ކޮންމެ މަސައްކަތެއް ކުރި ނަމަވެސް އެ މީހެއްގެ އިހުލާސްތެރި ކަމަކީ ވަރަށް މުހިއްމު އެއްޗެކެވެ. އެންމެ އާދައިގެން މަސައްކަތުން ފެށިގެން ގޮސް ސަރުކާރުގެ މަތީ މަގާމުތަކާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރެއްގެ ކިބައިގައި ވެސް އެ ސިފަ ހުރުން މުހިއްމެވެ.

ކުރިއަށް އޮތް 20 ވަނަ ރައްޔިތުން މަޖިލީހުގެ އިންތިހާބުގައި ދާއިރާ ތަމްސީލު ކުރުމަށް ފަސް އަހަރުގެ ދައުރަކަށް މީހަކު އިންތިހާބު ކުރާއިރު މިއީވެސް ވިސްނާލުން މުހިއްމު ކަމެކެވެ. އިހުލާސްތެރިކަން ނެތި، މަޖިލީހުގެ ހަމަޖެހުން ނަގާލައި ދުންމާރި ފުމުމުގައި ބައިވެރިވާނެ މެންބަރެއް އިންތިހާބު ކޮށްފި ނަމަ އެއީ މުޅި ދާއިރާއަށް ވެސް ލިބޭ ހުތުރަކަށް ވާނެއެވެ.

މީގެ ކުރިން އުނގޫފާރު ދާއިރާ ތަމްސީލް ކުރެއްވި މެންބަރުންނަށް ބަލާއިރު ހިނގަމުންދާ ދައުރު ނޫނީ އެ ދާއިރާ ތަމްސީލު ކޮށްފައި ވަނީ ވަރަށް އަހުލާގު ރަނގަޅު އިހުލާސްތެރިން ތަކެވެ. އެހެންނަމަވެސް ހިނގަމުން މިދާ ދައުރުގައި އެ ދާއިރާގެ މެންބަރަކީ މަޖިލީހުގެ ހަމަޖެހުން ނަގާލުމުގައި ބައިވެރިވާ، ދުންމާރި ފުމުމުގައި އިސް މެންބަކަށް ވަނީ ވެފައެވެ. މިއީ މުޅި ދާއިރާއަށްވެސް ލިބުނު ހުތުރެކެވެ.

އެހެންކަމުން އެ ދާއިރާއަށް މީގެ ކުރިން އެންމެން ކުރި ގަދަރު އަނބުރާ ހޯދުމަށް މި އިންތިހާބުގައި ފަސްބައިގައި ކިލަނބު ކަމެއް ނެތް، އިހުލާސްތެރިއެއް ހޮވަން ޖެހެއެވެ. އެ ހުރިހާ ކަމަކަށް ވިސްނާއިރު މަޖިލިސް މެންބަރެއްގެ ކިބައިގާ ހުންނަން ޖެހޭ ހުރިހާ ސިފަތަކެއްގެ ވެރިޔަކީ އެ ދާއިރާއަށް ޕީއެންސީގެ ޓިކެޓުގައި ވާދަކުރައްވާ އިބްރާހިމް ޝިފާޒްކަން ހަމަ ގައިމެވެ. ޝިފާޒަކީ އެ ދާއިރާގެ އުނގޫފާރުގެ އިތުރުން މާކުރަތާއި ހުޅުދުއްފާރު ތަމްސީލު ކުރެވޭނެ ފަދަ އެފަދަ ދެވަނައެއް ނެތް ވަރުގަދަ މާލިމީއެކެވެ.

އުނގޫފާރު ދާއިރާގެ ޕީއެންސީ ކެންޑިޑޭޓް، އިބްރާހިމް ޝިފާޒުގެ ކެމްޕެއިން ހަރަކާތެއްގެ ތެރެއިން/ ފޮޓޯ: ކެމްޕެއިން ޓީމު

ރ. ގާއުނޑޫދޫއާއި އުނގުލަށް ނިސްބަތްވާ ޝިފާޒަކީ މިހާރު އެ ދެ ރަށުގެ މީހުން ހިޖުރަކޮށްފައިވާ ހުޅުދުއްފާރުގެ ބޭފުޅެކެވެ. ހުޅުދުއްފާރު ސްކޫލުން ސާނަވީ ތައުލީމާއި މަތީ ސާނަވީ ތައުލީމް ނިންމަވާލެއްވުމަށް ފަހު އޮފީސް މެނޭޖްމަންޓާއި އިންފޮމޭޝަން ޓެކޮނޮލިޖީ އެންޑް މެނޭޖްމަންޓްގެ ދާއިރާއިން ޑިޕްލޮމާ ހާސިލް ކުރެއްވި ޝިފާޒު ވަނީ ހިއުމަން ރިސޯސް މެނޭޖްމަންޓްގެ ދާއިރާއިން ޑިގްރީ ހާސިލް ކުރައްވާފައެވެ.

ސިޔާސީ މައިދާނުގައިވެސް ގިނަ ބައެއްގެ އިތުބާރު ލިބިފައިވޭ

ސިޔާސީ އަދި އެޑްމިނިސްޓްރޭޝަން ދާއިރާއަށް ޝައުގުވެރިކަން ހުންނެވި ޝިފާޒު ވިދާޅުވާ ގޮތުގައި އޭނާ ސިޔާސީ ދާއިރާއަށް ޝައުގުވެރިކަން އުފެދުނީ އޭނާގެ މަންމަ ފަރާތު ކާފަ، އުނގުލު ނައިބު ދޮންބެ ގެ ހިދުމަތްތަކުގެ ވާހަކަތައް މަންމައާއި އާއިލާގެ މީހުންގެ ފަރާތުން އެނގިވަޑައިގަތުމުން ކަމަށެވެ. އަދި ކާފަ ފަދައިން ކޮންމެވެސް ސިފައެއްގައި ގައުމަށް ހިދުމަތް ކޮށްދެއްވުމަށް ޝިފާޒު ބޭނުންވެ ވަޑައިގެންނެވިއެވެ.

ނިޒާމީ ވޯޓު ނެގުނު ދުވަސްވަރު ވެސް ކޮންމެވެސް ވަރަކަށް ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވެ ވަޑައިގެން ޝިފާޒު ވަނީ ހުޅުދުއްފާރު ކައުންސިލްގެ މެންބަރު ކަމަށް ތިން ދައުރެއްގައި އިންތިހާބުވެ ވަޑައިގެންފައެވެ. 2014 ވަނަ އަހަރު ބޭއްވި ލޯކަލް ކައުންސިލް އިންތިހާބުގައި މިނިވަން ކެންޑިޑޭޓެއްގެ ގޮތުގައި ޝިފާޒު އިންތިހާބުވެ ވަޑައިގެންނެވި ނަމަވެސް ޖެހިގެން އައި ދައުރު ޝިފާޒު އިންތިހާބު ކާމިޔާބު ކުރެއްވީ ޕީޕީއެމްގެ ޓިކެޓުގައި ވާދަކުރައްވައެވެ. އެއަށްފަހު މި ހިނގަމުންދާ ދައުރުގައިވެސް ޕީޕީއެމްގެ ޓިކެޓުގައި ޝިފާޒު އިންތިހާބު ކާމިޔާބު ކުރައްވާފައި ވާއިރު މިހާރު ޝިފާޒު ފުރުއްވަމުން ގެންދަވަނީ ހުޅުދުއްފާރު ކައުންސިލްގެ ނައިބު ރައީސްގެ މަގާމެވެ.

އުނގޫފާރު ދާއިރާގެ ޕީއެންސީ ކެންޑިޑޭޓް، އިބްރާހިމް ޝިފާޒުގެ ކެމްޕެއިން ހަރަކާތެއްގެ ތެރެއިން/ ފޮޓޯ: ކެމްޕެއިން ޓީމު

ބޭނުންވަނީ ސިޔާސީ ހަމަޖެހުން ގާއިމުވެ، ދާއިރާއަށް ހިނިތުންވުމެއް ގެނެސްދޭން

ޝިފާޒަކީ އޭނާގެ ރަށުގެ ގިނަބައެއްގެ ލޯތްބާއި އިތުބާރު ލިބިވަޑައިގެންފައިވާ ބޭފުޅެއްކަން އިންތިހާބީމަގާމަކަށް ތިން ދައުރު އިންތިހާބު ވުމުންވެސް އެނގި ހާމަވާނެއެވެ. އެ ލޯތްބާއި އިތުބާރާއެކު ޝިފާޒު ނިކުމެވަޑައިގެންނެވީ ދާއިރާގެ ގިނަ ބައެއްގެ އިތުބާރުވެސް ހޯއްދެވޭނެ ކަމުގެ ޔަގީންކަން އޮވެގެންނެވެ.

