ޑްރޯންއާއި ކޯސްޓްގާޑު ބޭނުން ކޮށްގެން ކުރި މަސައްކަތުން ގެއްލުނު ދޯންޏާއި މީހުން ފެނިއްޖެއެވެ.

އެކަން ހާމަކޮށް އެމްއެންޑީއެފްއިން ބުނީ ގެއްލުނު ދޯނި ހޯދުމަށް އެމްއެންޑީއެފް އެއާ ކޯގެ އަސްކަރީ ޔޫއޭވީ އާއި އެމްއެންޑީއެފް ކޯސްޓްގާޑުގެ އުޅަނދުފަހަރު ބޭނުންކޮށްގެން ކަނޑާއި ވައިގެ މަގުން އެމްއެންޑީއެފުން ކުރަމުންދިޔަ މަސަައްކަތުން އެ ދޯނި ހޯދިފައިވާ ކަމަށެވެ. އަދި އެ ދޯނި ފެނިފައިވަނީ މ. ރަތްމަންދޫގެ 23 ނޯޓިކަލް މޭލު ބޭރުން އިންޖީން ހުއްޓިފަައިވަނިކޮށް ކަމަށްވެސް އެމްއެންޑީއެފްއިން ވަނީ ބުނެފައެވެ.

އެމްއެންޑީއެފްއިން ބުނީ އެ ދޯނީގައި ތިބި ތިން މީހުންގެ ހާލު ރަނގަޅު ކަމަށެވެ.

އިއްޔެ ހަވީރު މ. މަޑުއްވަރިން "ފަރިހި 2" ނަމަކަށް ކިޔާ ދޯންޏެއްގައި މަހަށް ދިޔަ 3 މީހުން ހަބަރެއްނުވުމުން އެމްއެންޑީއެފަށް ރިޕޯޓްކޮށްފައިވާއިރު އެމްއެންޑީއެފް ކޯސްޓްގާޑް ހާބާ ކްރާފްޓް 114 ލޯންޗު މަސައްކަތް ފަށާފައިވަނީ ރޭގެ 23:20 ހާއިރުއެވެ.

އެ ތިން މީހުން ހޯދުމަށް އެމްއެންޑީއެފް ވައިގެ މަގުން މަސައްކަތް ކޮށްފައިވާއިރު މިއީ ސާޗް އެންޑް ރެސްކިއު އޮޕަރޭޝަނެއްގައި އެމްއެންޑީއެފުން ޑްރޯން ބޭނުން ކުރަން ފެށި ފުރަތަމަ ފަހަރުވެސް މެއެވެ.

އެ ދޯނި ފެނިފައިވަނީ 440 އަކަ ނޯޓިކަލް މޭލަށް ވުރެ ބޮޑު ސަރަހައްދެއް ކަނޑާއި ވައިގެ މަގުން ބަލި ފަހުންނެވެ.