މިދިޔަ ނުހައްގުން ފަންސާހަކަށް ބިން ހުޅުމާލެއިން ދޫކޮށްފައިވާ ކަމަށް އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފަޒުލް ރަޝީދު ވިދާޅުވެއްޖެއެވެ.
ފަޒުލް މިފަދައިން ވިދާޅުވީ ރޭ ބޭއްވި ޕީއެންސީގެ ޖަގަހަ ޖަލްސާގައި ވާހަކަދައްކަވަމުންނެވެ.
ފަޒުލް ވިދާޅުވީ ބިންވެރިކަން ހައްގުވާ މީހުންގެ ޕްލޮޓްތައް ހޯދުމަށްޓަކައި އިއްޔެ ހަވީރު ހުޅުމާލެ ދެވަނަ ފިޔަވަހީގައި ހަމަ އެއްކޮޅުން އަނެއްކޮޅަށް ދުއްވި ކަމަށެވެ.
ފަޒުލް ވިދާޅުވީ އޭނާ އެޗްޑީސީއާ ހަވާލުވެވަޑައިގެން އެންމެ ފުރަތަމަ ފެއްޓެވި މަސައްކަތުގެ ތެރޭގައި އެންމެ ފުރަތަމަ ބެއްލެވީ ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ފަސޭހަ ހިދުމަތްތަކެއް ދިނުމަށްޓަކައި ކުރެވެން ހުރީ ކޮން މަސައްކަތްތަކެއް ތޯ ކަމަށާއި ދެން ބެލީ ހުޅުމާލޭގެ ބިންތަކަށް ވީ ކިހިނެތްތޯ ކަމަށެވެ.
ފަޒުލް ވިދާޅުވީ އެޗްޑީސީއާ ހަވާލުވެވަޑައިގެންނެވިއިރު ހުޅުމާލެ ފޭސް 1 އާއި 2 އަދި ނުހިއްކާ އޮތް ތަނުންވެސް ގާތްގަނޑަކަށް 50 ބިން އެކި އެކި މީހުންނަށް ދީ ހަލާސްކޮށްފައިވާ ކަމަށާއި ވިޔަފާރީގެ އުސޫލުންނާއި ނުހައްގުން ދީފައި ހުރި ބައިވަރު ބިންތަކެއް އެބަހުރި ކަމަށެވެ. އަދި އެ ވާހަކަ ދައްކަން ޖެހޭ ކަމަށް ފަޒުލް ވިދާޅުވިއެވެ.
ފަޒުލް ވިދާޅުވީ ހުޅުމާލެއިން ކަނޑާލާފައި ނުހައްގުން ދީފައި ހުރި 50 އަކަށް ބިން ނެގުމުގެ މަސައްކަތްތައް ކުރަމުންދާ ކަމަށާއި ތިލަފުށީގައި އެތައް ބައިވަރު ބިމެއް ކަނޑާ، ވަގުތީ ބޭނުމަށް ކަމަށް ބުނެދީފައިވާ ކަމަށެވެ. އަދި އެ މީހުންގެ އަތުން ނަގާފައިވާ ފައިސާގެ ވާހަކަ ދައްކަވާ ނަމަ އިރު އަރަންދެންވެސް ހުންނަވަން ޖެހޭނީ ވާހަކަ ދެއްކުމުގައި ކަމަށް ފަޒުލް ވިދާޅުވިއެވެ.
ތިލަފުއްޓާއި ގުޅިފަޅު އަދި ރަސްމާލެ ހިއްކުމުގެ މަޝްރޫއު ހުއްޓިފައިވާ ކަމަށް ބުނެ ދެކެވެނީ ހަގީގަތާ ހިލާފު ވާހަކަތަކެއްކަން ފާހަގަކުރައްވާ ފަޒުލް ވިދާޅުވީ އެއްވެސް މަސައްކަތެއް ނުހުއްޓޭ ކަމަށާއި މި ވަގުތުގެ ހާލަތާ ގުޅޭ ގޮތުން ތަރުތީބު ކޮށް އިސްފަސް ކޮށްލީ ކަމަށެވެ. އަދި އެކަން ކުރީ ރައްޔިތުންގެ އެދުމަށް ކަމަށް ވެސް ފަޒުލް ވިދާޅުވިއެވެ،
ފަޒުލް ވިދާޅުވީ ގުޅީފަޅު ހިއްކުމުގެ މަސައްކަތްތައް ބާރު ސްޕީޑްގައި ކުރިއަށްގެންގޮސް ބޮޑު ބައެއް ނިންމާ، ހަލާސްކޮށްލާފައިވާ ކަމަށާއި ދެން އެ މިސްރާބު ޖަހަނީ ހުޅުމާލެ 3 ވަނަ ފިޔަވައްސާ ދިމާލަށް ކަމަށެވެ. އަދި އެޗްޑީސީއާ ހަވާލުވީ މިތަން ހިއްކައިގެން ބިން ކަޑާ އެ މީހުންނަށް ގޯތި ދޭން ކަމަށާއި އެކަން ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ކުރާނެ ކަމަށް ފަޒުލް ވިދާޅުވިއެވެ.