ދަ ޑިމޮކްރެޓްސްގެ ޓިކެޓްގައި މަޖިލީހަށް ކުރިމަތިލި ދެ ކެންޑިޑޭޓަކަށް އެޕާޓީން ކުރި ތާއީދު އަނބުރާ ގެންގޮސްފިއެވެ.

އެ ޕާޓީން ކުރި ތާއީދު އަނބުރާ ގެންގޮސްފައި ވަނީ ތ. ގުރައިދޫ ދާއިރާއަށް ވާދަކުރާ ކެންޑިޑޭޓް ލީލާ އިބްރާހިމް މަނިކު އާއި ތިމަރަފުށީ ދާއިރާ އަށް ވާދަކުރާ ކެންޑިޑޭޓު ފާތިމަތު ޒިލްމާގެ އެވެ. މި ދެ ކެންޑިޑޭޓުންނަށް ޑިމޮކްރަޓްސް އިން ކުރި ތާއީދު އަނބުރާ ގެންގޮސްފައި ވަނީ ސަރުކާރު ހިންގާ ޕީއެންސީ ކެންޑިޑޭޓުންގެ ފަހަތަށް އެ ކެންޑިޑޭޓުން އެރުމުންނެވެ.

އެގޮތުން ތ. ގުރައިދޫ ދާއިރާއަށް ވާދަކުރާ ކެންޑިޑޭޓް ލީލާ އިބްރާހިމް މަނިކު، ވަނީ އެދާއިރާއަށް ވާދަކުރާ ސަރުކާރުން ކެންޑިޑޭޓް ހަނާން މުހައްމަދު ރަޝީދަށް ތާއީދު ކުރަން ނިންމާފައެވެ. އަދި ތިމަރަފުށީ ދާއިރާ އަށް ވާދަކުރާ ކެންޑިޑޭޓު ފާތިމަތު ޒިލްމާ ވަނީ، އެ ދާއިރާ އަށް އަމިއްލަ ގޮތުން ވާދަކުރާ އަހްމަދު ރިޔާޒަށް ތާއީދުކޮށްފައެވެ.

ސަރުކާރުން ކެންޑިޑޭޓުންނަށް ތާއީދުކުރަން ނިންމި ލީލާ

މީގެ ކުރިން ޑިމޮކްރެޓްސްގެ ޓިކެޓުގައި އައްޑޫ ހިތަދޫ މެދު ދާއިރާއަށް ކުރިމަތިލެއްވި އެ ދާއިރާގެ މިހާރުގެ މެމްބަރު އަހުމަދު ރަޝީދުވެސް ވަނީ ރޯދަ މަހު އިންތިހާބު ބާއްވާތީ ކަމަށްބުނެ އަނބުރާ ގެންގޮސްފައެވެ. އަދި ފަހުން ރަމަޟޯން މަހަށްފަހު އިންތިހާބު ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމުމާއެކު، އޭނާ ވަނީ އިންތިހާބުގައި ވާދަކުރަން ބޭނުންވެ މައްސަލަ ކޯޓަށްވެސް ހުށަހަޅާފައެވެ. ނަމަވެސް އެ މައްސަލަ ކޯޓުން ބަލައިގަނެފައި ނުވެއެވެ.

މި މަހުގެ 21 ވަނަ ދުވަހު އޮންނަ މަޖިލިސް އިންތިހާބުގައި އަމިއްލަ ގޮތުން 130 ކެންޑިޑޭޓަކު ވާދަ ކުރާއިރު ހަތް ސިޔާސީ ޕާޓީން 238 ފަރާތެއް ވާދަ ކުރެއެވެ. އެއީ 216 ފިރިހެނުންނާއި 22 އަންހެނުންނެވެ.

އިންތިހާބަށް ވަގުތު ކުޑަތަންވެ ކެމްޕެއިންގެ ފޯރި ގަދަވެފައިވާ މި ދަނޑިވަޅުގައި އިންތިހާބާއި ގުޅުވާ ރިޝްވަތު ދިނުމާއި ނުފޫޒުގެ ބޭނުންކުރުމާއި ވަޒީފާގެ ބިރު ދެއްކުމުގެ މައްސަލަތައް ލިބޭކަން ފާހަގަކޮށް އިލެކްޝަން ކޮމިޝަނުން ބުނީ އެފަދަ ފަރާތްތަކާމެދު ފިޔަވަޅު އަޅާނެ ކަމަށެވެ