ޕީއެންސީއިން ރޭ ބޭއްވި މަރުހަބާ ޖަލްސާގައި އަމިއްލަ ގޮތުން އިންތިހާބުވެވަޑައިގެންނެވި ގިނަ މެންބަރުންތަކެއް ބައިވެރިވެވަޑައިގެންފިއެވެ.

ރޭ އާޓިފިޝަލް ބީޗުގައި ބޭއްވި ޖަލްސާގައި ރައީސް މުއިއްޒުއާއި ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފްގެ އިތުރުން ދައުލަތުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

މިދިޔަ އާދިއްތަ ދުވަހު ބޭއްވި ރައްޔިތުން މަޖިލީހުގެ އިންތިހާބުގައި 93 ދާއިރާގެ ތެރެއިން 67 ދާއިރާއަކުން ޕީއެންސީ ކާމިޔާބު ހޯދާފައިވާއިރު އިދިކޮޅު އެމްޑީޕީއަށް ކާމިޔާބު ލިބުނީ 12 ދާއިރާއަކުންނެވެ. އަމިއްލަ ގޮތުން ވާދަކުރެއްވި 10 ކެންޑިޑޭޓަކަށް ކާމިޔާބުވެފައިވާއިރު ޖޭޕީއަށް އެއް ދާއިރާ އެމްއެންޕީއަށް އެއް ދާއިރާ އަދި އެމްޑީއޭއަށް ދެ ދާއިރާ ވަނީ ކާމިޔާބުވެފައެވެ.

ރޭ ބޭއްވި ޖަލްސާގައި ޕީއެންސީއާއި ކޯލިޝަންގައި ތެރެއިން ގޮނޑިތައް ކާމިޔާބުކުރެއްވި އިންތިހާބީ މެންބަރުންގެ ނަންތައް އެންސްޕާގެ އެމްޑީ، އަދި ޕީޕީއެމް/ޕީއެންސީގެ މަޖިލިސް އިންތިހާބުގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވުމުން އެ މެންބަރުން ވަނީ ސްޓޭޖަށް ވަޑައިގެން ރައީސްއާ ސަލާމްކުރައްވާ ތަރުތީބުން އެތުރިލާފައެވެ.

ޕީއެންސީގެ 67 މެންބަރުންގެ އިތުރުން އެމްޑީއޭގެ ރައީސް ހިމެނިވަޑައިގަންނަވާހެން ދެ މެންބަރުންގެ ނަމާއި އެމްއެންޕީގެ ރައީސް ކާނަލް މުހައްމަދު ނާޒިމާއި ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމްގެ ނަން ހީނާ ވަނީ ވިދާޅުވެފައެވެ. އޭގެ އިތުރުން އަމިއްލަ ގޮތުން އިންތިހާބު ކާމިޔާބު ކުރެއްވި 10 މެންބަރުންގެ ތެރެއިން 8 މެންބަރެއްގެ ނަންވެސް ހީނާ ވިދާޅުވިއެވެ.

އަމިއްލަ މެންބަރުންގެ ތެރޭގައި ރޭ ގެ ޖަލްސާގައި ނަން ވިދާޅުވެފައިވަނީ:

  • ނައިފަރު ދާއިރާގެ އިންތިހާބީ މެންބަރު ޔާސީން އަބްދުﷲ، މިހާރު ޔާސީން ފުރުއްވަމުން ގެންދަވަނީ ޅ އަތޮޅުގެ ކައުންސިލް ރައީސްގެ މަގާމް.
  • ތިމަރަފުށި ދާއިރާގެ އިންތިހާބީ މެންބަރު އަހުމަދު ރިޔާޒު.
  • މަތިވެރި ދާއިރާގެ މެންބަރު ހަސަން ޒަރީރް، މިހާރުވެސް ޕީއެންސީގެ މެންބަރެއްގެ ގޮތުގައި މަޖިލީހުގައި ހުންނެވި ޒަރީރު ވާދަކުރެއްވީ އަމިއްލަ ގޮތުން.
  • ތުޅާދޫ ދާއިރާގެ އިންތިހާބީ މެންބަރު އަބްދުލް ހަންނާން އަބޫބަކުރު
  • ވިލިގިލި ދާއިރާގެ އިންތިހާބީ މެންބަރު އާޒިމް އަބްދުލް އަޒީޒް، އާޒިމް އަމިއްލަ ގޮތުން ވާދަކުރެއްވީ ޕީއެންސީގެ ޕްރައިމަރީއިން ނާކާމިޔާބުވުމުން.
  • އައްޑޫ މީދޫ ދާއިރާގެ އިންތިހާބީ މެންބަރު އަބްދުލް ރަހްމާން
  • ކުރެންދޫ ދާއިރާގެ އިންތިހާބީ މެންބަރު މުހައްމަދު ޝާމިން ހަބީބް
  • ހުރާ ދާއިރާގެ އިންތިހާބީ މެންބަރު ޑރ. އަނާރާ ނައީމް

މި މެންބަރުންގެ ތެރެއިން ގިނަ މެންބަރުން ވަނީ ސްޓޭޖަށް ވަޑައިގެން ރައީސްއާ ސަލާމްވެސް ކުރައްވާފައެވެ. އެހެންނަމަވެސް އެކި އެކި ސަބަބުތަކާ ހުރި ޕީއެންސީގެ ބައެއް މެންބަރުންނަށްވެސް ރޭ ގެ ޖަލްސާގައި ބައިވެރިވެވަޑައިގަނެވޭނެ ގޮތެއް ނުވިއެވެ.

ބެލެވޭ ގޮތުގައި އަމިއްލަ މެންބަރުންތަކެއް ޕީއެންސީއާ ގުޅިވަޑައިގަންނާނެއެވެ.