ކުރިއަށް އޮތް 20 ވަނަ ރައްޔިތުން މަޖިލީހާ ދިމާކޮށް ކުންފުނިތަކާއި މުއައްސަސާތަކުގައި ތިބި ފަރާތްތަކަށް ސަރުކާރުން ވަޒީފާގެ ބިރު ދައްކަމުންދާ ވާހަކަތައް ޕީޕީއެމް/ޕީއެންސީ އިން ދޮގުކޮށްފިއެވެ.

ސަރުކާރުން މަޖިލިސް އިންތިހާބަށް ނުފޫޒުފޯރުވުމަށް ފާޅުގައި ވަޒީފާގެ ބިރުދައްކަމުންދާ ކަމަށް އިދިކޮޅު މައި ޕާޓީ އެމްޑީޕީން ތުހުމަތުކޮށް މިއަދު ވަނީ ބަޔާނެއް ނެރެފައެވެ. އެ ބަޔާނުގައިވާ ގޮތުން ސަރުކާރު ކުންފުނިތަކަށާއި އޮފީސްތަކަށް މުވައްޒަފުން ނެގުންވެސް ޕީއެންސީގެ ކެންޑިޑޭޓުންނަށް ދޫކޮށްލުމަށް ސަރުކާރުން ގޮވާލަމުންދާ ކަމަށެވެ.

އަދި ހަަމައެހެންމެ ކެމްޕެއިންގައި ސަރުކާރުން ދައުލަތުގެ ވަސީލަތްތައް ނަހަމަގޮތުގައި ފާޅުގައި ބޭނުންކުރަމުންދާ ކަމަށް ތުހުމަތުކޮށް އެމްޑީޕިން ބުނީ އެކަން އެގޮތަށް ކުރަމުންދަނީ ސަރުކާރުން ރައްޔިތުންނަށް ހެދި ދޮގުތަކާއި އޮޅުވާޅުންތައް ފަޅާ އަރަމުންދާތީ ރައްޔިތުން އެކަމާ ދެކޮޅަށް މި އިންތިހާބުގައި ވޯޓު ދޭނެކަން އެނގޭތީ ބިރު ދެއްކުމަށް ކަމަށް އިދިކޮޅުން ވަނީ ތުހުމަތު ކޮށްފައެވެ.

އެ ތުހުމަތުތަކަށް ރައްދު ދެމުން ސަރުކާރު ހިންގާ ޕީޕީއެމް/ޕީއެންސީ އިން މިރޭ ނެރުނު ބަޔާނުގައި ބުނީ، ރައްޔިތުން މަޖިލީހާ ދިމާކޮށް ކުންފުނިތަކާއި މުއައްސަސާތަކުގައި ތިބި ފަރާތްތަކަށް ސަރުކާރުން ވަޒީފާގެ ބިރު ދައްކަމުންދާ ކަމަށްބުނެ އެމްޑީޕީން ފަތުރަމުންދާ ވާހަކަތަކަކީ އެއްވެސް ހަގީގަތެއް ނެތް ވާހަކަތަކެއް ކަމަަށެވެ.

އަދި ވަކި ފަރުދަކު ފާޅު ކުރާ ހިޔާލަކީ އެ ޕާޓީން ގެންގުޅޭ ސިޔާސަތެއް ނޫންކަން ފާހަގަކޮށް އެ ބަޔާނުގައި ބުނެފައި ވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސިޔާސަތަކީ ޑިމޮކްރަސީގެ ރީތި އުސޫލުގެ ތެރެއިން ހަމަހަމަކަމާއެކު ސިޔާސީ ހަރަކާތްތައް ކުރިއަށް ގެންދިއުމުގެ އިތުރުން އެފަދަ ހަރަކާތްތަކުގައި ބައިވަރިވުމުގެ ފުރުސަތު ދީގެން ކުރިއަށް ދިއުމަށް ކަމަށެވެ. އަދި އެ ޕާޓީން ރައްޔިތުންގެ ތާއީދު ހޯދަނީ ރައްޔިތުންގެ އަޑު އަހާ ރައްޔިތުން އެދޭ ތަރައްގީ ގެނެސްދީގެން ކަމަށްވެސް ޕީޕީއެމް/ޕީއެންސީން ވަނީ ބުނެފައެވެ.

އެމްޑީޕީގެ އިސްވެރިން ރަށްރަށަށް ކުރައްވާ ދަތުުރުތަކުގައި މިހާރުވެސް ވަޒީފާތަކުގަ ތިބި ފަރާތްތަކުން ބައިވެރިވަމުންދާކަން ފާހަގަކޮށް ޕީޕީއެމް/ޕީއެންސީން ބުނީ އެމްޑީޕީ ސަރުކާރުން ފިކުރަށް ބަލާ ވަޒީފާތަކުން މީހުން ވަކިކޮށް ބިރު ދައްކާ ސިޔާސީ ކަންކަމުގައި ބައިވެރިވާ ފަރާތްތަކުން ހައްޔަރު ކުރަމުންދިޔަ ގޮތަށް ކަންކަން ކުރުމަކީ މި ސަރުކާރުގެ ސިޔާސަތެއް އަދި ފިކުރެއްވެސް ނޫން ކަމަށެވެ.