"އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލިސް" އަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު 2 މެންބަރުން މިއަދު އައްޔަން ކުރައްވައިފިއެވެ.
އިސްލާމީ ފަތުރުދޭ އެންމެ މަތީ މަޖިލިސްގެ އާ މެންބަރުންގެ ގޮތުގައި ރައީސް އައްޔަން ކުރައްވާފައި ވަނީ ޏ. ފުވައްމުލައް، ރިހިވިލާގެ، ޑރ. މޫސާ އަންވަރު ހަސަން އާއި މ. ހިތިމާގެ، ޑރ. އަލީ ޒާހިރުއެވެ.
ޑރ. މޫސާ އަންވަރު ހަސަން ވަނީ މިސްރުގެ އަޒްހަރުން އިސްލާމިކް ސިވިލައިޒޭޝަނުން ފުރަތަމަ ޑިގްރީ އަދި މެލޭޝިއާގެ އިސްލާމިކް ޔުނިވާސިޓީން ފިގުހު އުސޫލުން ފިގުހު އިން މާސްޓަސް ޑިގްރީ ހާސިލްކުރައްވާފައެވެ. އަދި ޑރ.މޫސާ އަންވަރު ވަނީ ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވާސިޓީން އިސްލާމިކް ޖުޑިޝަލް ސައިންސް އެންޑް ލެޖިސްލޭޓިވް ޕޮލިސީން ޕީއެޗްޑީ ހާސިލްކުރައްވައިފައެވެ. ޑރ. މޫސާ އަންވަރު ހަސަން އަކީ އިސްލާމްދީނަށް ހޭލުންތެރިކަން އިތުރުކުރުމާއި، ދީނީ އިލްމު އުނގަންނައިދިނުމުގެ ދާއިރާއިން ގައުމީ އިނާމް ހާސިލްކުރައްވައިފައިވާ އިލްމުވެރިއެކެވެ.
އެމްއެންޔޫގެ ފެކަލްޓީ އޮފް އިސްލާމިކް ސްޓަޑީޒްގެ ޑީންގެ މަގާމު ފުރުއްވާފައިވާ ޑރ. އަލީ ޒާހިރު ވަނީ 2021 ވަނަ އަހަރު މެލޭޝިޔާގެ އިންޓަނޭޝަނަލް އިސްލާމިކް ޔުނިވާސިޓީން ފިގްހު އިލްމާއި އުސޫލް އަލް ފިގްހުގެ ދާއިރާއިން ޕީއެޗްޑީ ހާސިލުކުރައްވާފައެވެ.
ރައީސް މިއަދު އައްޔަންކުރެއްވި މަގާމުތަކާއެކު "އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލިސް" މިހާރު ހިމެނިވަޑައިގަންނަވަނީ:
1- ޝައިހް ޑރ. މުހައްމަދު ރަޝީދު އިބްރާހީމް، (ގ. ގަސްކަރަ) - ރައީސުލްޖުމްހޫރިއްޔާ ޢައްޔަން ކުރާ މެންބަރެއްގެ ގޮތުގައި
2- ޑރ. އަބްދުއްސައްތާރު އަބްދުއްރަހްމާން، (ދަފްތަރު. ރސ ނަންބަރު 8104) - ރައީސުލްޖުމްހޫރިއްޔާ އައްޔަން ކުރާ މެންބަރެއްގެ ގޮތުގައި
3- ޑރ. މޫސާ އަންވަރު ހަސަން، (ދަނޑިމަގު، ރިހިވިލާގެ، ޏ. ފުވައްމުލައް) – މިނިސްޓަރުގެ ލަފާގެ މަތިން އައްޔަން ކުރައްވާ މެންބަރު
4- ޑރ. އަލީ ޒާހިރު، (މ. ހިތިމާގެ) - ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސީޓީ ނުވަތަ އިސްލާމިކް ޔުނިވާސިޓީގެ އެކަޑަމިކް މުވައްޒަފުންގެ ތެރެއިން، ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރާ މެންބަރު
5- ޝައިހް އިލްޔާސް ހުސައިން، (ސިޕާ، ސ. ހިތަދޫ)، – ރައީސުލްޖުމްހޫރިއްޔާ އައްޔަން ކުރައްވާ މެންބަރު