ރިޔާސީ އިންތިހާބާއި މި ފަހަރުގެ މަޖިލިސް އިންތިހާބު ވެސް ރައީސް މުއިއްޒަށް ކާމިޔާބު ކުރެއްވުމުގެ ފަހަތުގައި އޮތީ "ނުހަނު ހުތޫރަތްތެރި ހާލަތެއްގައި، ނުހަނު އިހުލާސްތެރި ކަމާ އެކު" ރައީސާ، އެ މަނިކުފާނުގެ ޓީމު ކުރި ބުރަ މަސައްކަތްތަކުގެ ނަތީޖާކަމުގައި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.

ރޭ އެކްސްގައި ގާސިމް ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރައްޔިތުންގެ މަޖިލީސް އިންތިހާބުގައި، ޕީއެންސީ އިން ހޯދި ސުޕަމެޖޯރިޓީއަކީ ރައީސަށް ދިވެހީންގެ މެދުގައި އޮތް އިތުބާރާއި، ޔަގީންކަމުގެ އަލިގަދަ ހެއްކެއް ކަމުގައެވެ. ރައީސް މުއިއްޒު އާއި ޕާޓީގެ ލީޑާޝިޕާ އަދި އިންހަބުގައި ކާމިޔާބު ހޯދި ކެންޑިޑޭޓުންނަށް މަރުހަބާ ދަންނަވަމުން ގާސިމް ވިދާޅުވީ ޕީއެންސީއަށް ކާމިޔާބަކީ ވަކި 'ބޭފުޅަކަށް' ހުސްގޮނޑިއެއް ބަހައްޓަވައިގެން ކުރި މަސައްކަތުގެ ނަތީޖާ އެއް ނޫންކަން މިއަދު ރައްޔިތުން ދިން ތާއީދާ، ފުރިހަމަ މެޖޯރިޓީން އެނގި ކަށަވަރުވެފައިވާ ކަމަށެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމިން އާއި އެ މަނިކުފާނުގެ ޓީމަށް ނުސީދާ ބަހުން ރައްދު ދެއްވަމުން ގާސިމް ވިދާޅުވީ މިފަދަ ބޮޑު ކާމިޔާބީ އެއް ހޯދިއިރު އެއްވެސް ޖަލްސާއެއްގައި ހުސްގޮނޑިއެއްވެސް ނުވަތަ ވަކި 'ބޭފުޅެއް'ގެ ފޮޓޯއެއްވެސް ބަހައްޓާފައިވަނިކޮށް ނުފެންނަކަމަށެވެ. ހުސްގޮޑި ނިސްބަތްވާ ފަރާތުން ރައީސް މުއިއްޒާއި އެމަނިކުފާނުގެ ސަރުކާރާ ގުޅޭގޮތުން، ފަތުރަމުން ގެންދިޔަ 'އިހާނެތި' ވާހަކަތަކާ، މެދުކެނޑުމެއްނެތި ކުރިމަތިކުރަމުން ގެންދިޔަ ތުހުމަތުތަކާ، މިފަދަ ހަޑިހުތުރު އަމަލުތައް ދިވެހި ރައްޔިތުން އެއްވެސް ވަރަކަށް ބަލައިނުގަންނަ ކަން ވޯޓުގެ ނަތީޖާ އިން ދިވެހީން ދައްކާފައިވާކަމަށް ގާސިމް ވިދާޅުވިއެވެ. އަދި އެ ބޭފުޅުން މަޖިލީހުގެ އިންތިހާބަށް ނެރުނު އެއްވެސް ކެންޑިޑޭޓަކަށް އިންތިހާބު ކާމިޔާބުވެފައި ނުވާކަމީ ފެންނަން އޮތް ހަގީގަތެއް ކަމަށް ގާސިމް ވިދާޅުވިއެވެ.

"އަޅުގަނޑު އެދިގެން ނޫންނަމަވެސް، މި އިންތިހާބުގައި މާމިގިލީ ދާއިރާއަށް އަޅުގަނޑު ވާދަކުރުމުން، އެދާއިރާއަށް ޕީއެންސީ އިން ކެނޑިޑޭޓަކު ނުނެރުއްވާ، އަޅުގަނޑަށް ތާއީދު ކޮށްދެއްވީތީ، ރައީސް ޑރ. މުއިއްޒު އަށް ވަކީން ހާއްސަ ޝުކުރެއް އަރިސްކުރަން." ގާސިމް ވިދާޅުވިއެވެ. މީގެ އިތުރުން ގާސިމް ވިދާޅުވީ ދިވެހި ގައުމަށް އުޖާލާ މުސްތަގުބަލެއް ގެނައުމަށް ރައްޔިތުންގެ އެންމެމަތީ ތާއީދު ހުރިހާ ސިފައެއްގައިވެސް ރައީސް މުއިއްޒުއަށް މިއަދު ދިވެހި އަރުވާފައިވާކަމަށެވެ.