ޝިފާޒުގެ ކެމްޕެއިން ހަރަކާތުގައި ދާއިރާގެ ގިނަ އަދަދެއްގެ ޒުވާނުން ޝާމިލު ވާއިރު ހަރު އުމުރުގެ މީހުންނާއި ސިޔާސީ މަސްރަހުގައި އެ ދާއިރާގެ ތަޖުރިބާކާރުންވެސް ބައިވެރިވެއެވެ. ކެމްޕެއިން ހަރަކާތްތައް ދާ ގޮތުން ޝިފާޒުގެ އުންމީދު ބޮޑެވެ. ދާއިރާގެ ރައްޔިތުން ބޭނުންވަނީ ސިޔާސީ ހަމަޖެހުން ގާއިމުކޮށް، ހުއްޓިފައިވާ ތަރައްގީގެ މަޝްރޫއުތައް ކުރިއަށް ގެންދިއުން ކަމަށް ވާއިރު އެކަން ކުރެވޭނީ ސަރުކާރުގެ ކެންޑިޑޭޓަކަށް ފުރުސަތު ދީގެންކަން ދާއިރާގެ ރައްޔިތުންގެ ގަބޫލުކުރެއެވެ. މި ކެމްޕެއިންގައި ރައްޔިތުން ދަނީ އެ ކަން ފާހަގަވެސް ކުރަމުންނެވެ.

ކެމްޕެއިންގައި ގިނަ އޮޅި ގިރާކޮށް، ގިނަ އަދަދެއްގެ ގޭގޭގެ ދޮރުގައި ޓަކި ޖައްސަވާ، ފޯނު ކޯލުތައް މެދުވެރިކޮށް ދާއިރާގެ ގިނަ އަދަދެއްގެ ރައްޔިތުންނާ ޝިފާޒުއާ ބައްދަލު ކުރެވިއްޖެއެވެ. އާންމުކޮށް ރައްޔިތުންގެ ފަރާތުން އަންނަ ޝަކުވާއަކަށް ވަނީ އިންތިހާބުވާ މެންބަރުން ގެއްލޭ ކަމުގެ ޝަކުވާއެވެ.

ކެމްޕެއިންގައި ބައްދަލުވާނެ ކަމަށާއި ގުޅޭނެ ކަމަށް ވައުދުވާ މެންބަރުން ހޮވިގެން ދާ ގޮތަށް ފަސް އަހަރުގެ ދައުރެއް ފުރިހަމަ ކުރާއިރު ދާއިރާގެ ރައްޔިތުންގެ ހާލު އަހުވާލު އެއް ފަހަރުވެސް ބަލާނުލާ މެންބަރުން އެބަ ތިއްބެވެ. މި ކަމަކީ ގިނަ ދާއިރާތަކެއްގައިވެސް ދިމާވާ މައްސަލައެކެވެ. އޭގެ އިތުރުން މަޖިލީހުގައި ރައްޔިތުންނަށްޓަކައި މަސައްކަތްތަކެއް ކުރުމުގެ ބަދަލުގައި ސިޔާސީ ކޯޅުންތަކާއި ޒުވާބު ކުރުމާއި ތަޅާފޮޅުންތައް އާންމުވެފައި ވުމަކީވެސް ރައްޔިތުން އެކަމާ މެދު ކަންބޮޑުވެ، ލަދުގަންނަ ދަރަޖައަށް ގޮސްފައި ވާ ކަންކަމެވެ.

އުނގޫފާރު ދާއިރާގެ ޕީއެންސީ ކެންޑިޑޭޓް، އިބްރާހިމް ޝިފާޒުގެ ކެމްޕެއިން ހަރަކާތެއްގެ ތެރެއިން/ ފޮޓޯ: ކެމްޕެއިން ޓީމު

ޝިފާޒަކީ ގެއްލޭނެ މެންބަރެއް ނޫނެވެ. ޝިފާޒަށް ގުޅޭނެއެވެ. ބައްދަލުވާނެއެވެ. އެހީއަކަށް އެދި ދިއްކޮށްލާ އަތް ހުހާ ތިރިކޮށްލާކަށް ނުޖެހޭނެއެވެ. ޝިފާޒަކީ ދީލަތި، އިހުލާސްތެރި އެކެވެ. އެންމެންނާ ގުޅޭ މެންބަރަކަށް ޝިފާޒަށް ވާނެއެވެ.

