ހެނދުނު 09:00 ޖެހުމާ ހަމައަށް 24،703 މީހުން ވޯޓު ލާފައިވާ ކަމަށް އިލެކްޝަން ކޮމިޝަނުން ހާމަކޮށްފިއެވެ.

އީސީން އާންމުކުރި ތަފާސް ހިސާބުތައް ދައްކާގޮތުގައި މިހާތަނަށް 7803 އަންހެނުން ވޯޓު ލާފައިވާއިރު 16،900 ފިރިހެނުން ވަނީ ވޯޓުލާފައެވެ. މިއީ ނިސްބަތުން ބަލާނަމަ 8.68 ޕަސެންޓު މީހުންނެވެ.

މިހާތަނަށް ވޯޓުނުލާ ޖުމްލަ 259،960 މީހުން ތިބި ކަމަށް އީސީގެ ތަފާސްހިސާބުތަކުން ދައްކައެވެ.

މަޖިލިސް އިންތިހާބުގެ ވޯޓުލުން ހެނދުނު 8:00 އިން ފެށިގެން ކުރިއަށްދާއިރު މި އިންތިހާބުގެ ވޯޓުލުން ކުރިއަށް ދާނީ ހަވީރު 5:30 އަށެވެ. މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް އީސީއިން 5:30 އަށް ވޯޓުލާ ވަގުތު އިތުރުކޮށްފައިވާއިރު ދެން ވޯޓުލާ ވަގުތު އިތުރު ނުކުރާނެ ކަމަށް ވެސް އެ ކޮމިޝަނުން ވަނީ ބުނެފައެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ރާއްޖެ އާއި ރާއްޖެއިން ބޭރުގައި 602 ވޯޓު ފޮށި ބެހެއްޓުމަށް ވަނީ ނިންމައިފައެވެ. އެއީ މާލޭގައި 181 ފޮށި އަދި ހުޅުމާލޭގައި 51 ވޯޓު ފޮއްޓެވެ. އަދި ވިލިމާލޭގައި 9 ވޯޓު ފޮށި ބަހައްޓާއިރު، އަތޮޅު ތެރޭގެ ރަށްތަކުގައި 319 ވޯޓު ފޮއްޓެއް ވަނީ ބަހައްޓާފައެވެ.

މީގެއިތުރުން ޖަލުތަކުގައި 5 ވޯޓު ފޮއްޓެއް ބަހަަައްޓާއިރު، ރިސޯޓްތަކުގައި 34 ވޯޓު ފޮއްޓެއް ބަހައްޓައެވެ. އަދި ރާއްޖެއިން ބޭރުގައި 3 ވޯޓު ފޮއްޓެއް ބަހައްޓާފައެވެ.

މިހާރު ކުރިއަށްދާ މަޖިލީހުގެ އިންތިހާބުގައި ޖުމްލަ 284،663 މީހުންނަށް ވޯޓުލުމުގެ ހައްގު ލިބިފައިވެއެވެ. އެއީ 145،302 ފިރިހެނުންނާއި، 139،361 އަންހެނުންނެވެ. ރައްޔިތުންގެ މަޖިލީހުގެ 93 ދާއިރާއަކަށް މެންބަރުން ހޮވުމަށް ބާއްވާ މި އިންތިހާބުގައި ޖުމްލަ 602 ވޯޓު ފޮށި ބެހެއްޓާފައިވެއެވެ.