އައްޑޫގައި ޓޫރިޒަމް ފުޅާކުރަން ކުރިއަށްގެންދާ މަސައްކަތުގެ ތެރެއިން ހަންކެޑެ ތަރައްގީކުރުމުގެ މަޝްރޫއުގެ ބިންގާ އަޅައިފިއެވެ.
އައްޑޫގައި ފަތުރުވެރިކަން ފުޅާކޮށް ތަރައްގީ ކުރުމަށް ކުރިއަށް ގެންދާ މަސައްކަތުގެ ތެރެއިން ރިއަލް އެސްޓޭޓް ޓޫރިޒަމް ޕްރޮޖެކްޓު ހިންގާ ސަރަހައްދެއްގެ ގޮތުގައި އައްޑޫ ސިޓީ ހަންކެޑެ ހަމަޖެއްސީ ޑިސެމްބަރު 02، 2021 ގައެވެ.
އެއަށްފަހު އެމްޑީޕީ ރިޔާސީ ޕްރައިމަރީ އާއި ދިމާކޮށް އިއުލާންކުރި މި މަޝްރޫއުގެ އެއްބަަސްވުމުގައި މޯލްޑިވްސް ފަންޑް މެނޭޖްމަންޓް ކޯޕަރޭޝަން އާއި ޗައިނާ ނޭޝަނަލް އިލެކްޓްރިކަލް އިންޖިނިއަރިން ސޮއިކޮށްފައި ވަނީ 2023 ވަނަ އަހަރުގެ މާޗް މަހުއެވެ. އަދި އެދުވަސްވަރު ވަނީ ސަރުކާރުގެ 100 ޕަސެންޓް ހިއްސާވާ މޯލްޑިވްސް ފަންޑު މެނޭޖުނަންޓް ކޯޕަރޭޝަނުން ހަންކެޑެ ތަރައްގީކުރުމަށް އިއުލާނުކޮށް ޑިޒައިންގެ ފޮޓޯތަކެއްވެސް އާންމުކޮށްފައެވެ.
އައްޑޫގެ މަރަދޫއާއި ގައުކެނޑިއާ ދޭތެރޭ އޮންނަ ހަންކެޑެއަކީ އައްޑޫގައި ފަތުރުވެރިކަމަށް ހާއްސަކުރި ސަރަހައްދުގެ ތެރެއިން އެއް ސަރަހައްދު ކަމަށްވާއިރު މި ސަރަހައްދުގައި ގެސްޓު ހައުސްއާއި ހޮޓާގެ އިތުރުން ފަތުރުވެރިންނަށް ހިދުމަތް ދިނުމަށް އެކި ބާވަތުގެ ވިޔަފާރިތައް ގާއިމް ކުރުމަށް ވަނީ ހަމަޖެހިފައެވެ.
މި މަޝްރޫއު ފައްޓަވާދެއްވުމަށް ހަވާއާއެކު ކުލަ ގަދަ ރަސްމިއްޔާތެއް މިރޭ ބާއްވާފައިވާއިރު ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ ހޯމް ލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާން އެވެ. މިރޭގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އިހުސާން ވިދާޅުވީ މި ބިޔަ މަޝްރޫއާއެކު އައްޑޫ ސިޓީއަށް 1630 ވަޒީފާ އިތުރުވެގެންދާނެ ކަމަށެވެ. އަދި އައްޑޫ ރައްޔިތުންގެ ދިރިއުޅުމަށް ބޮޑު އިންގިލާބެއް ގެނެސްދޭނެ މި މަޝްރޫއަކީ އެ ސިޓީގެ ރައްޔިތުން ދެކެމުންދިޔަ ހުވަފެނެއް ކަމަށް މިނިސްޓަރު ވިދާޅުވެފައި ވެއެވެ.
ޗައިނާ ކުންފުނިން ހަންކެޑައިގައި 1041 ކޮޓަރި 2082 އެނދު ގާއިމް ކުރުމަށް ވަނީ ހަމަޖެހިފައެވެ. ހަންކެޑެ ތަރައްގީކުރުމުގެ މަޝްރޫއަށް ޗައިނާގެ ބޭންކަކުން 42 މިލިއަން ޑޮލަރު (647.8 މިލިއަން ރުފިޔާ)ގެ ލޯނެއް ނަގާފައިވެއެވެ. 2016 ވަނަ އަހަރުން ފެށިގެން ހަންކެޑެ ތަރައްގީކުރުމުގެ މަސައްކަތް އެކި ކުންފުނިތަކާ ހަވާލުކޮށްފައިވީ ނަމަވެސް އެއްވެސް ސަރުކާރަކަށް އެކަމުގެ އަމަލީ މަސައްކަތް ފެށިފައި ނުވެއެވެ.
ހަންކެޑެ މަޝްރޫއުގެ މަސައްކަތް ފަށައިގެން ކުރިއަށް ގެންގޮސްދިނުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ.