ކުރިއަށް އޮތް 20 ވަނަ ރައްޔިތުން މަޖިލީހުގެ އިންތިހާބުގައި ވާދަ ކުރާ އެހެން ކެންޑިޑޭޓުންނަށް އެންޓި ކެމްޕެއިން ކުރަމުންދާކަން ފާހަގަކޮށް، އެފަދަ ފަރާތްތަކާމެދު ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު އިލެކްޝަން ކޮމިޝަން (އީސީ) އިން ދީފިއެވެ.

މިމަހުގެ 21 ވަނަ ދުވަހު އޮންނަ މަޖިލިސް އިންތިހާބުގެ ކެމްޕެއިން ފޯރި ގަދަވެފައިވާ މި ދަނޑިވަޅުގައި އެ ކޮމިޝަނުން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނީ އިންތިހާބުތަކާ ބެހޭ އާންމު ގާނޫނުގެ 29 ވަނަ މާއްދާގެ (ށ) ގައި އެއްވެސް ކެންޑިޑޭޓަކަށް ތާއީދު ހޯދުމަށް ކުރާ މަސައްކަތުގައި އެހެން ކެނޑިޑޭޓެއްގެ އިންތިހާބީ ހައްގަކަށް އުނިކަން އަތުވެދާނެފަދަ އެއްވެސް ކަމެއް ކޮށްގެންނުވާނެ ކަމަށާއި އެހެން ކެންޑިޑޭޓަކާ ބެހޭގޮތުން އެއްވެސް ދޮގު މައުލޫމާތެއް ބޭނުންކޮށްގެން ނުވާނެ ކަމަށްވެސް ބަޔާންކޮށްފައިވާނެ ކަމަށެވެ.

ނަމަވެސް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ކެންޑިޑޭޓުންނަށް ތާއީދު ހޯދުމަށް ކުރާ މަސައްކަތުގައި އެންޓިކެމްޕެއިންގެ އަމަލުތައް ފެންނަމުންދާކަން ފާހަގަކުރެވިފައިވާ ކަމަށް އީސީގެ ބަޔާނުގައި ވެއެވެ. ނަމަވެސް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ކެންޑިޑޭޓުންނަށް ތާއީދު ހޯދުމަށް ކުރާ މަސައްކަތުގައި އެންޓިކެމްޕެއިންގެ އަމަލުތައް ފެންނަމުންދާކަން ފާހަގަކުރެވިފައިވާ ކަމަށް ވެއެވެ.

އެހެންކަމުން ތާއީދު ހޯދުމަށް ކުރާ މަސައްކަތުގައި އެެހެން ކެންޑިޑޭޓެއްގެ އިންތިހާބީ ހައްގަކަށް އުނިކަން އަދުވެދާނެފަދަ އެއްވެސްކަމެއް ނުކުރުމަށާއި އިންތިހާބާ ބެހޭ އާންމު ގަވައިދުގެ 19 ވަނަ މާއްދާގައި ބަޔާންކުރާ ސުލޫކީ މިންގަނޑަށް ތަބާވުމަށް ހުރިހާ ކެންޑީޑޭޓުންނަށް އެ ކޮމިޝަނުން ވަނީ އިލްތިމާސްކޮށްފައެވެ. އަދި އެފަދަ އަމަލުތައް ކުރާ ފަރާތްތަކަށް ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށް އިސީން ވަނީ ބުނެފައެވެ.

މި އިންތިހާބުގައި ވޯޓުލުމުގެ ހައްގު 284،897 މީހަކަށް ލިބިގެންވާއިރު ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ބާއްވަން އެންމެ ފުރަތަމަ ނިންމީ މާޗް މަހުގެ 17 ވަނަ ދުވަހުގައެވެ. އެ ތާރީހު ދިމާވަނީ ރަމަޟާން މަހުގެ ހަތްވަނަ ދުވަސް، އަދި ސަރުކާރާއި އާންމު އިދާރާތައް ހުޅުވިފައިވާ ދުވަހަށެވެ.

އެހެންކަމުން ރައްޔިތުންގެ މަޖިލީހުން ވަނީ އިންތިހާބެއް ބާއްވާ ތާރީހު ރަމަޟާން މަހާ ދިމާވާ ނަމަ، ރަމަޟާން މަސް ނިމޭތާ 10 ދުވަސް ފަހުން އިންތިހާބު ބާއްވަން ޖެހޭ ގޮތަށް އިންތިހާބުތަކާ ބެހޭ އާންމު ގާނޫނަށް އިސްލާހު ގެނެސްފައެވެ. ނަމަވެސް ރައީސް ޑރ. މުހައްމަދު މުއިއްޒު އެ އިސްލާހު ތަސްދީގުކުރެއްވީ މިދިޔަ މަހުގެ 27 ގައި މަޖިލީހަށް ބިލު އަނބުރާ ފޮނުވާލުމުން، ދެވަނަ ފަހަރަށް ވެސް މަޖިލީހުން އެ ބިލު ފާސްކުރުމުންނެވެ.

އެއީ ގާނޫނުއަސާސީގައިވާ ގޮތުން، ބިލެއް ތަސްދީގުނުކޮށް މަޖިލީހަށް އަނބުރާ ފޮނުވާލުމުން ދެވަނަ ފަހަރަށް އެ ބިލެއް ފާސްކޮށްފިނަމަ، އެ ބިލު ތަސްދީގުކުރަން ރައީސަށް ލާޒިމްކުރާތީއެވެ.