ވ. އާރަށް ކުއްޔަށް ދޫކުރުމުގައި ރިޝްވަތާއި މަނީ ލޯންޑަރިންގެ ކުށް ސާބިތުވުމާ ގުޅިގެން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކޮށްފައިވާ 11 އަހަރުގެ ޖަލުހުކުމުގައި ހިމެނޭ ރިޝްވަތުގެ ކުށުގައި އިއްވި 4 އަހަރުގެ ހުކުމުން އެ މަނިކުފާނު މިނިވަންވެ ވަޑައިގެންފިއެވެ.

ވ. އާރަށް ކުށްޔަށް ދޫކުރުމުގެ މުއާމަލަަތުގައި ރިޝްވަތު ގަބޫލު ކޮށްގެން 4 އަހަރު އަދި މަނީ ލޯންޑަރިންނާ ގުޅިގެން 7 އަހަރާއެކު ޖުމްލަ 11 އަހަރުގެ ޖަލު ހުކުމެއް އިއްވާފައި ވަނީ 2022 ވަނަ އަހަރުގެ ޑިސެމްބަރު 25 ވަނަ ދުވަހެވެ. އެ މައްސަލައިގައި އިސްތިއުނާފު މަރުހަލާ ކުރިއަށް ދާއިރު އަޑުއެހުންތައް ނިންމާލާފައި ވަނީ މިދިޔަ ނޮވެމްބަރު މަހުގެ 21 ވަނަ ދުވަހެވެ.

ހައިކޯޓުން އެ މައްސަލާގެ އިސްތިއުނާފުގެ ހުކުމް އިއްވާފައިވަނީ ދަށު ކޯޓުގެ ނިންމުން ބާތިލުކޮށް، އެ މައްސަލަ އަލުން ބަލަން ކްރިމިނަލް ކޯޓަށް ފޮނުވުމަށް އަމުރުކޮށްފައެވެ.

މިއަދު އެ މައްސަލާގެ އިސްތިއުނާފުގެ ހުކުމް އިއްވާފައިވާއިރު ފަނޑިޔާރުންގެ ބެންޗުގައި ހިމެނިވަޑައިގަންނަވަނީ ހަސަން ޝަފީއު އާއި ހުޒައިފާ މުހައްމަދު އަދި މުހައްމަދު ސަލީމެވެ. ރިޔާސަތު ބެއްލެވީ ފަނޑިޔާރު ޝަފީއުއެވެ. މިއަދު އިއްވި ހުކުމް އިއްވަވާފައިވަނީ ތިން ފަނޑިޔާރުންގެ އިއްތިފާގުންނެވެ.

ޖަލު ހުކުމް ތަންފީޒު ކުރައްވަމުން ގެންދެވި ރައީސް ޔާމީން ވަނީ މިދިޔަ ނޮވެންބަރުމަހުގެ ތެރޭގައި ގެކޮޅަށް ބަދަލުކުރައްވާފައެވެ. އަދި އެ މަނިކުފާނު މިނިވަންވެ ވަޑައިގެންނެވިއިރު ހުންނެވީ ރަށު ބަންދެއްގައެވެ.

މިއަދު އިއްވި ހުކުމުގައި ހައިކޯޓުގެ ފަނޑިޔާރުން ވިދާޅުވެފައިވަނީ، ކްރިމިނަލް ކޯޓުގެ ހުކުމް ޔާމީންގެ ފަރާތުން ހައި ކޯޓުގައި އިސްތިއުނާފު މަރުހަލާގައި ބެލިބެލުމުން ކްރިމިނަލް ކޯޓުގައި ޝަރީއަތް ކުރުމުގައި ހަދާފައި ހުރި ގޯސްތައް ފާހަގަވެފައިވާ ކަމަށެވެ. އެމަނިކުފާނަށް ޝަރީއަތް ކުރުމުގައި ލިބެންޖެހޭ ގިނަ ހައްގުތަކެއް ގެއްލޭ ގޮތަށް ޝަރީއަތް ހިންގާފައިވާކަމަށާއި، އެގޮތުން ދައުވާ އުފުލާފައިވާ މާއްދާގައި ބަޔާންކުރާ ކުށުގެ ރުކުންތައް ފުރިހަމަވާކަން ދައުލަތަށް ސާބިތުކޮށްދެވިފައި ނުވާކަންވެސް ފަނޑިޔާރުން ފާހަގަކުރެއްވިއެވެ.

އަދި ހަމައެހެންމެ ޔާމީންގެ ދިފާއީ ހެކިތައް ނަފީކުރަން ދައުލަތުން ހުށަހެޅި އާ ހެކިތައް ބަލައިގަތުމަށް ކްރިމިނަލް ކޯޓުން ނިންމި ނިންމުން ގޯސް ކަމަށްވެސް ހުކުމުގައި ބުނެފައި ވެއެވެ. އަދި އެފަދަ ހެކިތައް ބަލައިގަނެވޭނީ އިސްތިސްނާ ހާލަތްތަކެއްގައި ކަމަށާއި ޔާމީންގެ މައްސަލާގައި ދަށު ކޯޓުން އެކަންކުރީ ކޮންމެހެން އެކަން ކުރަންޖެހޭ އެކަށީގެންވާ ސަބަބެއް ބަޔާން ކުރުމެއް ނެތިކަމަށް ފާހަގަކޮށްފައި ވެއެވެ. އަދި އެ ފުރުސަތު ދިނުމުގެ ކުރިން އެކަންކަމާ މެދު ވާހަކަ ދައްކަން ޔާމީންގެ ވަކީލުންނަށް ފުރުސަތު ދީފައި ނުވާކަން ފާހަގަ ކުރިއެވެ.

އަދި އެމަނިކުފާނުގެ މާލީ ބަޔާނުގައި އެމްއެމްޕީއާރުސީގެ ފައިސާގެ ވާހަކަ ހިމަނާފައި އޮތުމުން އެއީ ކުށްކޮށްގެން ހޯދާފައިވާ ފައިސާއެއް ކަން އެމަނިކުފާނަށް އެނގިވަޑައިގަންނަވާ ކަމެއް ކަމަށް ދަށު ކޯޓުން ބެލީ ވެސް ގާނޫނާ ހިލާފަށް މިއަދު އިއްވި ހުކުމުގައި ވެއެވެ. އެކަންކަން ފާހަގަކޮށް، ދަށު ކޯޓުގެ ހުކުމް ބާތިލްކުރުމަށް ކަނޑައަޅާފައިވަނީ މައްސަލާގައި ޝަރީއަތުގެ ކުރީގެ މަރުހަލާގައި އަމަލުކުރި ގޮތުން ހެކިތަކަށް ބަދަލު އައުމުގެ ފުރުސަތު އޮތުމުން ކަމަށް ހުކުމުގައި ބުނެފައި ވެއެވެ.

އެ މައްސަލާގައި ރައީސް ޔާމީންގެ މައްޗަށް ކޮށްފައިވާ ހުކުމް ބާތިލުކޮށްފައިވާއިރު އެ މައްސަލާގައި ހިމެނޭ ފެލިދޫ ދާއިރާގެ މެންބަރުގެ މައްޗަށް ކޮށްފައިވާ ހުކުމް ބާތިލުކޮށް ދަށު ކޯޓުން އަލުން ބަލަން ވަނީ އަމުރުކޮށްފައެވެ.