ޗީފް އޮފް ޑިފެންސް ފޯސްގެ މަޤާމުގައި ހުންނެވި، ލެފްޓިނެންޓް ޖެނެރަލް އަބްދުއްރަޙީމް އަބްދުއްލަތީފް، 39 އަހަރުގެ ހިދުމަތަށްފަހު އުމުރުފުޅުން 60 އަހަރު ފުރުމާއެކު ސިފައިންގެ ގާނޫނުގައިވާ ގޮތުގެ މަތިން ސިފައިންގެ ހިދުމަތުން ޝަރަފުވެރި ކަމާއެކު ރޭ ރިޓަޔާ ކުރައްވައިފިއެވެ.

އެކަމަށްޓައި ރޭ ސިފައިންގެ މައިމަރުކަޒުގައި ބޭއްވި ހާއްސަ ރަސްމިއްޔާތަށް އަބްދުއްރަހީ ވަޑައިގެންނެވުމުން އެމަނިކުފާނުގެ ޝަރަފުގައި ދިވެހި ސިފައިން ވަނީ އޮނާ ގާޑެއް އަރުވާފައެވެ. އެ ރަސްމިއްޔާތުގައި ރައީސްގެ ޑރ. މުހައްމަދު މުއިއްޒުގެ ދެއްވާ ހާއްސަ ސިޓީފުޅާއި އިހްލާސްތެރި ހިދުމަތް ރަމްޒުކޮށްދޭ ޑެކަރޭޝަން ބޯޑު އަބްދުއްރަހީމްއާ ހަވާލުކޮށްދެއްވީ ޑިފެންސް މިނިސްޓަރު މުހައްމަދު ޣައްސާން މައުމޫނެވެ.

އެމްއެންޑީއެފުން ދެއްވާ ސިޓީފުޅާއި ރިޓަޔާމަންޓްގެ ރަމްޒީ ކާޑު އަބްދުއްރަހީމްއާ ހަވާލުކޮށްދެއްވީ ވައިސް ޗީފް އޮފް ޑިފެންސް ފޯސް، ބްރިގޭޑިއާ ޖެނެރަލް އިބްރާހީމް ހިލްމީއެވެ.

1985 ފެބުރުވަރީ 18 ވަނަ ދުވަހު ސިފައިންގެ ހިދުމަތާ ގުޅިވަޑައިގެންނެވި އަބްދުއްރަޙީމް ވަނީ ސިފައިންގެ ކުރިއެރުމާއި ތަރައްގީއަށްޓަކައި ސިފައިންގެ ތަފާތު ދާއިރާތަކުގައި އަގުހުރި ހިދުމަތްތަކެއް ކުރައްވާފައެވެ. ސިފައިންގެ ހިދުމަތުގައި ހޭދަކުރެއްވި މުއްދަތުގެ ތެރޭގައި ރާއްޖެއާއި ރާއްޖެއިން ބޭރު އެތައް ތަމްރީނުތަކެއް ފުރިހަމަކުރައްވާފައިވާއިރު އެމްއެންޑީއެފްގެ ވަރަށް ގިނަ ސްޓާފް އެ ޕޮއިންޓްމަންޓްތަކާއި ކޮމާންޑް އެޕޮއިންޓްމަންޓްތައް ވަނީ ފުރުއްވާފައެވެ.

އެގޮތުން އަދާކުރައްވާފައިވާ ކޮމާންޑް އެޕޮއިންޓްމަންޓްތަކުގެ ތެރޭގައި ސިފައިންގެ އެކި ޔުނިޓްތަކުގެ ކޮމާންޑަރުކަމާއި ކޯ ކޮމަޑާންޓްކަމާއި އަދި އޭރިއާ ކޮމާންޑްގެ ކޮމާންޑަރުކަން ހިމެނޭއިރު ސިފައިންގެ ތަރުޖަމާންގެ މަގާމާއި އަދި އެމްއެންޑީއެފްގެ މާލީ ޒިންމާދާރުވެރިޔާގެ މަގާމު އަދާކުރައްވާފައިވެއެވެ.