އިންތިހާބުގެ ކުރިންނާއި ފަހުންވެސް ދާއިރާގެ ރައްޔިތުން ފެންނާނެއެވެ. އެއީ ބަދަލު ނުވާނެ ކަމެކެވެ. މަޖިލީހުގެ ހުރިހާ މެންބަރުން ތާޅާފިލި ފުޅެ، ޒުވާބުކޮށް ތަޅާފޮޅިޔަސް އެ ސިފައަކީ ޝިފާޒުގެ ފަރާތުން ފެންނާނެ ސިފައެއް ނޫނެވެ. އެ ކަމާ މެދު އުނގޫފާރު ދާއިރާގެ ރައްޔިތުން ސުވާލުވެސް އުފައްދާނެ ފުރުސަތެއް ޝިފާޒެއް ނުދެއްވާނެއެވެ.

މިދިޔަ ސަރުކާރުގެ ފައިސާ ހަމަ ނުޖެހި، ފަށާފައިވާ މަޝްރޫއުތަކެއް ހުއްޓިފައި ވާއިރު އެ މަޝްރޫއުތައް ނިމި، ހިދުމަތް ލިބުމަކީވެސް އެ ދާއިރާގެ ރައްޔިތުން އެދޭ ކަމަކެވެ. އޭގެ އިތުރުން ބޯހިޔާވަހިކަމާއި ލަފާފުރުމުގެ ދަތިކަމާއި ރަށް ގިރުމުގެ މައްސަލައަކީ ވެސް ދާއިރާއަށް ދިމާވެފައިވާ މައްސަލަތަކަށް ވާއިރު ވަޒީފާގެ ފުރުސަތާއި ތައުލީމީ ފުރުސަތު އިތުރު ވުމަށް ދާއިރާގެ ރައްޔިތުން އެދެއެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ މެނިފެސްޓޯއާއި ތަސައްވުރުގެ ތެރެއިން ދާއިރާގެ ރައްޔިތުން އެދޭ އުމްރާނީ ތަރައްގީއާއި ގިނަ ދުވަސްވީ ހުވަފެންތަކަށް ހައްލެއް ލިބިގެންދާނެ ކަމުގެ ޔަގީންކަން ޝިފާޒުގެ އެބަ އޮތެވެ. ޝިފާޒު ވާނީ ރައީސްގެ ވައުދުފުޅުތައް ފުއްދުމުގައި ފުރިހަމައަށް އެއްބާރުލުން ދެއްވާނެ މެންބަރަކަށެވެ.

އުނގޫފާރު ދާއިރާގެ ޕީއެންސީ ކެންޑިޑޭޓް، އިބްރާހިމް ޝިފާޒުގެ ކެމްޕެއިން ހަރަކާތެއްގެ ތެރެއިން/ ފޮޓޯ: ކެމްޕެއިން ޓީމު

ދާއިރާއަށް ކުރަން ޖެހޭ މަސައްކަތްތަކާއި ބަދަލު ގެންނަން ޖެހޭ މަޝްރޫއުތަކުގައި ކައުންސިލްތަކާއި ރައްޔިތުންނާ ގުޅިގެން ކުރަން ޖެހުނު ކޮންމެ މަސައްކަތެއްވެސް ޝިފާޒު ކުރައްވާނެއެވެ.

ރައްޔިތުން މަޖިލީހަކީ ގާނޫނު ހަދާ މަޖިލިސް ކަމަށްވާއިރު އަލަށް ވުޖޫދުކުރަން ޖެހޭ ގާނޫނުތަކާއި އިސްލާހު ކުރަން ޖެހޭ ގާނޫނުތައް ހުރިކަން ޝިފާޒުވެސް ގަބޫލު ކުރައްވައެވެ. ޝިފާޒަކީ 21 ވަނަ ގަރުނުގެ ކަންކަން ފުރިހަމައަށް ދަންނަ ލޯ ހުޅުވިފައިވާ ބޭފުޅެކެވެ.

