މިނިސްޓްރީއިން ބުނެފިއެވެ.
ގިރާވަރުފަޅުން ގުޅީފަޅަށް ގޯތި ބަދަލު ކުރުމަށް އެދި ހުށަހެޅުމަށް ހައުސިން މިނިސްޓްރީއިން ހުޅުވާލި ފުރުސަތު އޭޕްރީލް 17 ވީ ބުދަ ދުވަހުގެ ރޭ 11:00އަށް ވަނީ ހަމަވެފައެވެ.
ހައުސިން މިނިސްޓްރީއިން ބުނީ އިއުލާން ކުރެވުނު ގޯތީގެ އަދަދާއި އެކަމަށް އެދި ހުށަހެޅުއްވި ފަރާތްތަކުގެ އަދަދަށް ބަލާއިރު 2،450 އަކަފޫޓު އަދި 2،050 އަކަފޫޓުގެ ގޯއްޗަށް އެދި ހުށަހަޅާފައި ވަނީ ކަނޑައަޅާފައިވާ އަދަދަށްވުރެ މަދުން ކަމަށެވެ.
ކަނޑައަޅާފައިވާ އަދަދަށްވުރެ ގިނައިން ހުށަހަޅާފައިވުމުން ގުރުއަތުލުން ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ 1،250 އަދި 1،650 އަކަފޫޓުގެ ގޯތި ލިބިފައިވައިވާ ފަރާތްތަކުގެ މެދުގައި ކަމަށް ހައުސިން މިނިސްޓްރީިއިން ވަނީ ބުނެފައެވެ. އަދި މި ގުރުއަތު ނެގުން އޮންނާނެ ތާރީހެއް އިއުލާން ކުރާނެ ކަމަށް ވެސް އެ މިނިސްޓްރީއިން ބުނެއެވެ.
ގިރާވަރުފަޅުން ގުޅިފަޅަށް ބަދަލުކުރުމަށް ހަމަޖެހިފައިވާ ގޯތީގެ އަދަދާއި ބޮޑުމިން އަދި ގޯތި ބަދަލު ކުރުމަށް އެދިފައިވާ މީހުންގެ އަދަދު:
- 1250 އަކަފޫޓުގެ 193 ގޯތި - 928 މީހުން
- 1650 އަކަފޫޓުގެ 663 ގޯތި - 769 މީހުން
- 2050 އަކަފޫޓުގެ 487 ގޯތި - 213 މީހުން
- 2450 އަކަފޫޓުގެ 4 ގޯތި - 3 މީހުން
ގޯތި ބަދަލު ކުރުމަށް ހުށަހެޅި މީހުންގެ ލިސްޓު އާންމުކޮށް ހައުސިން މިނިސްޓްރީއިން ވަނީ ގުޅިފަޅަށް ބަދަލުވުމަށް އެދި ހުށަހެޅި ފަރާތްތަކުގެ ލިސްޓާ ގުޅޭގޮތުން ޝަކުވާއެއްވާނަމަ އެކަން ލިޔުމަކުން އަންނަ ބުދަ ދުވަހުގެ ރޭ 11:00ގެ ކުރިން އެ މިނިސްޓްރީއަށް ހުށަހެޅުމަށް އެދިފައެވެ.
ހައުސިން މިނިސްޓްރީއިން ބުނެފައި ވަނީ ގުޅިފަޅަށް ގޯތި ބަދަލު ކުރަން ނިންމާފައި ވަނީ ބިންވެރިޔާ ސްކީމްގެ ދަށުން ގިރާވަރުފަޅުން ގޯތި ދޫކޮށްފައި ވަނީ އެ ސަރަހައްދަށް ކޮންމެހެން ބޭނުންވާ މުހިއްމު ހިދުމަތްތަކަށް އެކަށީގެންވާ ވަރަށް ބިން ކަނޑަނާޅާ ކަމަށްވާތީ ކަމަށެވެ. އަދި ގިރާވަރުފަޅުގެ ލޭންޑް ޔޫސް ޕްލޭނަށް ބަދަލު ގެނައުމުން، ގިރާވަރުފަޅުން ބިން ދޫކޮށްފައިވާ އަދަދަށް ގޯތި ނުނެގޭނެތީ ކަމަށް ވެސް ހައުސިން މިނިސްޓްރީއިން ވަނީ ބުނެފައެވެ.