ގެއްލިގެން ހޯދަމުންދާ "ފަރިހި 2" ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް އިން ފުޅާ ކޮށްފިއެވެ.
އެމްއެންޑީއެފް އިން ބުނީ ހަބަރެއް ނުވެގެން ހޯދަމުންދާ ދޯނި ހޯދުމަށް އެމްއެންޑީއެފުން ކުރަމުންދާ މަސައްކަތް އިތުރަށް ފުޅާކޮށް މި އޮޕަރޭޝަނުގައި ކޯސްޓްގާޑް ޝިޕް ޝަހީދު އަލީ ހަރަކާތްތެރިވާން ފަށާފައިވާ ކަމަށެވެ.
އޭޕްރީލް 19، 2024 ވަނަ ދުވަހުގެ ހަވީރު މ. މަޑުއްވަރިން ދޯންޏެއްގައި މަހަށް ދިޔަ 3 މީހުން ހަބަރެއްނުވުމުން އެމްއެންޑީއެފް ކޯސްޓްގާޑް ހާބާ ކްރާފްޓް 114 ލޯންޗު ރޭގައި މަސައްކަތް ފަށާފައިވަނީ ރޭގެ 23:20 ހާއިރުއެވެ.
އެ ތިން މީހުން ހޯދުމަށް އެމްއެންޑީއެފް ވައިގެ ބާރުންވެސް މަސައްކަތް ފަށާފައިވާއިރު މިހާތަނަށް އެމީހުންގެ ހިލަމެއް ނުވެއެވެ. މިއީ ސާޗް އެންޑް ރެސްކިއު އޮޕަރޭޝަނެއްގައި އެމްއެންޑީއެފުން ޑްރޯން ބޭނުން ކުރަން ފެށި ފުރަތަމަ ފަހަރުވެސް މެއެވެ.
ދޯނި ހޯދުމަށް މިހާތަނަށް 440 އަކަ ނޯޓިކަލް މޭލުގެ ސަރަހައްދެއް ކަނޑާއި ވައިގެ މަގުން ބަލާފައިވާކަމަށާއި އަދިވެސް ހުއްޓުމެއްނެތި ދޯނި ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އެމްއެންޑީއެފުން މައުލޫމާތު ހިއްސާ ކުރިއެވެ.
މި ދޯންޏާއި އެ މީހުންނާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ފުލުހުންގެ އެމަޖެންސީ ނަންބަރު 119 އަށް ނުވަތަ ކޯސްޓްގާޑަށް ގުޅާ އެ މައުލޫމާތު ހިއްސާކުރުމަށް ފުލުހުން ވަނީ އެދިފައެވެ.