އެހެންކަމުން ގާނޫނުގެ ތެރެއިން ނިންމާ ކޮންމެ ނިންމެވުމަކީ ވެސް އޭނާ ރަނގަޅަށް ދެނެވަޑައިގަންނަވާ ނިންމެވުކަށް ވާނެއެވެ. ޝިފާޒު އިންތިހާބުވެ ވަޑައިގެންފިނަމަ ރައްޔިތުންގެ ކަންބޮޑުވުން ހުރި ގާނޫނުތަކަށް އިސްލާހު ހުށައެޅުއްވުމަށް މަސައްކަތް ކުރައްވާނެއެވެ. އެގޮތުން ކުޑަކުދިންގެ އަދުލުގެ ގާނޫނު އިސްލާހުކުމާއި ސިއްހީ ހިދުމަތް ދޭ ތަންތަނުގެ އިހުމާލާއި ފަރުވާކުޑަ އަމަލުތަކުން ހިނގާ ކަންކަމަށް ގާނޫނުގެ ތެރެއިން އަދަބު ކަނޑައެޅުމަށް ޝިފާޒު މަސައްކަތް ކުރައްވާނެއެވެ.

ޝިފާޒު ބަދަލެއް ނުވާނެ، ހުންނަވާނީ ހަމަ އެ ގޮތުގައި!

ސިޔާސީ ދާއިރާގައި ހަރަކާތްތެރިވާ މީހުންގެ އިތުބާރު ގެއްލޭ އެންމެ އާންމު މައްސަލައަކީ ކުލަ ބަދަލުވާ ބޯވައެއް ފަދައެއް ޕާޓީ ބަދަލުކުރާ މައްސަލައެވެ. ދެވަނަ ފަހަރަށް ރައްޔިތުންގެ ކުރިމައްޗަށް އެ މީހަކަށް ދާން ނުކުރޭ މައިގަނޑު ސަބަބަކަށް ވެސް ވެފައި އޮންނަނީ އެކަމެވެ.

ޝިފާޒަކީ އިތުބާރު ހުރި ސިޔާސީ ބޭފުޅެކެވެ. ސިޔާސީ ގޮތުން ފުރަތަމަ މަސައްކަތް ކުރައްވަން ފެއްޓެވި ފިކުރުގައި މިއަދުވެސް ޝިފާޒު ހުންނެވީ ސާބިތު ކަމާއެކުއެވެ. ވަކި އަތަކަށް، ކޮޅަކަށް ގުޑުވާލެވޭނެ ފަދަގޮތަކަށް ނޫނެވެ. އިންތިހާބުތަކާ ދިމާކޮށް ކުރިމަތިވި ފިއްތުންތަކާއި އައި ބާރު އޮއިވަރުގައިވެސް ޝިފާޒު ދެއްކެވީ ނަމޫނާއެވެ. ދެން ވެސް ޝިފާޒު ހުންނަވާނީ އެ ގޮތަށް، އެ ފިކުރުގައި ރައީސް މުއިއްޒުގެ ފަހަތްޕުޅުގައެވެ.

އުނގޫފާރު ދާއިރާގެ ޕީއެންސީ ކެންޑިޑޭޓް، އިބްރާހިމް ޝިފާޒުގެ ކެމްޕެއިން ހަރަކާތެއްގެ ތެރެއިން/ ފޮޓޯ: ކެމްޕެއިން ޓީމު

ދާއިރާ ތަމްސީލު ކުރެއްވުމަށް ޝިފާޒާ ހަވާލުކުރައްވައިފިނަމަ އަދާކުރަން ހަވާލުކުރި ޒިންމާ އެންމެ ފުރިހަމައަށް އަދާކުރެއްވިއްޖެތޯ ޔަގީން ކުރައްވަން ރައްޔިތުންގެ ގާތަށް ގޮސް އައްސަވާނެ މެންބަރަކަށް އޭނާވާނެއެވެ. ޝިފާޒުގެ މަސައްކަތުގައި ބޭނުން ވަނީ ރައްޔިތުންގެ އިތުބާރެވެ. ދާއިރާއަށް އުފާވެރި ފާގަތި މުސްތަގުބަލެކެވެ.

