ހދ. ކުޅުދުއްފުށީ އުތުރު ދާއިރާއަށް ޕީއެންސީން ކުރިމަތިލި މުހައްމަދު ދާއުދުގެ ކެމްޕެއިން ޖަގަހައިގައި ރޯކުރި މައްސަލައިގައި 31 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރު ކޮށްފިއެވެ.

ފުލުހުން ބުނީ އޭނާ ހައްޔަރު ކޮށްފައި ވަނީ މިއަދު މެންދުރު 14:55 އެހާކެއްހާއިރު ކަމަށެވެ. "ދަ ޕްރެސް" އަށް މައުލޫމާތު ދެމުން ފުލުހުން ކުރިން ބުނީ ކުޅުދުއްފުށީގައި ހުންނަ ޕީޕީއެމް/ޕީއެންސީ ގެ ޖަގަހައެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން އުޅޭ ކަމުގެ ރިޕޯޓު ލިބިފައި 16 އެޕްރީލްގެ ރޭ ދަންވަރުގެ ވަގުތެއްގައި ކަމަށެވެ.

މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާ ލިބިފައި ނުވި ނަމަވެސް އިމާރާތުގައި ބޭނުންކުރާ ތަކެއްޗަށް ގެއްލުން ވެފައިވާ ކަމަށް ފުލުހުން މައުލޫމާތު ދިނެވެ.

ސަރުކާރުގެ ފަރާތުން ކުޅުދުއްފުށީ އުތުރު ދާއިރާއަށް ވާދަ ކުރީ މުހައްމަދު ދާއޫދުއެވެ.

ނިމިދިޔަ މަޖިލިސް އިންތިހާބުގައި ސަރުކާރު ތަމްސީލު ކުރާ ޕީއެންސީއިން ވަނީ 90 ދާއިރާއަކަށް ވާދަކޮށް، މަޖިލީހުގެ 73 ގޮނޑިއާއެކު މަޖިލީހުގެ ސުޕާ މެޖޯރިޓީ ވަނީ ހޯދާފައެވެ. އަދި އިދިކޮޅު އެމްޑީޕީއިން 89 ދާއިރާއަކަށް ވާދަކޮށްފައި ވާއިރު އެ ޕާޓީއަށް ކާމިޔާބު ކުރެވިފައި ވަނީ 12 ގޮނޑިއެވެ.