ޕާކިސްތާނުގައި އާންމު ކޮށް ޓަރަރިސްޓް ހަމަލާ ދޭ ބަލޯޗިސްތާންގައި ދަތުރުކުރަމުން ދިޔަ ބަހަކާއި ކާރެއް ހުއްޓުވައި ބަހުގައި ތިބި މީހުންގެ ތެރެއިން ބަޔަކު ނެރެ ގެންގޮސް, ބަޑިޖަހާ މަރާލައިފިއެވެ.
އޮފިޝަލުން ބުނީ ވަކިވަކިން ހިނގި މި ދެހާދިސާގައި ވެސް ބަޑިޖަހާފައި ވަނީ އެއްބަޔަކު ކަމަށް ބެލެވޭ ކަމަށާއި އެމީހުން ފިލާފައި ވާތީ ހޯދުމުގެ މަސައްކަތް ކުރަމުން ދާ ކަމަށެވެ.
ޖުމްލަ 11 މީހަކު މަރާލި މިހާދިސާގައި ބަސް ހުއްޓުވާފައި ވަނީ އަފްގާނިސްތާނާއި އިރާނާއި ޕާކިސްތާން ގުޅޭ ބޯޑަރު ކައިރިން ބަލޯޗިސްތާންގައެވެ. ފުލުހުން ބުނީ ހަތިޔާރު އަޅައިގެން ތިބި މީހުން ބަސް ހުއްޓުވީ ހައިވޭއިން ކަމަށާއި އޭގައި ތިބި މީހުންގެ ތެރެއިން ބަޔަކު ބޭރަށް ނެރެ ގެންގޮސް ބަޑިޖަހާ މަރާލީ ކަމަށެވެ. ދެވަނަ ހާދިސާގައި ކާރެއް ހުއްޓުވައި އޭގައި ތިބި 2 މީހުންގެ ގަޔަކަށް ބަޑިޖެހި ކަމަށް އޮފިޝަލުން ބުނެފައި ވެއެވެ. އެކާރު ބްލޮކޭޑާ އަރާ ހަމަވުމުން ހުއްޓުވި އިރު އޭގައި 8 މީހަކު ތިބި ކަމަށް އޮފިޝަލުން ބުނެއެވެ. ކާރު ހުއްޓި ވަގުތު ބަޑިޖަހަން ފެށުމުން ކާރު ދުއްވާލި ކަމަށް ބުނެފައި ވެއެވެ. ނަމަވެސް 2 މީހަކު މަރުވެ 6 މީހުން ޒަހަމްވިއެވެ.
އިތުރު ތަފްސީލު ދެއްވަމުން ޑެޕިއުޓީ ކޮމިޝަނަރު ހަބީބުއްލޯ މުސާކިލް ވިދާޅުވީ, ހަތިޔާރު އަޅައިގެން ތިބި މީހުން ހައިވޭގައި ބްލޮކޭޑް ބަހައްޓާ ބަސް ހުއްޓުވި ކަމަށެވެ. އެއާއެކު ބަހަށް އަރާ އެންމެންގެ އައިޑީކާޑު ބެލި ކަމަށާއި އޭގެ ތެރެއިން 9 މީހުން ބޭރަށް ބާލައި އެމީހުން ގޮވައިގެން ފަރުބަދަ ތަކުގެ ތެރެއަށް ދިޔަ ކަމަށެވެ. އެ އެންމެންނަކީވެސް އިރުމަތީ ޕަންޖާބަށް ނިސްބަތްވާ މީހުން ކަމަށް ވެސް ބުނެފައި ވެއެވެ.
ފުލުހުންނަށް އެ 9 މީހުންގެ ހަށިގަނޑު ފެނުނީ ހައިވޭއާ 5 ކިލޯމީޓަރު ދުރުގައި އޮންނަ ބްރިޖެއްގެ ދަށުން ކަމަށް ވެސް ބުނެފައި ވެއެވެ.
ހުއްޓުވި ބަހުގައި ޖުމްލަ 70 މީހުން ތިބި ކަމަށް އޮފިޝަލުން ބުނެއެވެ. އަދި ބަހުން މީހުން ބޭލުމަށް ފަހު ބަސް ދުއްވަން ޑްރައިވަރަށް އިންޒާރު ދިން ކަމަށާއި ހަމަލާ ދިން މީހުން އެމީހުނަށް ދެނެ ނުގަނެވުނީ އެމީހުން މާސްކު އަޅާ މޫނު ނިވާކޮށްގެން ތިބުމުން ކަމަށް އިދާރާތަކުން ބުނެފައި ވެއެވެ.
ބަހުގެ ޑްރައިވަރު ފުލުހުންނަށް ދިން ބަޔާނުގައި ބުނެފައި ވަނީ, މޫނު ނިވާކޮށްގެން ތިބި މީހުން ބަހަށް އަރާ އައިޑީ ކާޑު ބަލަމުން ޕަންޖާބީއެއް ކަން ފާހަގަ ވުމާއެކު "ކަލޭމެން ޕަންޖާބީން އަހަރެމެންގެ ޅަދަރިން މަރައިފި, ތެދުވެގެން މިހާރު އާދޭ" ކިޔާ އިންޒަރު ދެމުން ގެންދިޔަ ކަމަށެވެ.
ޕާކިސްތާނުގެ ސަރުކާރުން މިމައްސަލައިގައި ބުނީ މިއީ ޓެރަރިޒަމްގެ އަމަލެއް ކަމަށާއި ހަމަލާދިން މީހުން ހޯދާ ހައްގު އަދަބު ދޭނެ ކަމަށެވެ. އަދި ހާދިސާގެ މަރުވި އާއިލާތަކަށް ތައުޒިޔާ ކިޔާކަމަށް ބުނެފައި ވެއެވެ.
ބަލޯޗިސްތާނަކީ ވަކިވެގަތުމަށް މަސައްކަތް ކުރާ ހަތިޔާރުއެޅި ބަޔަކު ދިރިއުޅޭ ގުދުރަތީ މައުދަންތަކުން މުއްސަނދި ސަރަހައްދެކެވެ. އެސަރަހައްދުގައި ޗައިނާއިން މާ ސިންގާ ޕްރޮޖެކްޓެއް ހިންގަމުން ގެންދާ އިރު, އެ ޕްރިޖެކްޓު ހުއްޓުވުމަށް ވެސް އެޖަމާއަތުން ދޭތެރެ ދޭތެރެއިން ހަމަލާ ދެއެވެ. މިފަދަ ބައެއް ހާދިސާތަކުގައި އެތަނގައި މަސައްކަތުގައި އުޅޭ ޗައިނާގެ އެތައް ރައްޔިތަކު މަރުވެފައި ވެސް ވެއެވެ.