"އަޅުގަނޑަށް މި މަސައްކަތް ހަވާލުކޮށްފިނަމަ މަސައްކަތް ފުރިހަމަ ކުރެވުނުތޯ ބަލަން ރައްޔިތުންގެ ގާތަށްވެސް ދާނަން"
ޝިފާޒު

ޝިފާޒު ނޫން ޗޮއިސްއެއް ނެތް، ތަފާތު ދައްކާނެ މެންބަރަކަށް ވާނެ

ސަރުކާރާ ދެކޮޅު ކެންޑިޑޭޓުން ހޮވައިގެން ރައްޔިތުންގެ އަރުގައި ލީ ހިތި ރަހަ އަދިވެސް ނުފިލާ ހުންނާނެކަން ގައިމެވެ. ވީ މޮޅެއް، ލިބުނު ކުރިއެރުމެއް ނެތް ތަނުގައި މަޖިލީހުގައި ކުރިހާ ނުބައި ކަންކަމުގައި ބައިވެރިވެ ދާއިރާއަށް ހޯދައިދިން ހަޑި ނަންވެސް އަދިވެސް ހަނދުމަ ހުންނާނެއެވެ. އެއް ޕާޓީ ދޫކޮށް އަނެއް ޕާޓީއަށް ބަދަލުވެ، ދާއިރާގެ މެންބަރުން ދިރިތިބިތޯ ބަލައި ނުލި މެންބަރުން އުނގޫފާރު ދާއިރާ ތަމްސީލު ކުރަން ހޮވިއްޖެއެވެ.

އެކަމުން އިބުރަތް ހާސިލު ކުރަން ޖެހެއެވެ. ޝިފާޒަކީ ރައީސް މުއިއްޒުގެ މެނިފެސްޓޯއާއެކު މުޅި އެ ދާއިރާއަށް އުޖާލާކަން ގެނެސް ދެއްވުމަށް މަސައްކަތް ކުރައްވާނެ ހަމަ އެކަނި ކެންޑިޑޭޓެވެ. ފަހަތު ފަޔަށް ބުރަވުމެއް ނެތި ސަރުކާރު ޖަވާބު ދާރީ ކުރުވަން ޖެހުނު ހާލަތެއްގައި އެކަންވެސް ކުރައްވަން ޝިފާޒު ހުންނަވާނީ އަބަދުވެސް ތައްޔާރަށެވެ.

އުނގޫފާރު ދާއިރާގެ ޕީއެންސީ ކެންޑިޑޭޓް، އިބްރާހިމް ޝިފާޒުގެ ކެމްޕެއިން ހަރަކާތެއްގެ ތެރެއިން/ ފޮޓޯ: ކެމްޕެއިން ޓީމު

ދާއިރާގެ ރައްޔިތުންގެ ހައްގުގައި ވަކާލާތުކުރައްވައި، ޒުވާނުންގެ އަޑު އިއްވައި ދެއްވާނީ ވެސް ޝިފާޒެވެ. ވޭތިވެދިޔަ 12 އަހަރުގައި ރަށު ކައުންސިލުގައި ހުންނެވިއިރު ދާއިރާގެ ރައްޔިތުންގެ އަޑު އެއްސެވި އަދި ހައްލު ގެނެސްދޭނެ ގޮތް ވެސް އެނގިވަޑައިގަންނަވާނެ ކެންޑިޑޭޓަކީ ވެސް ޝިފާޒެވެ.

ފަސް އަހަރަށް ރައްޔިތުން ހޮވާ މަންދޫބަކީ ހަގީގީ މާނާގައި ރައްޔިތުންގެ ބަސް އިއްވާނެ މީހަކަށް ވާން ޖެހޭނެއެވެ. ދާއިރާގައި ކުލަ ނުޖެހި ހުރި ހުވަފެންތަކުގައި ސަރުކާރާ ގުޅިގެން ކުލަޖައްސަން މަސައްކަތް ކުރައްވާނީވެސް ޝިފާޒެވެ. މިސްރާބު ހަމަ މަގަށާއި ނަޔާ ދަތުރަށް އަދި ރައްޔިތުންގެ ބާރު ޔަގީން ފަދަ އެކި އެކި ނަން ނަމުގައި އިންތިހާބުވެ ވަޑައިގަންނަވާ މެންބަރުން މަޖިލީހުގައި ވެރިކަން ކުރާ ބާރަށް ކުރާ ޖެއްސުން މާޒީއިން ފެނިފައި ވާނެއެވެ. ރިޔާސީ ބަޔާން އިއްވާ ދުވަސް ދުވަހާއި މުހިއްމު ބިލްތައް އެޖެންޑާ ކުރާ ދުވަސް ދުވަހު އަޑުގަދަކޮށް މާރާމާރީ ހިންގާ ހިސާބަށް ކަންކަން ގެންދިއުމަށް ރައްޔިތުންގެ މަންދޫބުން ކުރާ ކަންކަން ރައްޔިތުންނަށް ފެނި، ފިލާވަޅުވެސް ދަސްވެއްޖެއެވެ.