އަބްދުއްރަހީމް ދިވެހި އަސްކަރިއްޔާއަށާއި ދިވެހި ގާއުމަށް ކޮށްދެއްވި ހާއްސަ ހިދުމަތްތަކުގެ ތެރޭގައި 1988 ނޮވެންބަރު 3 ވަނަ ދުވަހު ކުރިމަތިވި ނުރައްކާތެރި އުދުވާނީ ހަމަލާއަށްފަހު ސިފައިން ކުރިއަށް ގެންދިޔަ ހާއްސަ އޮޕަރޭޝަންގައި އަމަލީގޮތުން ހަރަކާތްތެރިވެ ވަޑައިގަތުމާއި 2004 ޑިސެންބަރު 26 ވަނަ ދުވަހު ދިވެހިރާއްޖެއަށް ކުރިމަތިވި ސުނާމީ ކާރިސާއާ ގުޅިގެން ދިވެހި އަސްކަރިއްޔާއިން ކުރިއަށް ގެންދިޔަ ހާއްސަ އޮޕަރޭޝަން ހިމެނެއެވެ.

އޭގެ އިތުރުން 2011 ވަނަ އަހަރު އައްޑޫ ސިޓީގައި 17 ވަނަ ސާކް ސަމިޓް ބޭއްވުމަށްޓަކައި ސިފައިން ހިންގި ހާއްސަ އޮޕަރޭޝަނާއި ސުނާމީ ކާރިސާގައި ބޯހިޔާވަހިކަން ގެއްލުނު ފަރާތްތަކުގެ ތެރެއިން ދާއިމީ ބޯހިޔާވަހިކަން އެންމެ ފަހުން ކަށަވަރުކޮށްދެވުނު ގއ. މާމެންދޫގައި ސިފައިން ކުރިއަށް ގެންދިޔަ ހާއްސަ އޮޕަރޭޝަންގައި ފީލްޑް ކޮމާންޑަރެއްގެ ގޮތުގައި ކުރެއްވި މަސައްކަތާއި ކޮވިޑް-19 ގެ އާލަމީވަބާގެ ބޮޑު ކާރިސާގައި ރެއާއި ދުވާލު ސިފައިން ވަރުބަލިކަމެއްނެތި ދިވެހި ރައްޔިތުންނާއި ގައުމުގެ ހައްގުގައި ހިންގި ހާއްސަ އޮޕަރޭޝަންގައި ވައިސް ޗީފް އޮފް ޑިފެންސް ފޯސްގެ ހައިސިއްޔަތުން ކުރެއްވި ގައުމީ އަގުހުރި މަސައްކަތްތައް ފާހަގަކޮށްލެވެއެވެ.

އަބްދުއްރަހީމް ދިވެހި އަސްކަރިއްޔާގައި ކުރައްވާފައިވާ އިހުލާސްތެރި ހިދުމަތާއި ހޯއްދަވާފައިވާ ކާމިޔާބީތައް އަދި ސާބިތުކޮށްދެއްވާފައިވާ ހަރުދަނާ އަސްކަރީ އަދަބު އަހްލާގުގެ ސަބަބުން ޝަރަފުގެ ނިޝާނުގެ ގޮތުގައި 12 މެޑެއްޔާއި 11 ކުލައެއް ލިބިވަޑައިގެންފައިވެއެވެ. 35 އަހަރަށްވުރެ ދިގު މުއްދަތެއްގައި އިހުލާސްތެރިކަމާއެކު ދިވެހި ދައުލަތަށް ހިދުމަތް ކުރައްވައިގެން 2021 ވަނަ އަހަރު ވަނީ ރައީސްގެ އަތްޕުޅުން ދިވެހި ދައުލަތަށް ހިދުމަތް ކުރުމުގެ އިނާމު އަބްދުއްރަހީމް ހާސިލުކުރައްވާފައިވެއެވެ.