ކުރިއަށް އޮތް ހަފްތާގެ ތެރޭގައި ދިވެހި ވިޔަފާރުވެރިންނަށް ތިލަފުށިން ބިން ވިއްކުމުގެ މަސައްކަތް ފަށާނެ ކަމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ އެމްޑީ ފަޒުލް ރަޝީދު ވިދާޅުވެއްޖެއެވެ.
ފަޒުލް މިފަދައިން ވިދާޅުވެފައި ވަނީ ހުޅުމާލޭގައި ކޮމްޕްލެކްސް އެއް ތަރައްގީ ކުރުމަށް ޗައިނާގެ ކުންފުންޏަކާ ހަވާލު ކުރުމަށް ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.
ފަޒުލް ވިދާޅުވީ ކުދި އަދި މެދު ފަންތީގެ ދިވެހި ވިޔަފާރިތަކަށް ހާއްސަކޮށް ކުރިއަށް އޮތް ތަނުގައި ތިލަފުށީގައި ލޭންޑް ސެލްތަކެއް ގާއިމް ކުރައްވާނެ ކަމަށެވެ. ދިވެހި ވިޔަފާރިވެރިންނަށް މި ސެލްތައް ގަތުމުގެ ފުރުސަތު ހުޅުވާލާނެ ކަމަށް ފަޒުލް ވަނީ ވިދާޅުވެފައެވެ. އަދި އެޗްޑީސީގެ އަމާޒަކީވެސް ކުދި އަދި މެދު ފަންތީގެ ވިޔަފާރިކަތަށް ސަސްޓެއިން ކޮށްގެން ވިޔަފާރި ހިންގޭނެ ގޮތް ހެދުން ކަމަށް އޭނާ ވިދާޅުވިއެވެ.
ބިން ވިއްކުމުގެ ބޭނުމަކީ ދިވެހި ވިޔަފާރިވެރިންނަށް ފަހި ފުރުސަތުތަކެއް ހޯދާ ދިނުން ކަމަށް ފަޒުލް ވިދާޅުވިއެވެ. އަދި ހަމައެހެންމެ މެނޭޖްމަންޓް ފީއެއް ދެއްކުމުގެ އިތުރުން ކުއްޔަށް ނަގައިގެން ވިޔަފާރި ކުރުމުގެ ފުރުސަތު ފަހި ކުރައްވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ޒަމާނީ ވަސީލަތްތަކާ އެކު ފެންވަރު ރަނގަޅު ވެއާހައުސިން ކޮމްޕްލެކްސް އެއް ހުޅުމާލޭގައި އިމާރާތް ކުރުމުގެ އެއްބަސްވުމުގައި މިއަދު ސޮއިކޮށްފައި ވާއިރު މި އިމާރާތަކީ އެކި ބާވަތުގެ މުދާ ރައްކާކުރެވޭ ގޮތަށް ފަރުމާކޮށްފައިވާ ކޮމްޕްލެކްސް އެކެވެ. އަދި ވަކިން ހާއްސަކޮށް ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް މުދާ ރައްކާކުރާނެ އިތުރު ޖާގަ ތަނަވަސްވެ، ވިޔަފާރި ފުޅާކުރެވޭނެ ފުރުސަތު ތަނަވަސް ވާނެކަމަށް އެޗްޑީސީން ވަނީ ބުނެފައެވެ.