އިއްޔެ ބޭއްވި ރައްޔިތުން މަޖިލީހުގެ އިންތިހާބުގައި ސަރުކާރު ހިންގަމުންދާ ޕީއެންސީއަށް ސުޕަ މެޖޯރިޓީ ލިބުމުން ކުރީގެ ރައީސް މުހައްމަދު ނަޝީދު، ރައީސް ޑރ. މުހައްމަދު މުއިއްޒަށް މަރުހަބާ ދަންނަވައިފިއެވެ.

ނަޝީދު ވަނީ 20 ވަނަ ރައްޔިތުންގެ މަޖިލިސްއަށް ޕީއެންސީ ހޯދި ފުރިހަމަ ކާމިޔާބަށް އެ ޕާޓީގެ މެންބަރުންނާއި ރައީސް ޑރ. މުހައްމަދު މުއިއްޒަށާއި 20 އަދި ޕާޓީގެ އިސްވެރިންނަށް މަރުހަބާ ދަންނަވާފައެވެެ.

އިއްޔެ ބޭއްވި ރައްޔިތުން މަޖިލީހުގެ އިންތިހާބުގައި މާލެ ސަރަހައްދުގެ ތިން ގޮނޑިއެއް ފިޔަވާ ހުރިހާ ގޮނޑިއެއް ޕީއެންސީން ހޯދިއިރު އައްޑޫ ސިޓީގެ ތިން ގޮނޑިއެއް ފިޔަވާ ފީއެންސީއިން ވަނީ ހޯދާފައެވެ. އޭގެ އިތުރުން ފުވައްމުލަކު ސިޓީ ގެ ހުރިހާ ގޮނޑިއަކާއި ކުޅުދުއްފުށީގެ ހުރިހާ ގޮނޑިއެއް ވެސް ޕީއެންސީއިން ވަނީ ކާމިޔާބުކޮށްފައެވެ. އަދި ތިނަދޫ ސިޓީގެ ދެ ގޮނޑި ތެެރެއިން އެއް ގޮނޑި ޕީއެންސީއިން ވަނީ ކާމިޔާބުކޮށްފައެވެ.

90 ދާއިރާއަކަށް ޕީއެންސީއިން ވާދަކުރިއިރު 71 ދާއިރާ ވަނީ ކާމިޔާބުކޮށްފައެވެ. ރައީސް ނަޝީދު އިސްވެ ހުންނަވާ އުފެއްދެވި ދަ ޑިމޮކްރެޓްސްއިން 39 ދާއިރާއަށް ވާދަކުރި ނަމަވެސް އެންމެ ދާއިރާއަކުންވެސް ކާމިޔާބެއް ލިބިފައެއް ނުވެއެވެ.

އިދިކޮޅު އެމްޑީޕީއަށް 12 ގޮނޑި ޖޭޕީއަށް އެއް ގޮނޑި، އެމްޑީއޭއަށް ދެ ގޮނޑި، އަދި އެމްއެންޕީއަށް އެއް ގޮނޑި ލިބުނުއިރު އަމިއްލަ ގޮތުގައި 130 ދާއިރާއަށް ވާދަކުރި ކެންޑިޑޭޓުންގެ ތެރެއިން ހަ ކެންޑިޑޭޓަކު ވަނީ ކާމިޔާބު ހޯދާފައެވެ.