މާލެއަށް މިއަދު ކުރި ވިއްސާރާގައި މަގުތަކުގައި ފެންބޮޑުވެ 85 ގެއަކަށް ފެން ވަދެގެން ރިޕޯޓް ކޮށްފައިވާ ކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ބުނެފިއެވެ.

މިހާތަނަށް މާލެއިން ފެންވަން 85 ގެއަކުން ރިޕޯޓު ކޮށްފައި ވާއިރު އޭގެތެރެއިން އުޅެން ދަތިވާވަރަށް ފެންބޮޑުވި ކަމަށް ރިޕޯޓް ކޮށްފައި ވަނީ 7 ގެއަކުން ކަމަށް އެންޑީއެމްއޭއިން ބުނެއެވެ.

އެންޑީއެމްއޭއިން ބުނީ އެ 7 ގޭގެ ރެޕިޑް އެސެސްމަންޓް، މޯލްޑިވްސް ރެޑް ކްރެސެންޓްގެ އެހީތެރިކަމާއެކު ކުރިއަށްދާ ކަމަށެވެ. އަދި މިހާތަނަށް 41 ގެއެއްގައި 241 ވެލިބަސްތާ ޖަހާފައިވާ ކަމަށް ވެސް އެ އޮތޯރިޓީއިން ބުނެއެވެ.

މުޅި ރާއްޖެއަށް ކުރަމުންދާ ވިއްސާރާގައި އަތޮޅު ތެރޭގެ ބައެއް ރަށްރަށް ވެސް ވަނީ ގެއްލުން ވެފައެވެ. އެގޮތުން ށ. ފީވަކުގެ 20 ގެއަކަށާއި ށ. ފޯކައިދޫ 3 ގެއަކަށް ފެން ވަދެފައިވާ ކަމުގެ ރިޕޯޓު ލިބިފައިވާ ކަމަށް އެންޑީއެމްއޭއިން ބުނެއެވެ. އަދި އިޖާބަދިނުމުގެ މަސައްކަތުގައި ކައުންސިލްތަކާއި އިޖާބަދޭ ފަރާތްތައް ހަރަކާތްތެރިވަމުން ދާ ކަމަށް އެ އޮތޯރިޓީއިން ބުނެއެވެ.

މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް (މެޓް) އިން ވަނީ ހއ. އަތޮޅުން ފެށިގެން ލ. އަތޮޅަށް ޔެލޯ އެލާޓް ނެރެފައެވެ. ޔެލޯ އެލާޓް ނެރެފައި ވަނީ މިރޭ 8:00 އިން ފެށިގެން މެންދަމު 12:00 އާ ދެމެދުގެ ވަގުތަށެވެ. ހއ. އަތޮޅުން ފެށިގެން ލ. އަތޮޅަށް ޔެލޯ އެލާޓް ނެރެފައިވާއިރު އެ ސަރަހައްދަށް ބޯކޮށް ވާރޭ ވެހުމާއެކު ގުގުރާނެ ކަމަށް މެޓް އޮފީހުން ލަފާކުރެވެ.

ގއ. އަތޮޅުން ފެށިގެން އައްޑޫ ސިޓީއަށް ވެސް ބޯކިށް ވާރޭ ވެހުމާއެކު ގުގުރާނެ ކަމަށް ލަފާކޮށް މެޓް އޮފީހުން ވަނީ ވައިޓް އެލާޓް ނެރެފައެވެ. އެ ސަރަހައްދަށް ވައިޓް އެލާޓް ނެރެފައި ވަނީ މިރޭ 8:00 އިން ފެށިގެން މެންދަމު 12:00 އާ ދެމެދުގެ ވަގުތަށެވެ.