ޝިފާޒުގެ އެދުމަކީ އޭނާއަށް ދޭ ވޯޓަކީ ދާއިރާގެ މުސްތަގުބަލާ މެދު ވިސްނާ، ދިވެހިންގެ ރާއްޖޭގެ ދުވެލި އަވަސްކުރަން ދޭ ވޯޓަކަށް ހެއްދެވުމަށެވެ.

"ރައްޔިތުންގެ ކުރިމަތީގައި މުސްތަގުބަލާ މެދު ވިސްނަވާފައި ދިވެހިންގެ ރާއްޖޭގެ ދުވެލި އަވަސްކުރަން ދޭ ވޯޓަކަށް މި ވޯޓު ހެއްދުވުން އެދެން."
ޝިފާޒު
އުނގޫފާރު ދާއިރާގެ ޕީއެންސީ ކެންޑިޑޭޓް، އިބްރާހިމް ޝިފާޒުގެ ކެމްޕެއިން ހަރަކާތެއްގެ ތެރެއިން/ ފޮޓޯ: ކެމްޕެއިން ޓީމު

ފަހު ބަހަކަށްވެސް ޝިފާޒު ވިދާޅުވީ އޭނާއަށް ދޭ ވޯޓު ބޭކާރު ނުވާނެ ކަމަށެވެ. ވަކި ފިކުރެއް، ވަކި ރައްޔިތެއް ބާކީ ނުކޮށް އެންމެ ފުރިހަމައަށް ހައްގު ހޯދައި ދެއްވުމަށް މަސައްކަތް ކޮށްދެއްވާނެ ކަމަށެވެ. ޝިފާޒަށް ރައްޔިތުން ކުރާ އިތުބާރު ނަގާނުލައްވާނެ ކަމުގެ ފުރިހަމަ ޔަގީންކަން އޭނާ ދެއްވައެވެ.

ޝިފާޒަކީ ޒުވާނުންނާ ގުޅޭ، ޒުވާން ލޭ ހިނގާ ދަރިއެކެވެ. އިސް ރައްވެހިންގެ މިތުރެކެވެ. ވަކި އުމުރެއް ތަފާތު ކުރުމެއް ނެތި އެހީއަކަށް ބޭނުންވެއްޖެ ނަމަ ސުވާލެއް ނެތި އެކަން ކޮށްދެއްވާނެ ބޭފުޅެކެވެ. ޝިފާޒަކީ ޒުވާން ޖޯޝުގައި އޮޔަށް ވައެއް ބެލުމެއް ނެތި ގަދަ ގަނޑުގައި އުނގޫފާރު ދާއިރާގެ ރައްޔިތުންގެ ހައްގުގައި ދަތުރު ކުރައްވާނެ އެއްވަނައިގެ މާލިމީއެކެވެ. އެ ރައްޔިތުންގެ ހައްގުގައި ގިރާކުރައްވަން ޖެހިވަޑައިގެން ކޮންމެ އޮޅިއެއް ގިރާކުރައްވައި ޓަކި ޖައްސަވަން ޖެހިވަޑައިގެން ކޮންމެ ދޮރެއްގައި ޓަކި ޖައްސަވާނެ ކެންޑިޑޭޓެކެވެ. ދާއިރާގެ ކުރިމަގު އުޖާލާވެ، ފަހި ފާގަތި މުސްތަގުބަލެއް ހޯދުމަށް ޝިފާޒު ނޫން ހަމަ އެއްވެސް ގޮތެއް ނެތެވެ.