އިއްޔެ ބޭއްވި 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ޕީއެންސީއަށް ލިބުނު ކާމިޔާބީ ފާހަގަ ކުރުމުގެ ގޮތުން މިރޭ ހާއްސަ ޖަލްސާއެއް ބާއްވަން އެ ޕާޓީއިން ނިންމައިފިއެވެ.

ޕީއެންސީއިން ބުނީ މި ޖަލްސާ ބޭއްވުމަށް ހަމަޖެހިފައި ވަނީ މިރޭ 8:30ގައި އާޓިފިޝަލް ބީޗުގައި ކަމަށެވެ.

ޕީއެންސީއިން ވަނީ "ދިވެހީންގެ ރާއްޖެ މަޖިލީހަށް- މަރުހަބާ" ގެ ނަމުގައި ބާއްވާ މި ޖަލްސާއަށް ހުރިހާ ރައްޔިތުންނަށް ދައުވަތު އަރުވާފައެވެ. އަދި މި ޖަލްސާއަށްފަހު ހަވާ އެރުވުން އޮންނާނެ ކަމަށް ވެސް އެ ޕާޓީއިން ވަނީ ބުނެފައެވެ.

އިއްޔެ ބޭއްވި އިންތިހާބުގައި ސަރުކާރު ތަމްސީލު ކުރާ ޕީއެންސީއިން ވަނީ 90 ދާއިރާއަކަށް ވާދަކޮށް، މަޖިލީހުގެ 71 ގޮނޑިއާއެކު މަޖިލީހުގެ ސުޕާ މެޖޯރިޓީ ހޯދާފައެވެ. އަދި އިދިކޮޅު އެމްޑީޕީއިން 89 ދާއިރާއަކަށް ވާދަކޮށްފައިވާއިރު އެ ޕާޓީއަށް ކާމިޔާބު ކުރެވިފައި ވަނީ 12 ގޮނޑިއެވެ.

މީގެއިތުރުން އެމްޑީއޭއިން 2 ގޮނޑި ކާމިޔާބުކޮށްފައިވާއިރު ޖުމްހޫރީ ޕާޓީ އަދި އެމްއެންޕީއަށް ކާމިޔާބު ކުރެވިފައި ވަނީ މަޖިލީހުގެ އެންމެ ގޮނޑިއެކެވެ. އަދި އަމިއްލަ ގޮތުން ވާދަކުރެއްވި 6 ކެންޑިޑޭޓަކު ވެސް ވަނީ މަޖިލީހުގެ ގޮނޑި ކާމިޔާބު ކުރައްވާފައެވެ. ނަމަވެސް ޑިމޮކްރެޓްސް އަދި އަދާލަތު ޕާޓީއިން ވާދަކުރެއްވި އެއްވެސް ކެންޑިޑޭޓަކަށް މަޖިލީހުގެ ގޮނޑި ކާމިޔާބު ކުރެއްވިފައެއް ނުވެއެވެ.

އިއްޔެ ބޭއްވި މަޖިލިސް އިންތިހާބުގައި ޖުމްލަ 284،663 މީހުންނަށް ވޯޓުލުމުގެ ހައްގު ލިބިފައިވެއެވެ. އެއީ 145،302 ފިރިހެނުންނާއި، 139،361 އަންހެނުންނެވެ. އަދި 2 ލައްކައަށްވުރެ ގިނަ ރައްޔިތުން ވަނީ ވޯޓު ލާފައެވެ. އެއީ ވޯޓުލުމުގެ ހައްގު ލިބިފައިވާ ރައްޔިތުންގެ 73 އިންސައްތައަށްވުރެ ގިނަ އަދަދެއްގެ ރައްޔިތުންނެވެ.