ރައްޔިތުންނަށް ދޭންޖެހޭ ހިދުމަތްތައް އެންމެ ފުޅާ ދާއިރާއެއްގައި، އެންމެ އަވަސްކޮށް ދިނުމަށް މަސައްކަތް ކުރައްވާނެ ކަމަށް އާބަންކޯގެ މެނޭޖިން ޑިރެކްޓަރު، ފަޒުލް ރަޝީދު ވިދާޅުުވެއްޖެއެވެ.

ހުޅުމާލެ ތިންވަނަ ފިޔަވަހީގެ ބިން ހިއްކުމުގެ މަސައްކަތުގެ ދެވަނަ މަރުހަލާގެ ތެރެއިން ބިން ހިއްކުމުގެ މަސައްކަތް މިއަދު ފަށާފައިވާއިރު އެކަމާ ގުޅިގެން ފަޒުލް ވިދާޅުވީ، އެތަނުން ގޯތި ލިބޭ ފަރާތްތަކަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވި ފަދައިން އާބަންކޯގެ ފަރާތުން ދޫކުރައްވާނެ ކަމަށެވެ.

ހުޅުމާލޭގެ އިތުރުން ތިލަފުށި އަދި ރަސްމާލޭގައި ވެސް މަސައްކަތް ބާރު ސްޕީޑެއްގައި ކުރިއަށްދާ ކަމަށާއި ރައްޔިތުންނަށް ދޭންޖެހޭ ހިދުމަތްތައް އެންމެ ފުޅާ ދާއިރާއެއްގައި، އެންމެ އަވަސްކޮށް ދިނުމަށް މަސައްކަތް ކުރައްވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ނިމިދިޔަ ސަރުކަރުން ވަނީ ސައިޓު އޭ ހިއްކާ ނިންމައިފައެވެ. ސައިޓް އޭގައި ހިއްކައިފައިވަނީ 10 ހެކްޓަރުގެ ބިމެވެ.

އާބަންކޯއިން އިތުރަށް ބުނީ ހުޅުމާލެ ފޭސް 3 ހިއްކުމުގެ މި މަޝްރޫއަކި މާލެ ސަރަހައްދުގައި ކުރިމަތިވެފައިވާ ތަފާތު ދަތިތަކުން އަރައިގަތުމަށް ހިންގެމުންދާ ތަފާތު ތަރައްގީގެ މަޝްރޫއުތަކުގެ ބައެއް ކަމަށެވެ.

އެގޮތުން ހުޅުމާލެ ފޭސް 3ގައި 63 ހެކްޓަރުގެ ބިން ހިއްކުމުގެ މަޝްރޫއަކީ މާލޭގެ ގިނަ ރައްޔިތުން، އެތައް އަހަރެއް ވަންދެން ތަހައްމަލު ކުރަމުންދިޔަ ބޯހިޔާވަހިކަމުގެ ދަތިކަމަށް ބޮޑު ލުޔެއް ލިބި، ގިނަބައެއްގެ ދިރިއުޅުމުގެ ފެންވަރު ރަނގަޅުވޭތޯ ދެކެމުންދިޔަ ހުވަފެންތައް ހަގީގަތަކަށް ވެގެންދާނެ މަޝްރޫއެއް ކަމަށް އާބަންކޯއިން ބުނެއެވެ.

ހުޅުމާލެ ފަޅުން ބިން ހިއްކުމަށް ލަންކާގެ ކެޕިޓަލް މެރިން އެންޑް ސިވިލް ކޮންސްޓްރަކްޝަން ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް (ސީއެމްސީ) ކުންފުންޏަކާ ހަވާލުކޮށްފައި ވަނީ މިދިޔަ އޮގަސްޓް މަހުގެ 21 ވަނަ ދުވަހުއެވެ.

ހުޅުމާލެއިން ހިއްކާ މި ބިމަކީ ގޯތި ދިނުމަށް ހިއްކާ ބިން ކަމަށްވާއިރު ބިންވެރިޔާ ސްކީމްގެ ދަށުން މާލޭގެ ރައްޔިތުންނަށް ގޯތި ދޫކުރުމަށް މި ބިން ބޭނުންކުރާނެއެވެ. ހައުސިން މިނިސްޓްރީން އާއްމުކޮށްފައިވާ ލިސްޓަށް ބަލާއިރު، 1351 ގޯތި ހުޅުމާލެއިން ދޫކުރާނެއެވެ. މީގެތެރޭގައި 8 ސައިޒެއްގެ ގޯތި ހިމެނެއެވެ.